މާލެ ސިޓީ ޕޮލިހާއި ފުލުހުންގެ އިންޓެލިޖެންސް އަދި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން މާލޭގައި ހިންގި ދެ އޮޕަރޭޝަނެއްގައި، ގާނޫނާއި ގަވާއިދާ ޚިލާފަށް ހުއްދަނެތި ބޭރު ފައިސާ މާރުކުރުމުގެ މަސައްކަތް ކުރަމުންދިޔަ ދެ ތަނެއް ހުއްޓުވައިފި އެވެ.

އިމިގްރޭޝަނުން ބުނީ ފުރަތަމަ އޮޕަރޭޝަން ސެޕްޓެންބަރު ތިން ވަނަ ދުވަހު ހިންގާފައިވާއިރު، އެ އޮޕަރޭޝަނުގައި “ޓްރާންސްފަރ މޯލްޑިވްސް” ގެ ނަމުގައި، ހުއްދަ ހޯދުމަކައި ނުލައި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރަމުންދިއުމާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީން އެ ވިޔަފާރި ހުއްޓުވައި، ނޯޓިސް ހަރުކޮށްފައިވާ ކަމަށެވެ.

ސެޕްޓެންބަރު 11 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި އެމްއެމްއޭ އިން ހުއްދަ ނުނަގައި ގަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ސޮވެނިޔަރ ވިޔަފާރި ކުރާތަން ބަލައިފާސްކޮށްފައިވެ އެވެ. އެގޮތުން ޗާންދަނީ މަގުގައި ހުންނަ ކާޝިބޯޓް ސުވެނިޔަރ ފިހާރަށްއަށް ގޮސް ބެލިބެލުމުން އެތަނަކީ އެމްއެމްއޭ އިން ނަގަންޖެހޭ ހުއްދަތައް ނުނަގައި ބޭރު ފައިސާ ގަނެ ވިއްކުމުގެ މަސައްކަތް ކުރަމުންދާ ތަނެއްކަން ފާހަގަކުރެވުމާ ގުޅިގެން ފިހާރައަށް ވިޔަފާރިކުރުމަށް ދީފައިވާ ހުއްދަ ވަގުތީގޮތުން ބާތިލްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

މީގެއިތުރުން މި އޮޕަރޭޝަނުގައި، ބޭރު ފައިސާ މާރުކުރުމުގެ ހިދުމަތްދޭ ބައެއް ތަންތަން ބަލައިފާސްކޮށް، ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަށް އިރުޝާދު ދީފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.