ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ މަލައިކާ އަރޯރާއާއި އަމްރިތާ އަރޯރާގެ ބައްޕަ އަނިލް މެހްތާ އަމިއްލައަށް އިމާރާތެއްގެ މަތިން ފުންމާލައިގެން މަރުވެއްޖެ އެވެ.
ބުދަ ދުވަހުގެ ހެނދުނު ހިނގި މި ހާދިސާގައި އުމުރުން 62 އަހަރުގެ އަނިލް ފުންމާލާފައިވަނީ އޭނާ ދިރިއުޅެމުން ދިޔަ އިމާރާތުގެ ހަވަނަ ފަންގިފިލާއިން ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ހާދިސާ ހިނގުމާއެކު މަލައިކާއާއި އޭނާގެ ލޯބިވެރިޔާ އަރުޖުންގެ އިތުރުން މަލައިކާގެ ކުރީގެ ފިރިމީހާ އަރުބާޒް ޚާންއާއި އޭނާގެ އާއިލާއިން ވަނީ އެ ގެއަށް ގޮސްފަ އެވެ.
އޭގެ ހައެއްކަ ގަޑިއިރު ފަހުން ސޯޝަލް މީޑިއާ މެދުވެރިކޮށް މަލައިކާ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ހާދިސާއާއެކު އެއާއިލާއަށް ކުއްލި ސިހުމެއް ލިބިފައިވާ ކަމަށާއި މި އުނދަގޫ ދަނޑިވަޅުގައި މީޑިއާއާއި އާއްމުންގެ ކިބައިން އިހުތިރާމަށް އެދޭ ކަމަށެވެ.
ހަބަރުތައް ބުނާ ގޮތުގައި އެ ހާދިސާ ހިނގި ދުވަހުގެ ކުރީރޭ އަރުބާޒް ވަނީ އަނިލްއަށް ޒިއާރަތް ކޮށްފަ އެވެ. އެއާއެކު މަރުވުމުގެ ކުރިން އޭނާގެ ދަރިންނަށް ފޯނުކޮށް ދިރިއުޅުން ދެކެ ފޫހިވެ ވަރުބަލިވެއްޖެ ކަމަށް ބުނެފައިވާ ކަމަށް ވެސްވެ އެވެ.
އަނިލްގެ ޖަނާޒާ ބާއްވާފައިވަނީ އިއްޔެގެ ވަގުތެއްގައި މުމްބާއީގަ އެވެ. އެ ޖަނާޒާގައި އާއިލާއާއި ރަހުމަތްތެރިންގެ އިތުރުން ބޮލީވުޑްގެ ގިނަ ބަޔަކު ބައިވެރިވެފައިވެ އެވެ.
އަނިލް މަރުވެފައިވަނީ އަމިއްލައަށް ކަމަށް ބެލެވުނު ނަމަވެސް އެ މަރުގައި ބަލަންޖެހޭ ކަންތައްތަކެއް ހުރުމުން މުމްބާއީގެ ފުލުހުން އަންނަނީ މަރުގެ ތަހުގީގު ކުރަމުންނެވެ.