ކުށުގެ އެކި ތުހުމަތުތަކުގައި މީގެ ކުރިން 99 ފަހަރު ހައްޔަރުކޮށްފައިވާ ދިވެއްސަކު ވައްކަމުގެ ތުހުމަތެއްގައި 100 ވަނަ ފަހަރަށް ހައްޔަރުކޮށްފި އެވެ.

އުމުރުން 33 އަހަރުގެ ވާރިޝް ޝަމްސުއްދީން މިފަހަރު ހައްޔަރުކޮށްފައިވަނީ އަތުކުރީ ގަޑިތަކަކާއި ފޯނެއް ވަގަށް ނެގި މައްސަލައެއްގަ އެވެ. އޭނާ 15 ދުވަހު ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

ވާރިޝް ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރި އަމުރުގައިވާ ގޮތުން މީގެ ކުރިން އޭނާ ވަނީ 99 ފަހަރު ހައްޔަރުކޮށް އަދި އޭގެ ތެރެއިން 39 ފަހަރު ބަންދުގެ މުއްދަތު އިތުރުކޮށް، ބަންދުގައި ބަހައްޓައިފަ އެވެ.

ވާރިޝް ކޯޓުގައި ބުނީ ވައްކަންކުރި ކަމަށް ބުނާ ގެއަށް ވަނީ ރައްޓެއްސަކު ބުނެގެން ކަމަށާއި ފޯނަކީ މަގުމަތީގައި އޮތް ފޯނެއް ކަމަށެވެ. އެ ގެ އަށް ވަނީ ވައްކަން ކުރަން ނޫން ކަމަށް އޭނާ ބުނެފައިވެ އެވެ.

ކޯޓު އަމުރުގައިވާ ގޮތުން ވާރިޝްއަށް ވަނީ އަނިޔާތަކެއް ވެސް ވެފަ އެވެ. އެއީ ކިހިނެއް ލިބުނު އަނިޔާތަކެއް ކަމެއް ބުނެފައެއް ނުވެ އެވެ. މި އަނިޔާތަކަށް ބޭސްފަރުވާކުރުމުގެ އިންތިޒާމް ހަމަޖައްސަން ފަނޑިޔާރު ވަނީ އަންގަވައިފަ އެވެ.