އަހަރެމެންގެ އާއްމު ދިރިއުޅުމުގައި ނުވަތަ ހާލަތެއް ނިއާކުރާ ގޮތަކުން، ނުރައްކާތެރި ކަމަކާ ކުރިމަތިލާން ޖެހިއްޖެ ނަމަ، އެކަމާ ހާސްވެ ކަންބޮޑުވާގޮތްވެ އެވެ. ހަމައެއާއެކު، ބައެއް ޙާލަތްތަކުގައި ދިގުމުއްދަކަށް ސްޓްރެސް ތަހައްމަލު ކުރަންޖެހޭގޮތް މެދުވެރިވުމުން، އެންޒައިޓީ އާއި ޑިޕްރެޝަން ފަދަ މައްސަލަތަކަށް މަގުފަހިވެގެންދެ އެވެ. މިފަދަ ހާލަތްތަކުގައި އާއްމުކޮށް ނޭވާލެވޭ މިންވަރު ދައްވުމުގެ ސަބަބުން ވޭގަސް ނާވްއަށް އެކަމުގެ ނޭދެވޭ އަސަރު ކުރެ އެވެ.

ވޭގަސް ނާވް އަކީ ހަށިގަނޑުގައިވާ އެންމެ ދިގު ނާވް އެވެ. މިނާވް އަދާކުރާ މައްސޫލިއްޔަތްތަކުގެ ތެރޭގައި އިންސާނާގެ ސިއްޙަތާއި ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި ހިތުގެ ވިންދު، ހަޖަމުގެ ބައި އަދި ދިފާއީ ނިޒާމު ހިމެނެ އެވެ. ވީމާ، އާންމު ދިރިއުޅުމުގައި ވޭގަސް ނާވްއަށް ސަމާލުކަން ދިނުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. މިގޮތުން ކުރެވިދާނެ ކަމަކީ ވޭގަލް ޓޯން ރަނގަޅު ކުރުމެވެ.

ވޭގަލް ޓޯން ރަނގަޅު ކުރުމަށް އެންމެ ފަސޭހަ ގޮތަކީ ފުންކޮށް ނޭވާލާން ދަސްކުރުމެވެ. މިގޮތަށް ނޭވާލުމަށް ނަފްސާނީ ދުޅަހެޔޮކަމުގެ ފަރުވާގައި "ޑައިފްރަމެޓިކް ބްރީތިން" ނުވަތަ "ބްރެތްވޯކް" އޭ ކިޔަ އެވެ. މިގޮތަށް ނޭވާލާއިރު، އާންމުކޮށް އަހަރެމެން ނޭވާލާ ގޮތާ ޚިލާފަށް، ލަސްލަހުން އެތެރެއަށް ނޭވާލާއިރު ހަށިގަނޑަށް ލިއްބައިދޭ އޮކްސިޖަންގެ މިންވަރު ރަނގަޅުވެ، ބޭރަށް ނޭވާ ލާއިރު ކާބަން ޑައިއޮކްސައިޑް ނަމަކަށް ކިޔާ މާއްދާ ހަށިގަނޑުން ބޭރުކޮށްދެ އެވެ.

މިގޮތަށް ނޭވާލުމަކީ އެއްވެސް އިކުއިޕްމަންޓްއެއް ބޭނުންކުރުމެއް ނެތި ވަރަށް ފަސޭހައިން ގޭގައިވެސް ކުރެވިދާނެ ކަމެކެވެ. ދުވާލަކު ދެފަހަރު ނުވަތަ ތިން ފަހަރު، ގާތްގަނޑަކަށް ތިނެއް ނުވަތަ ހަތަރު މިނެޓް ވަންދެން ނޭވާލުމުގެ ކަސްރަތުކުރުމުން ވޭގަލް ޓޯން އަށް ރަނގަޅު ބަދަލެއް ގެނުވައި ސްޓްރެސްއާ ކުރިމަތިލުމުގެ ގާބިލުކަންކަން އިތުރުކޮށްދޭކަން އެކިއެކި ހޯދުންތަކުން ހާމަވެއެވެ. މިގޮތުން، ސްޓްރެސްވާ މިންވަރު ދަށްކޮށްދީ، ހަށިގަނޑަށް ހިތްހަމަޖެހުން ގެނުވައިދެ އެވެ. ހަމައެއާއެކު، ސިއްހަތަށް ވެސް ގިނަގުނަ ފައިދާތަކެއް ލިއްބައިދެ އެވެ. މިގޮތުން ލިބޭ ބައެއް ފައިދާތަކުގެ ތެރޭގައި، ގެސްޓްރިކް އެންޒައިމްތައް އިތުރުވެ ހަޖަމުކުރުމަށް ހެޔޮބަދަލެއް އައުމާއި، މައިގްރެއިން މަދުވުމާއި، ހަނދާނާއި އާއި ކަންކަމަށްދޭ އަހަންމިޔައްތަށް ހެޔޮބަދަލެއް އައުން ހިމެނެ އެވެ.

މިލިޔުމުގައި މިހިމަނާލަނީ "11-7 ބްރީތިން" ހަދާނެ ގޮތެވެ. މިއީ އާންމު ދިރިއުޅުމުގައި ސްޓްރެސް އާއި އެންޒައިޓީ މެނޭޖް ކުރުމަށް ވަރަށް ރަނގަޅު ގޮތެކެވެ. މިނޭވާލުމުގެ ކަސްރަތަށް ދުވާލަކު ދިހަ މިނެޓު ކަނޑައަޅާށެވެ. 11-7 ބްރީތިން ހަދާނެ ގޮތް ތިރީގައި މިވަނީ އެވެ. އަަދި، މި ލިންކް ގައިވާ in8.uk.com ގެ 11-7 ބްރީތިން އެނިމޭޝަން ޔޫޓިއުބް މި ލިންކް ބަލައިލާށެވެ.

  1. ތަނެއްގައި ހަމަޖެހިލައިނގެން އިށީންނާށެވެ. ނޫނީ އޮށޯވެލާށެވެ.
  2. މަޑުމަޑުން ދެލޯ މަރާލުމަށް ފަހު ހަށިގަނޑަށް ލުޔެއް ދިނުމުގެ ގޮތުން ފުން ނޭވާކޮޅެއް ލާށެވެ.
  3. ހަތް ސިކުންތަށް (ހިތުން ގުނަމުން) ނޭފަތުން (އަނގަ ނުހުޅުވާ) އެތެއަށް ނޭވާލާށެވެ.
  4. ހިނދުކޮޅަކަށް ނޭވާ ހިފަހައްޓާލާށެވެ.
  5. އެއަށްފަހު، 11 ސިކުންތަށް (ހިތުން ގުނަމުން) މަޑުމަޑުން ބޭރަށް އެއްކޮށް ނޭވާ ލާށެވެ.
  6. ސްޓްރެސް ރެސްޕޮންސް ދައްވަންދެން މިގޮތައް ތަކުރާރު ކުރާށެވެ.

މިލިޔުމުގައި ހިމަނާލާފައި މިވަނީ އާންމު މައުލޫމާތެވެ. މިއީ ވަކި ފަރުދެއްގެ ނަފްސާނީ ދުޅަހެޔޮކަމުގެ ހާލަތާ ގުޅިގެން ދޭ ލަފާއެއްގެ ގޮތުގައި ބަލައި އެކަމުގެ މައްޗަށް ބަރޯސާ ނުވާށެވެ. ސާޓިފައިޑް ކްލިނިކަލް ހިޕްނޮތެރަޕިސްޓެއްގެ އެހީތެރިކަން، ބޭނުންވާނަމަ، ކާމްތެރަޕީ އަކީ ހިޕްނޮތެރަޕީގެ ޚިދުމަތް އޮންލައިންކޮށް ފޯރުކޮށްދޭ ފަރާތެކެވެ.

އެޑިޓަރުގެ ނޯޓް: މި އާޓިކަލް ލިޔުއްވި އާމިނަތު ލައިލާއަކީ ސެޓިފައިޑް ކްލިނިކަލް ހިޕްނޮތެރަޕިސްޓެކެވެ.