ވ. އާރަށުގައި ރިސޯޓެއް ތަރައްގީ ކުރަން ކުންފުންޏަކަށް އެ ރަށް ވިއްކާލައިގެން ލިބުނު ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކޮށް ފައިސާ މަނީލޯންޑާ ކުރުމުގެ ތުހުމަތުގައި ދައުލަތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް އަންނަ ހޯމަދުވަހު ބޭއްވުމަށް ތާވަލުކޮށްފި އެވެ.

އާރަށު މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލުހުކުމް ބާތިލުކޮށް އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އެންގި އެންގުމާ އެއްގޮތަށް، އެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިދިޔަ މަހު ވަނީ ފަށާފަ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން އާރަށް ކުއްޔަށް ދީގެން ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ޑިސެމްބަރު 25، 2022 ގަ އެވެ.

ކްރިމިނަލް ކޯޓުގައި މިދިޔަ މަހު 21 އޮތް އަޑުއެހުމުގައި ރައީސް ޔާމީންގެ ވަކީލު ހަމްޒާ ލަތީފް ވަނީ މައްސަލަ ލައިވްކޮށްގެން ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފަ އެވެ.

ރައީސް ޔާމީންގެ ފަރާތުން ހުށަހެޅުއްވި އެ ކަން ބަލައިގަނެ، މައްސަލައާ ހަވާލުވެވަޑައިގެންނެވި ގާޒީ އަލީ ނަދީމް ނިންމެވީ ދެން އޮންނަ އަޑުއެހުމުން ފެށިގެން އެ ޝަރީއަތުގެ އަޑުއެހުންތައް ލައިވްކުރުމަށެވެ.

ކުރިމިނަލް ކޯޓުގެ ޝެޑިއުލުން ދައްކާ ގޮތުގައި އެ މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ ހޯމަ ދުވަހު އެވެ.

ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އަލުން ފަށާފައިމިވަނީ އެ ހުކުމް ބާތިލުކޮށް މައްސަލަ އަލުން ބަލަން ހައި ކޯޓުން އެންގިތާ ހަތަރު މަސް ފަހުންނެވެ.

މި މައްސަލާގައި ޔާމީންއާ ދެކޮޅަށް ހުށަހަޅާފައިވާ އާ ހެކިތައް އެއް ފަރާތްކޮށް އަލުން މައްސަލާގައި ގޮތެއް ނިންމަން ހައި ކޯޓުން އަންގާފައިވާ ބައި ދައުލަތުން މިހާރު އޮތީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ވެސް ކޮށްފަ އެވެ. އެ މައްސަލަ އެ ކޯޓުން ބަލައިގެންފައިވިޔަސް އަދި މައްސަލައިގެ އަޑުއެހުންތަކެއް ނުފަށަ އެވެ.

އާރަށު މައްސަލާގައި ޔާމީންއަށް ރިޝްވަތު ދިންކަން ސާބިތުވި ކުރީގެ މަޖިލިސް މެމްބަރު ޔޫސުފް ނައީމުގެ މައްޗަށް އިއްވާފައިވާ ތިން އަހަރު ދުވަހުގެ ޖަލު ހުކުމް ބާތިލުކޮށް އެ މައްސަލަ ވެސް އަލުން ބަލަން ހައި ކޯޓުން ވަނީ ކްރިމިނަލް ކޯޓަށް އަންގާފަ އެވެ. ނަމަވެސް އޭނާގެ މައްސަލައިގެ ޝަރީއަތް އަދި ކްރިމިނަލް ކޯޓުން ނުފަށަ އެވެ.