ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާތަކާ ގުޅޭ މައްސަލަ ސުޕްރީމް ކޯޓުގައި އޮތުމުން އެ މައްސަލާގެ ޝަރީއަތް ކްރިމިނަލް ކޯޓުން މަޑުޖައްސާލަން ނިންމައިފި އެވެ.

އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލު ކުރައްވައި، މަނީ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެ މަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނިކޮށް، އެ ހުކުމް ބާތިލް ކުރުމަށް ފަހު، ހައި ކޯޓުން ވަނީ އެ މައްސަލަ އަލުން ބަލަން އަންގައިފަ އެވެ.

އެ މައްސަލަ މަޑުޖައްސާލަން ކްރިމިނަލް ކޯޓުން ނިންމީ އެ މައްސަލައާ ގުޅޭ ހެކިތަކުގެ މައްސަލައެއް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައި އޮތުމުންނެވެ.

ކްރިމިނަލް ކޯޓުގައި މިއަދުގެ އަޑުއެހުން ފެށުމުން, ޔާމީންގެ ވަކީލުން ވިދާޅުވީ ދިފާއީ ބައެއް ހެކިތައް ބަލައިނުގަތުމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އެދިފައިވާއިރު، ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ވެސް ހެކިތަކާ ގުޅޭ ބައެއް ހިމެނޭ ކަމަށެވެ.

އެހެންކަމުން ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ނިމެންދެން އެ މައްސަލަ މަޑުޖައްސާލަން ވަކީލުން އެދުނެވެ.

ދައުލަތުން ބުނީ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ މައްސަލަ މަޑުޖައްސާލަން ސުޕްރީމް ކޯޓުން އަންގާފައިނުވާ ކަމަށެވެ. ނަމަވެސް ޔާމީންގެ ވަކީލުން ފާހަގަކުރި ގޮތަށް، އެ ދެ މައްސަލާގައި ގުޅުމެއް އެބައޮތް ކަމަށް ދައުލަތުން އެއްބަސްވި އެވެ.

އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ އ ދެ މައްސަލާގައި ފުށުއެރުމެއް އޮތް ކަމަށް ގަބޫލު ކުރެވޭތީ ސުޕްރީމް ކޯޓުން މައްސަލަ ނިމެންދެން އެ މައްސަލަ މަޑުޖައްސާލަން ނިންމެވީ ކަމަށެވެ.

އާރަށް މައްސަލާގައި ޔާމީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް ޖަލު ހުކުމެއް އިއްވި އެވެ. އެ މައްސަލަ ވެސް އަލުން ބަލަން ހައި ކޯޓުން އޮތީ އަމުރުކޮށްފަ އެވެ. ނަމަވެސް ޔޫސުފް ނައީމްގެ ބައި އަދި ކުރިއަކަށް ނުގެންދެ އެވެ.

އާރަށް މައްސަލާގެ އިތުރުން ރ. ފުއްގިރި މައްސަލާގައި ވެސް ޔާމީނަށް ދައުލަތުން ދައުވާކުރެ އެވެ. އެ މައްސަލަ ކުރިއަށް ގެންދަނީ ވަކިންނެވެ.