މީހެއްގެ ވައިބާ އާއި ފޭސްބުކް އެކައުންޓުގެ ކޮންޓްރޯލް ހޯދައި، އެ މީހާގެ ނަމުގައި އެކި މީހުންނަށް މެސެޖުކޮށް، މަކަރާއި ހީލަތުން އެކި މީހުންގެ އަތުން އަތުލި ފައިސާތަކެއް ހޯދައި ވެރިފަރާތްތަކާ ހަވާލުކޮށްފި އެވެ.

ފުލުހުން ބުނީ ސެޕްޓެންބަރު މަހުގެ 13 ވަނަ ދުވަހު ހުށަހަޅާފައިވާ މި މައްސަލައާ ގުޅިގެން، އެ ފައިސާތައް ހޯދުމަށް ހެންވޭރު ޕޮލިހާއި ސައިބާ ސެންޓަރުގެ ފުލުހުން ގުޅިގެން ކުރި މަސައްކަތުން ހަ ގަޑިއެއްހާއިރުގެ ތެރޭގައި އެ ފައިސާތައް ވަނީ ހޯދާފައިވާ ކަމަށެވެ. އެގޮތުން، އެކި މީހުން ފައިސާ ޖަމާކޮށްފައިވާ ތިން އެކައުންޓުގެ ވެރިފަރާތް ހޯދައި ދެނެގަނެ 10700 ރުފިޔާ ހޯދާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލައާ ގުޅިގެން މާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކުރިއިރު، އޭޓީއެމް މެދުވެރިކޮށް ފައިސާ ޖަމާކޮށްފައިވާ ސްލިޕްތަކަކާއި ކޭޝްކާޑުތަކަކާއި ދިރާގު އަދި އުރީދޫ ސިމްތަކެއް ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ.