އާ ސަރުކާރު ވެރިކަމާ ހަވާލުވިފަހުން ފެނަކަ ކޯޕަރޭޝަނުން 1477 މީހަކަށް ވަޒީފާ ދީފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން މައުލޫމާތު ހޯދަން "ހުރިހާ" އިން ހުށަހެޅި އާރްޓީއައި އަށް ފެނަކައިން މިއަދު ވަނީ ޖަވާބުދީފަ އެވެ.

އެ ޖަވާބުގައިވާގޮތުން 1477 މީހަކަށް އަލަށް ވަޒީފާ ދީފައިވާއިރު، 2029 މީހަކު ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ އެއްވެސް މީހަކު ވަޒީފާ އިން ވަކިނުކުރާނެ ކަމުގެ ވައުދާ އެކު އެވެ. ނަމަވެސް ވެރިކަން ލިބިވަޑައިގަތުމުން ފެންނަނީ އެއާ އިދިކޮޅު އަމަލުތަކެކެވެ.

ފެނަކަ އަކީ 3.4 ބިލިއަން ރުފިޔާއިން ދަރަނިވެރިވެފައިވާ ކުންފުންޏެވެ. ސަރުކާރުން މިހާރު ވަނީ އެ ކުންފުންޏަކީ އެސްޓީއޯގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެއްގެ ގޮތުގައި ބަދަލުކޮށްފަ އެވެ. ފެނަކައިގެ ޗެއާމަނަކަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް ވަނީ ހަމަޖައްސާފަ އެވެ.