ސްކޫލަކަށް ވަދެ، އަޑުގަދަކޮށް ބައެއް ޓީޗަރުންނަށް ބިރުދެއްކިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާއާ ދެކޮޅަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އިއްޔެ ފޮނުވައިފި އެވެ.

މާލޭގެ ސުކޫލަކަށް މިދިޔަ މަހު 6 ގައި ވަދެ، ބިރުދެއްކި އެ މައްސަލައިގައި ފުލުހުން ވަނީ 41 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފަ އެވެ.

އެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ފުރަތަމަ ދުވަސް ޖެހުމަށްފަހު އިއްޔެ ވަނީ އެ މީހާގެ ބަންދަށް އިތުރު 15 ދުވަސް ޖަހާފަ އެވެ.

އެ މައްސަލައިގަ ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި ޝަރީއަތުގައި ފުލުހުން ބުނީ، އެ މީހާއާ ދެކޮޅަށް ދައުވާކުރަން އިއްޔެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށެވެ. އެހެންކަމުން މައްސަލައިގައި ދައުވާކުރުމާ މެދު އެ އޮފީހުން ގޮތެއް ނިންމުމުން އެ މީހާ ޝަރީއަތް ނިމެންދެން ބަންދުކުރުމާ މެދު ގޮތެއް ނިންމުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ދެކޭ ކަމަށް ފުލުހުން ބުންޏެވެ.

އެ މީހާ ބައެއް ޓީޗަރުންނަށް ބިރުދައްކާފައިވަނީ ސްކޫލު ދަރިވަރުންގެ ކުރިމަތީގަ އެވެ.

ކޯޓު އަމުރުގައި ވަނީ މި މައްސަލައިގައި ބަންދުކުރި މީހާއަކީ ބިރުދެއްކުމުގެ މައްސަލަތަކުގެ ކުށުގެ ރިކޯޑު އޮތް މީހެއްކަން ފާހަގަކުރައްވައި އޭނާ އިތުރަށް 15 ދުވަހު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.