އެމެރިކާގެ އޯކްލޭންޑް ކެލިފޯނިއާ ޕާކެއް ތެރެއިން 1951 ގައި ރަހީނުކުރި މީހަކު 73 އަހަރު ފަހުން އާއިލާއަށް ފެނިއްޖެ އެވެ.

ލުއިސް އަރްމަންޑޯ އަލްބިނޯ ވަގަށް ނެގިއިރު އޭނާގެ އުުމުރަކީ އެންމެ 6 އަހަރެވެ. އޭނާއަކީ ޕުއަތޯ ރިކޯ ކުއްޖެކެވެ. ބޭބެ އާއެކު ޕާކެއްގައި ކުޅެން ހުއްޓާ އަންހެނަކު ވަނީ މޭޓާ ދޭނެ ކަމަށް ބުނެ ހައްލާލައިގެން ރަހީނުކޮށްފަ އެވެ. އެ އަންހެން މީހާވަނީ އޭނާ އެމެރިކާގެ އީސްޓް ކޯސްޓަށް ގެންގޮސް އެހެން ދެމަފިރިންނާ ލުއިސް ހަވާލުކޮށްފަ އެވެ. ލުއިސް ބޮޑުކޮށްފައިވަނީ އަމިއްލަ ދަރިއެއް ގޮތުގައި އެ ދެމަފިރިންނެވެ.

މިހާރު ލުއިސް އަށް ވަނީ 76 އަހަރުވެފަ އެވެ. 70 އަހަރު ވަން ދެން ލުއިސްއަށް ވީގޮތް ނޭނގި ލުއިސް ހޯދަން އާއިލާއިން ވަނީ މަސައްކަތްކޮށްފަ އެވެ. ލުއިސްގެ މަންމަ ނިޔާވެފައި ވަނީ 2005 ގަ އެވެ. އޭނާ މަރުވަންދެން ވެސް ލުއިސް ފެންނާނެ ކަމުގެ އުންމީދު ކަނޑާނުލާ ކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ.

ލުއިސް ހޯދާފައިވަނީ އޭނާގެ ދައްތަގެ ދަރިއެއް ކަމަށްވާ 63 އަހަރުގެ އަލީޑާ އެލެކުއިން އެވެ. އޭނާ "މަޖަލަކަށް" ބޮޑުބޭބެ ލުއިސް ހޯދަން ހެދީ އޮންލައިން ޑީއެންއޭ ޓެސްޓެކެވެެ. މި ޓެސްޓުން އޭނާގެ ޑީއެންއޭ އާ 22 ޕަސެންޓް ދިމާވާ މީހަކު ވަނީ ފެނިފަ އެވެ. ފުލުހުންގެ އެހީތެރިކަމާއެކު އިތުރަށް މިކަން ބެލުމުން މިއީ ލުއިސްކަން އާއިލާއަށް ވަނީ ކަށަވަރުކުރެވިފަ އެވެ.

އެެލެކުއިން ބުނިގޮތުގައި ބޮޑުބޭބޭ މި ކަމާ ބެހޭގޮތުން މީޑިއާއާ ވާހަކަދައްކާކަށް ބޭނުމެއް ނުވެ އެވެ. ނަމަވެސް ބޮޑުބޭބެއަށް ދިމާވި ކަންކަން ކުޑައިރުއްސުރެ ވެސް ހަނދާން ހުންނަ ކަމަށް ބޮޑުބޭބެ އެއްބަސްވިކަމަށް އޭނާ ވަނީ ބުނެފަ އެވެ.