މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ގޮތްނޭނގޭ ގޮތަކަށް ނިޔާވެފައި އޮތްވައި ފެނުނު ވިޔަފާރިވެރިޔާ ހާޝިމް މުހައްމަދުގެ ވިޔަފާރިތަކަށް އަތްގަދަކުރުމުން ސަލްމާން މިސްކިތުގެ އިމާމު އަބްދުލް ޖަލީލު އިސްމާއީލަށް ސީރިއަސް ތުހުމަތުތަކެއް ކޮށްފި އެވެ.

އިއްޔެގެ ވަގުތެއްގައި ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ވީޑިއޯއަކުން ފެންނަގޮތުން ނިޔާވި ހާޝިމްގެ އާއިލާގެ ދެ އަންހެނަކާ ޖަލީލުއާއި ފިހާރައެއް ތެރޭގައި ހަމަނުޖެހުންތަކެއް ހިނގަ އެވެ. އަދި ހާޝިމްގެ އާއިލާ މީހުން ބުނަމުން ދިޔައީ ފިހާރައިން ނުނިކުންނާނެ ކަމަށެވެ.

އާންމުވެފައިވާ ވީޑިއޯއާ ގުޅިގެން "ހުރިހާ" އިން ކުރި މަސައްކަތުން ލިބުނު މައުލޫމާތުތަކަށް ބަލާއިރު، 2022 ވަނަ އަހަރުގެ ޖެނުއަރީ މަހު ގެއެއްގެ ތެރޭގައި މަރުވެފައިވާ އޮއްވާ ފެނުނު ވިޔަފާރިވެރިޔާ، ހއ. ހޯރަފުށި ޑީންސްވިލާ، ހާޝިމް މުހައްމަދުގެ ވިޔަފާރި އޭނާގެ އާއިލާއަށް ނޭނގި ލިއުންތަކާއި މުދާތައް ބަދަލުކޮށް ޖަލީލު ވަނީ މަކަރާއި ހީލަތުން އެ ވިޔަފާރި އަތުލައިގަނެފަ އެވެ.

ހާޝިމްއަކީ ނިޔާވުމުގެ ކުރިން ގިނަ ވިޔަފާރިތަކެއް ފުޅާ ދާއިރާއެއްގައި ކުރަމުން ދިޔަ މީހެކެވެ. އެގޮތުން އޭނާ 2016 ގައި ވިޔަފާރި ފެށީ ޕާކިސްތާން މީހަކާއެކު ތަފާތު އެކި ބާވަތްބާވަތުގެ މުދާ އެތެރެކޮށްގެނެވެ. އޭނާގެ ވިޔަފާރި ފުޅާވެ، ވިޔަފާރިއަށް ފަސޭހަކުރުމަށް ބަނގްލަދޭޝް މީހެއް ކަމަށްވާ ހަދީއުލް އިސްލާމްއާ ފައިސާގެ ހުރިހާ މުއާމަލާތްތަކާއި ލިއުންތައް ބެލެހެއްޓުމަށް ހަވާލުކުރި އެވެ.

ހާޝިމްގެ ވިޔަފާރި "ފޯއެލް"ގެ ނަމުގައި ތަފާތު ހަ ވިޔަފާރިއެއް މާލެ ސަރަހައްދުގައި ހިންގި އެވެ. އެއީ ހާޝިމްގެ އެކަނި ވިޔަފާރި އެވެ. މީގެ އިތުރުން "ފޯއެލް ޕްރައިވެޓް ލިމިޓެޑް" ގެ ނަމުގައި ކުންފުންޏެއް އުފައްދާ އެ ކުންފުނީގެ ހިއްސާދާރުންނަކީ ހާޝިމްއާއި އޭނާގެ އަންހެން ދަރިފުޅުކަމުގައި ހަމަޖައްސާފައިވެ އެވެ.

ސަލްމާން މިސްކިތުގެ އިމާމް ޖަލީލުގެ ނަމަށް ބަދަލުކޮށްފައި ހާޝިމްގެ ފިހާރައެއް. މި ފިހާރައިގެ ނަން ވެސް ޖަލީލު ވަނީ ބަދަލުކޮށްފައި.

ހާޝިމްގެ އާއިލާއަށް އެނގުމަކާނުލާ ހަދީއުލް އިސްލާމާއި ޖަލީލު ގުޅިގެން ހާޝިމްގެ ވިޔަފާރީގެ ހުރިހާ މުދާލާއި ކުންފުނި ވިއްކާލާފައިވާ ކަމަށް ހާޝިމްގެ ދަރި ބުނެ އެވެ. ވިއްކި މުދަލަށް ލިބުނު ފައިސާއާއި ކުންފުނީގެ މުދަލަށް ވީގޮތް އަންގާފައި ނުވާކަމަށް އޭނާ ބުންޏެވެ.

އޭގެފަހުން ޖަލީލު އާއި ހަދީއުލް އިސްލާމް ގުޅިގެން ""ASFY Maldives ގެ ނަމުގައި "ފޯއެލް" ގެ ވިޔަފާރިތައް ހިންގި ތަންތަނުގައި ވިޔަފާރި ކުރަމުންދާކަމަށް ހާޝިމްގެ އާއިލާއިން ބުނެ އެވެ. އެގޮތުން ""ASFY Maldives އަކީ ޖަލީލުގެ ނަމުގައި ހިންގާ ކުންފުންޏެކެވެ.

ހާޝިމް ނިޔާވިފަހުން އޭނާ ހިންގަމުންއައި ހުރިހާ ވިޔަފާރިތައް ވަނީ ޖަލީލާއި އޭނާގެ ދަރިފުޅުގެ ނަމުގައި ރަޖިސްޓްރީކޮށްފައި ކަމަށް ހާޝިމްގެ އާއިލާއިން ތުހުމަތުކުރެ އެވެ.

"ހުރިހާ" އަށް ލިބިފައިވާ ހާޝިމްގެ ވިޔަފާރީގެ ބައެއް އެގްރީމެންޓްތަކާއި އިތުރު ލިޔެކިޔުންތަކަށް ބަލާއިރު، ފާހަގަކޮށްލެވޭ އެއްކަމަކީ ހާޝިމްގެ ވިޔަފާރީގެ ފައިސާގެ ކަންކަން ބަލަހައްޓަން ހަވާލުކޮށްފައިހުރި ބަނގްލަދޭޝްގެ ހަދީއުލް އިސްލާމް، ހާޝިމަށް އެނގުމަކާ ނުލާ ވިޔަފާރީގެ އެކައުންޓްތަކުން ފައިސާ ޓްރާސްފާކުރުމާއި ފައިސާއަށް ހިޔާނާތްތެރިވާކަމުގެ ތުހުމަތުތަކާއެކު 22 ޑިސެމްބަރު 2021 ގައި އޭނާ ފޯއެލް ބިޒްނަސްގެ ވަޒީފާއިން ވަކިކުރިކަމުގެ ލިޔުމެވެ.

ހާޝިމް ހިންގި ފިހާރައެއްގެ ބޭރުގައި ޖަލީލު އިއްޔެ ފުލުހުންނާ ވާހަކަދައްކަނީ. މި ވިޔަފާރީގެ ވެރިޔާ ހާޝިމް ނިޔާވުމުން އެތަންތަނުގެ މިލްކުވެރިކަން ބަދަލުކުރީ ވާރިސުންނަށް ނޭނގި

ހަދީއުލް ވަޒީފާއިން ވަކި ކުރިތާ މަސްދުވަސް ނުވަނީސް ހާޝިމް ކުއްލިގޮތަކަށް ނިޔާވެފައިވަނީ 2 ޖެނުއަރީ 2022 ގަ އެވެ. ހާޝިމް މަރުވެފައި އޮތީ އޭނާގެ ވިޔަފާރީގައި އުޅޭ ބަނގްލަދޭޝްގެ މީހުންނާއި އޭނާ ދިރިއުޅޭ ގޭތެރޭގައި ކަމަށް އޭރުގެ ހަބަރުތަކުގައިވެ އެވެ. ފުރަތަމަ ހާޝިމްގެ މަރާ ގުޅިގެން ޝައްކުކުރެވޭ ކަންތައްތަކެއް ހުރިކަމަށް ބުނެ، ފުލުހުން ތަހުގީގުކުރުމަށްފަހު، އެފަދަ މައްސަލައެއް ނެތް ކަމަށާއި ހާޝިމް ނިޔާވީ ވެއްޓި ބޮލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މި ގޮތް ނޭނގޭ މަރާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

ހާޝިމް ނިޔާވުމާއެކު ހަދީއުލްއާއި ޖަލީލު ގުޅިގެން ހާޝިމްގެ ވިޔަފާރިއަށް ގެނައި ބަދަލުތަކާއި ހާޝިމްގެ އާއިލާއަށް އެނގުމަކާ ނުލާ ވިޔަފާރިއާ ގުޅޭ އެތައްކަމެއް ނިންމާފައިވާއިރު އާއިލާއިން ބުނަނީ ޖަލީލު މި ހުރިހާ ކަމެއްކުރީ ގާނޫނާ ގަވާއިދުތަކާ ހިލާފަށް ކަމަށެވެ. މީގެ އިތުރުން މިހާރުގެ ސަރުކާރު އައުމަށްފަހު ހަދީއުލް ޑީޕޯޓްކޮށްލާފައިވާ ކަމަށް ވެސް މީހަކު އެކްސްގައި ލިޔެފައިވެ އެވެ.

ހާޝިމް ހިންގި ފިހާރައެއްގެ ބޭރުގައި ޖަލީލު ފުލުހުންނާ ވާހަކަދައްކާއިރު ހާޝިމްގެ ވާރިސުން ފިހާރަ ދޮރުމަތީގައި މަޑުކޮށްގެން. ހާޝިމް ނިޔާވުމުން އެތަންތަނުގެ މިލްކުވެރިކަން ބަދަލުކުރީ ވާރިސުންނަށް ނޭނގި

ކުއްލިގޮތަކަށް ހާޝިމް ނިޔާވިތާ ދެ އަހަރު ފަހުން މި މައްސަލަތައް ފެންމަތިވެފައިވާއިރު، ހާޝިމް ނިޔާވިފަހުން ހަދީއުލްއާއި ޖަލީލު ގުޅިގެން އޭނާގެ ވިޔަފާރިތަކަށް އަތްގަދަކުރުމަކީ އޭނާގެ މަރާ މި މީހުންނާ ގުޅުމެއް އޮވެދާނެކަމުގެ ހެއްކެތް ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރު ފެންވަރުގައި ހުންނެވި މިސްކެތެއްގެ އިމާމަކަށް މިފަދަ ސީރިއަސް ތުހުމަތުތަކެއް ކުރެވުމުން އެކަން ހިނގާ ދިޔަގޮތް ކަމާބެހޭ އިދާރާތަކުން ބަލަންޖެހެ އެވެ. މިކަންކަމާއި ހާޝިމްގެ ކުއްލި ވަކިވުމާ ގުޅުމެއްވޭތޯ ވެސް ބަލަންޖެހެ އެވެ. މި މައްސަލާގައި ކަންހިނގާދިޔަގޮތް ހޯދާ ހާޝިމްގެ އާއިލާއަށް އިންސާފު ހޯދައިދޭން ޖެހެ އެވެ.