ދެ ގައުމުގެ ދެމެދުގައި ކުނިޖެހިފައި އޮތް މަސްރަހު ފިނިކޮށް ގުޅުންތައް ހަރުދަނާ ކުރުމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވޭ ޚާއްސަ ރަސްމީ ދަތުރުފުޅެއްގައި ރައީސް ޑޮކްޓަރު މުހައްމަދު މުއިއްޒު މިހާރު ގެންދަވަނީ އިންޑިއާ އަށް ޒިޔާރަތް ކުރައްވަމުންނެވެ. މި މަހު 6 ގައި ފެއްޓެވި މި ދަތުރުފުޅުގައި ދިވެހި ސަރުކާރުގެ މަތީފެންވަރުގެ ބޭފުޅުން ހިމެނިވަޑައިގަންނަވާހެން 50 ބޭފުޅުންގެ ވަފުދެއް ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.

އެ މަނިކުފާނުގެ މިދަތުރުފުޅުގެ މައިގަނޑު ބޭނުންފުޅަކީ ރާއްޖެއަށް ދިމާވެފައިވާ އިގްތިސާދީ މައްސަލަތަކުން އަރައިގަތުމަށްޓަކައި އިންޑިޔާއިން އެހީ ހޯއްދެވުމެވެ. ބޭރުގެ ނޫސްތަކުން ސިފަކުރާ ގޮތުގައި ރާއްޖޭގެ އިގްތިސާދީ މައްސަލަތަކަށް އިންޑިއާގެ "ބެއިލް އައުޓެއް" ހޯއްދެވުމަކީ ރައީސް މުއިއްޒުގެ ދަތުރުފުޅުގެ އެންމެ ބޮޑު ބޭނުންފުޅެވެ. ހަމަ އެފަދައިން ދެގައުމުގެ ދެމެދުގައި ކިލަނބުވެފައިވާ ޑިޕްލޮމެޓިކް ގުޅުން ރަނގަޅުކޮށް އާ ފެށުމަކުން ފެށުމަކީ ވެސް މި ދަތުރުފުޅުގެ މުހިންމު ބަޔެކެވެ.

ތާރީޚީ ގުޅުމާއި ފަހުގެ މައްސަލަތައް

އިންޑިއާ އާއި ދިވެހި ރާއްޖެއަކީ ޒަމާނުއްސުރެ ގާތްގުޅުމެއް އޮންނަ ދެ ގައުމެވެ. ތާރީޚީ މިގާތް ގުޅުމަށް ދޭތެރެދޭ ތެރެއިން ހުރަސް އެޅި ކުނި ޖެހުނުކަމުގައި ވިޔަސް ދެ ފަރާތުގެ އެއްބާރުލުމާއެކު މާބޮޑު މައްސަލަތަކެއް ނެތި ކުރިއަށް ދެ އެވެ. ފަހަކަށް އައިސް ދެގައުމުގެ ގުޅުމުގައި މައްސަލަ އުފެދުނީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމާ އެކު އެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ "އިންޑިއާ އައުޓު" ސްލޯގަންއަކާ އެކު ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވައިލައްވަމުންނެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރައީސް މުހައްމަދު މުއިއްޒު ރަސްމީ ބައްދަލުކުރެއްވުމަށްފަހު ސަލާމްކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް

އެ މައްސަލަ ރަސްމީކޮށް އިންޑިއާއަށް ހުށަހެޅުމާ އެކު ދެ ގައުމުގެ މެދުގައި އޮތް ގުޅުން ގޯސްވެގެން ދިޔަ ނަމަވެސް ސަރަހައްދީ ހަމަޖެހުމާއި ސަލާތާއި ދެ ގައުމުގެ މަސްލަހަތަށްޓަކައި ގުޅުން ބަދަހިކުރަން ޖެހޭ ކަމުގައި ދެ ގައުމުން ވެސް އައީ ބުނަމުންނެވެ. އެކަމަށްޓަކައި ދެގައުމުގެ މަތީ ފެންވަރުގެ އޮފިޝަލުން ގެންދެވީ ބައްދަލުކުރައްވައި ޖެހިފައި އޮތް މައްސަލަތަކަށް ހައްލެއް ހޯދައި ގުޅުން ބަދަހި ކުރެވޭތޯ މަސައްކަތް ކުރައްވަމުންނެވެ. ރައީސް މުއިއްޒު މިހާރު އިންޑިއާ އަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ އެގޮތުން އެޅޭ މުހިންމު ފިޔަވަޅެކެވެ.

ދަތުރުގެ މަގުސަދުތައް

ރައީސް މުއިއްޒުގެ ދަތުރުފުޅުގައި އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އާއި ޚާރިޖީ ވަޒީރު ޖައި ޝަންކަރުގެ އިތުރުން މަތީ ފެންވަރުގެ އެހެން އޮފިޝަލުންނާ ވެސް ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވެ އެވެ. މި ބައްދަލުވުންތަކުގައި ތަފާތު އެތައް ޓޮޕިކަކަށް މަޝްވަރާ ކުރެވޭނެ އެވެ. އޭގެ ތެރޭގައި އިގުތިސާދީ ގޮތުން އެއްބާރުލުމާއި، ސަރަހައްދުގެ ސަލާމަތާއި، ބައިނަލްއަގުވާމީ މައްސަލަތައް ހިމެނެ އެވެ. މީގެ ތެރެއިން އެންމެ ޚާއްސަ މައްސަލައެއްގެ ގޮތުގައި އޮތީ ރާއްޖެއަށް ބޭނުންވާ ފައިސާގެ އެހީ ހޯދުމުގެ މަޝްވަރާ އެވެ. އެއީ ރާއްޖޭގެ އިގުތިސާދު ވެއްޓިފައިވާ އަނދަވަޅުން ނެގުމަށް ޑޮކްޓަރު މުއިއްޒަށް ކޮންމެހެން ބޭނުންވެފައިވާ މައްސަލައެކެވެ.

ފަހަކަށް އައިސް ދެ ގައުމުގެ މެދުގައި އުފެދިފައި އޮތް ނުތަނަވަސް ކަމާއެކުގައި ވެސް ރާއްޖެއަށް ބޭނުންވާ އެހީ އިންޑިއާ އިން ލިބޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒަށް އެބައޮތެވެ.

ރައީސް މުހައްމަދު މުއިއްޒަށް އިންޑިއާގެ ރަސްމީ ގަނޑުވަރުގައި މިއަދު ހެނދުނު ރަތްދޫލައިގެ މަރުހަބާ ދަންނަވަނީ. ފޮޓޯ: ރައީސް އޮފީސް

"އަހަރެމެންގެ ދެގައުމުގެ މެދުގައި ޒަމާނުއްސުރެ އޮތް ވަރުގަދަ ގުޅުމާއި ދެ ގައުމުގެ މަސްލަހަތަށް ބަލާއިރު އިންޑިޔާ އިން އެހީދޭނެކަން ޔަގީން،" އިންޑިއާ އަށް ފުރާވަޑައިގެންނެވުމުގެ ކުރިން ރައީސް މުއިއްޒު ބޭރުގެ މީޑިއާތަކަށް ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ މި އިތުބާރުން ދޭހަކޮށްދެނީ އިންޑިޔާއަށް ޑިޕެންޑްވުމުގައި ރާއްޖެ އިތުރު ފިޔަވަޅެއް ކުރިޔަށް ގެންދަވަން އެމަނިކުފާނުގެ މައްސަލައެއް ނެތް ކަމެވެ.

އިގްތިސާދީ ގޮތުންނާއި ޑިޕްލޮމެޓިކް ގޮތުން ކުރާނެ އަސަރު

ދިވެހިރާއްޖެ، މި ވަގުތު ވަނީ އިގްތިސާދީ ފުން ވަޅުގަނޑަކަށް ވެއްޓިފަ އެވެ. ގައުމުގެ ދަރަނި ވަނީ ތިން ބިލިއަނަށް ވުރެ މައްޗަށް އަރައިފަ އެވެ. ބަޖެޓް ޑެފިސިޓް އުޅެނީ ޖީޑީޕީގެ 112 ޕަސެންޓުގަ އެވެ. އިންޑިޔާ އިން ހޯދުމަށް ދިވެހި ސަރުކާރުން އުންމީދު ކުރާ ފައިސާގެ އެހީތެރިކަމަކީ މިވަގުތު ސަރުކާރަށް ހަމަނޭވާލުމަށްޓަކައި ކޮންމެހެން ބޭނުން އެއްޗެކެވެ.

"އިންޑިއާ އަކީ އަބަދުވެސް ބޭނުން ޖެހޭ ވަގުތެ އެހީތެރިވެދޭ އިތުބާރު ކުރެވޭ ގައުމެއް،" ފައިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި އެވެ. "މިދަތުރުގެ ސަބަބުން ރާއްޖެއަށް ބޭނުންވާ މުހިންމު އިގުތިސާދީ އެހީތެރިކަން ލިބޭނެ ކަމުގައި އުންމީދު ކުރެވޭ."

ރައީސް މުހައްމަދު މުއިއްޒު މިއަދު ހަވީރު އިންޑިއާއަށް ވަޑައިގެން މަތިންދާބޯޓުން ފައިބާވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް

އިގުތިސާދީ އެހީތެރިކަމުގެ ވާހަކައިގެ އިތުރުން ރައީސް މުއިއްޒުގެ ދަތުރުފުޅުގައި އިންޑިޔާއާ އާ އެކު ކުރެވޭނެ މަޝްވަރާތަކުގެ ތެރޭގައި ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަމާއި ހަމަޖެހުމާ ބެހޭ މަޝްވަރާތައް ހިމެނެ އެވެ. މިސަރަހައްދުގެ ކަނޑު ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި އިންޑިޔާއަކީ އެންމެ މުހިންމު ދައުރެއް އަދާކުރަމުން އަންނަ ގައުމެވެ.

"ސަރަހައްދުގެ ހަމަޖެހުމަށްޓަކައި ކަނޑު ދަތުރުފަތުރުގެ ސަލާމަތާ މެދު އަހަރެމެނެގެ ދެ ގައުމުގެ މެދުގައި އޮންނަ އެއްބާރު ލުމަކީ ވަރަށް މުހިންމު އެހާމެ ނާޒުކު ގުޅުމެއް،" އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައި ޝަންކަރު ވިދާޅުވި އެވެ.

މިގުޅުން އިތުރަށް ބަދަހިކުރުމަށް އަހަރެމެން މަސައްކަތް ކުރަން ޖެހޭ ކަމަށް ޖައި ޝަންކަރު އިތުރަށް ވިދާޅުވި އެވެ.

ފަސްމަންޒަރު

ރައީސް މުއިއްޒުގެ އިންޑިއާ ދަތުރފުޅުން ނުކުންނަ ނަތީޖާ ވެގެންދާނީ ކުރިމަގުގައި އިންޑިޔާ- ދިވެހި ރާއްޖޭގެ ގުޅުން ބައްޓަންވެގެން ދާނެ ގޮތުގެ މަގު ޗާޓަކަށެވެ. ކާމިޔާބު އެއްބަސްވުންތަކަކަށް އާދެވިއްޖެނަމަ، މިހާރު އުފެދިފައިވާ ނުތަނަވަސްކަން ފިލައި، ގުޅިގެން ކުރިޔަށް ދިއުމަށް މަގުފަހިވާނެ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރައީސް މުހައްމަދު މުއިއްޒު ރަސްމީ ބައްދަލުކުރެއްވުމަށްފަހު ސަލާމްކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް

ދުނިޔޭގެ ނަޒަރު ރައީސް މުއިއްޒުގެ ދަތުރުފުޅަށް ހުއްޓިފައިވާ އިރު އިންޑިއާ އަށާއި ދިވެހި ރާއްޖެ އަށް ވެސް ޖެހިފައިވަނީ ދެބަސްވުންތަކާއި ނުތަނަވަސްކަން އެއްފަރާތް ކުރުމަށްފަހު، ދެ ގައުމުގެ ފައިދާއަށާއި ސަރަހައްދީ ހަމަޖެހުމަށާއި ދުނިޔޭގެ ސުލަހައަށްޓަކައި އެއްބަޔަކު އަނެއްބަޔަކަށް އިހުތިރާމްކޮށްގެން ކުރިޔަށް ދާނެ މަގެއް ހޯދާށެވެ. އެފަދަ ފުރުސަތަކަށް ދެފަރާތުން ވެސް ކުރާ އުންމީދު ބޮޑެވެ.