މި އަހަރަކީ ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާންއާއި އޭނާގެ އާއިލާއަށް ހާސްކަން ބޮޑު އަހަރެކެވެ. ހަމަލާއަކަށްފަހު ހަމަލާއެއް، އިންޒާރަކަށްފަހު އިންޒާރެއް ލިބެމުން އަންނައިރު ސަލްމާންގެ ފުރާނައަށް ވަނީ ނުރައްކާ ބޮޑުވެފަ އެވެ.

މިއަހަރުގެ އޭޕްރިލް މަހުން ފެށިގެން ސަލްމާންއާއި އޭނާއާ ގާތް ފަރާތްތަކަށް އަމާޒުކޮށް އެތައް ހަމަލާއެއް ދެވިފައިވާއިރު އެ ހަމަލާތަކުގެ ޒިންމާ ސީދާ ގޮތެއްގައި އަދި ނުސީދާ ގޮތެއްގައި ވެސް ގުޅިފައިވަނީ މުމްބާއީގެ "ކޮމިއުނިޓީ"އެއް ކަމަށްވާ ބިޝްނޯއީ ކޮމިއުނިޓީއާ އެވެ.

ދެން އުފެދޭ ސުވާލަކީ ލޮރެންސް ބިޝްނޯއީ އިސްވެ ހުރެ ހިންގާ "ބިޝްނޯއީ" ގޭންގުން ސަލްމާންގެ ފުރާނައަށް ފެން ބޮވައިގެންފައި ތިބީ ކީއްވެތޯ އުފެދޭ ސުވާލެވެ. ސަލްމާންއާއި އޭނާއަށް އެހީވާ ކޮންމެ މީހަކު ދުނިޔެއިން ނައްތާލާނެ ކަމަށް އެ ގޭންގުން ބުނަނީ ކީއްވެތޯ އުފެދޭ ސުވާލެވެ.

މި ސުވާލުގެ ޖަވާބު ހޯދަން ބަލާލަން ޖެހެނީ 1998 ވަނަ އަހަރު ސަލްމާން މަސައްކަތް ކުރަމުން ދިޔަ ފިލްމު "ހަމް ސާތު ސާތުހޭ"ގެ ޝޫޓިންގެ ތެރެއިން ހިނގި ހާދިސާ އަކަށެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ޖޯދްޕުރުގައި އެ ފިލްމުގެ ޝޫޓިން ކުރިއަށް ދިޔަ ރެއެއްގެ ދަންވަރު 2:00 ހާއިރު އެ ސަހަރުގެ އަވަށަކުން ބަޑީގެ ވަޒަންތަކެއްގެ އަޑު އިވުނެވެ. ޖެހިގެން އައި ދުވަހު ކުރެވުނު ތަހުގީގުތަކުން ފެނުނީ މަރުވެފައިވާ ދެ ބްލެކްބަކް (ބަކަރި އާއިލާގެ ޖަނަވާރެއް) އެކެވެ.

މިކަމުގެ ތުހުމަތު އެޅުނީ އެރޭ އެ ސަރަހައްދުގައި އުޅުނު ކަމަށް ބުނާ ސަލްމާންއާއި އޭނާއާއެކު ފިލްމުގައި މަސައްކަތްކުރި ސައިފް އަލީ ޚާންގެ އިތުރުން ސޮނާލީ ބެންޑްރޭގެ ބޮލުގަ އެވެ.

ތަހުގީގުތަކަށްފަހު ހިނގި ޝަރީއަތުގައި ސަލްމާނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު ދެންތިބި ދެ ތަރިންގެ ކުށް ސާބިތެއް ނުވި އެވެ. އެހެން ނަމަވެސް ސަލްމާންގެ ވަކީލުން ވަނީ އެ މައްސަލަ އިސްތިއުނާފްކޮށް އޭނާ ޖަލު ހުކުމުން ސަލާމަތްކޮށްފަ އެވެ.

ފާހަގަ ކޮށްލަން ޖެހޭ ކަމަކީ ބްލެކް ބަކްއަކީ "ބިޝްނޯއީ" ކޮމިއުނިޓީގައި ހާއްސަ ގަދަރެއް ދެވިފައިވާ އެމީހުން މާތްކުރާ ޖަނަވާރެއް ކަމެވެ. އެ ޖަނަވާރު ޝިކާރަކޮށް މެރުމަކީ އެ މުޖުތަމައުގައި ކުށެއް ކުރުމާ އެއްފަދަ ކަމެކެވެ.

މިއަދާ ހަމައަށް ވެސް ބިޝްނޯއީ ގޭންގުން ސަލްމާނަށް ނަފްރަތުކޮށް އޭނާގެ ފުރާނައަށް ނުރައްކާކުރާ ސަބަބަކީ މިއީ އެވެ. އެމީހުން ދެކޭ ގޮތުގައި ބްލެކް ބަކް މަރާލި މީހެއްގެ ގޮތުގައި ސަލްމާންއަކީ މަރުގެ ހުކުމް އިއްވަން ޖެހިފައިވާ ކުށްވެރިއެކެވެ.

މި ސަބަބަށްޓަކައި ސަލްމާންއަށް އެކި ފަހަރުމަތިން އެ ގޭންގުން ހަމަލާ ދީފައިވާއިރު، އެ މައްސަލައާ ގުޅުންހުރި އެންމެ ފަހު ހަމަލާއެއްގެ ގޮތުގައި ފާހަަގަވެފައިވަނީ އޮކްޓޯބަރު މަހުގެ ކުރީކޮޅު ބާބާ ސިއްދީގީގެ ގަޔަށް ބަޑިޖަހާ މަރާލި ހަމަލާ އެވެ.

އެ ހަމަލާގެ ޒިންމާ ނަގަމުން ބިޝްނޯއީ ގޭންގުން ބުނީ ސަލްމާނަށް އެހީވާ ކޮންމެ މީހެއް މަރާލަން ފަސް ނުޖެހޭނެ ކަމަށެވެ. އޭގެ ފަހުން ވެސް ސަލްމާންއާއި އޭނާގެ އާއިލާއަށް އެކި ގޮތްގޮތުން އިންޒާރުތައް ލިބިފައިވެ އެވެ.

މި އިންޒާރުތަކާއެކު ސަލްމާންގެ ސެކިއުރިޓީ އިހުނަށްވުރެ ވަރުގަދަ ކުރެވިފައިވާއިރު ދާދި ފަހުން އޭނާ ވަނީ ބުލެޓް ޕްރޫފް ކާރެއް ވެސް ގަނެފަ އެވެ.