ކުރީގެ ޑިސެބިލިޓީ އެމްބަސަޑަރު އަހުމަދު ހިޝާން ގެ ޕާސްޕޯޓް އާކޮށް ނުދީ އިމިގްރޭޝަނުން ހިފަހައްޓަމުންދާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ހިލޭ ސާބަހަށް މަސައްކަތް ކޮށްދިނުމާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިވެދޭ ހިޝާން މިހާރު ދިރިއުޅެމުންދަނީ ތުރުކީގަ އެވެ.

ހިޝާން "ހުރިހާ" އަށް މިއަދު ބުނީ އޭނާ ޕާސްޕޯޓް އާ ކުރަން މަސައްކަތް ކުރާތާ މަހަކަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށާއި ނަމަވެސް އަދިވެސް ޕާސްޕޯޓް އާ ނުކުރެވޭ ކަމަށެވެ.

ހިޝާން ބުނި ގޮތުގައި ޕާސްޕޯޓް އާ ކުރަން ހުށަހަޅާފައިވަނީ އޭނާގެ ސިފައަށް އައި ބަދަލުން ކަމަށެވެ. އެގޮތުން މުއްދަތު ހަމަނުވަނިސް ޕާސްޕޯޓް އާކުރަންލުމާ ގުޅިގެން ސުވާލުކުރުމުން ސަބަބު ބުނެދީފައިވާނެ ކަމަށެވެ. އަދި އޭގެ ފަހުންވެސް އެކަމަށް އަލިމަގެއް ނުފެނި ތުރުކީގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އެހީތެރިކަމަށް ވެސް އެދިފައިވާނެ ކަމަށް އޭނާ ބުންޏެވެ.

ހިޝާން ފާހަގަކުރި ގޮތުގައި ތުރުކީގައި ހުންނަ ދިވެހި އެމްބަސީ އިންވެސް އެދެވޭ އެހީތެރިކަމެއް ފޯރުކޮށްދީފައިނުވެ އެވެ. އެމްބަސީ އިން ބުނެފައިވަނީ އިމިގްރޭޝަނުން އަންގާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ކަމަށް ވެސް އޭނާ ބުންޏެވެ.

"ހަމަ މި ސޮއިކޮށްގެން މިތަނުން ފޮޓޯ ނަގައިގެން 84 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ގައުމަކުން ހިދުމަތް ހޯދީ،" އޭނާ ބުންޏެވެ.

"އަޅުގަނޑަށް މިހާރު ސުވާލު އުފެދޭ ޕާސްޕޯޓް އާ ނުކޮށްދީ މި ލަސްކުރަނީ މީ ޒާތީ ކަމެއްތޯ؟ ކުރީގެ ޕާސްޕޯޓުގައި ޖަހާފައި އިންނަ ފޮޓޯއާއި މިހާރުގެ ސިފަ އެއްގޮތް ނުވުމުން އެކި ތަންތަނަށް ދަތުރުކޮށް ހަދާއިރު ހިފަހައްޓާ. މީ ވަރަށް ދެރަކަމެއް. އެމްބަސީއެއް ހުރެ އެތަނުން ދިވެހިންނަށް ދެވޭ އެހީތެރިކަމެއް ނެތް،" ހިޝާން ބުންޏެވެ.

އޭނާގެ ސިފައަށް ބަދަލުތަކެއް އައީ ބޮލުގައި އިސްތަށި އިންދުމާއި ދަތްޕިލަ ހެދުމުން ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ. މިކަމާ ގުޅިގެން ބޮލުގައި އިސްތަށި އިންދާފައިވާކަން އެނގޭ ސެޓްފިކެޓް ވެސް އިމިގްރޭޝަނުން ބުނެގެން ފޮނުވާފައިވާ ކަމަށް އޭނާ ބުންޏެވެ.

ހިޝާން ވަނީ މިކަމާ ގުޅިގެން މިހާރުގެ ސަރުކާރަށް ވެސް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ. އެގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަށް ވުރެ، ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަން މާ އުނދަގޫ ބޮޑުކަމަށް އޭނާ ބުނެފައިވެ އެވެ.

"އެ ސަރުކާރުގައި އަޅުގަނޑާ މެދު ކަންތައްކުރި ގޮތުން މިތަނަށް ހިޖުރަކުރަން ޖެހުނީ. އެކަމަކު އެ ސަރުކާރުގައި ވެސް އަޅުގަނޑު އެދުނު މިކަހަލަ ކަންތައް ހަމަޖައްސައިދިން،" ހިޝާން ބުންޏެވެ.