ރައީސް މުހައްމަދު މުއިއްޒު ޕްރޮމޯޓް ކުރުމަށް ހާއްސަ ޓީވީ ޗެނަލެއް މިރޭ ލޯންޗްކޮށްފި އެވެ.

މުހައްމަދު މުއިއްޒު (އެމްއެމް) ޓީވީގެ ނަމުގައި މިރޭ ލޯންޗްކުރި ޓީވީ ޗެނަލްއަކީ ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ހަލީލް ފަރުދާގެ ފުރަހުގައި ހުންނަވައިގެން އުފެއްދެވި ޗެނަލެކެވެ.

ބިޒްނަސް ޕޯޓަލުން ދައްކާގޮތުގައި އެމްއެމް ޓީވީ ރަޖިސްޓްރީ ކޮށްފައިވަނީ މޯލްޑީވްސް މީޑިއާ ހައުސް ޕްރައިވެޓް ލިމިޓަޑްގެ ދަށުން އަބްދުﷲ ޒާހިރު ކިޔާ ހއ. ވަށަފަރު މީހެއްގެ ނަމުގަ އެވެ. ޒާހިރުއަކީ ރައީސް މުއިއްޒުގެ ގެކޮޅު ދިމްޔާތުގައި މަސައްކަތްކުރާ މީހެކެވެ. އޭނާއަކީ ދުވަހަކު ވިޔަފާރިއެއްކޮށް، އަދި މީޑިއާއެއްގައި އެއްވެސް މަސައްކަތެއް ކުރި މީހެއް ނޫނެވެ.

މޯލްޑިވްސް މީޑިއާ ހައުސް ގެ ނަމުގައި ރަޖިސްޓްްރީކޮށްފައިވާ ވިޔަފާރި ނަންތައް

އެނގިފައިވާ ގޮތުގައި މި ޗެނަލް އުފެއްދުމަށް ރައީސް މުއިއްޒު 48 މިލިއަން ރުފިޔާ ހޭދަކުރައްވާފައިވެ އެވެ. އެ ޓީވީ ޗެނަލް ހިންގުމަށް ގެއެއްގެ ހަތަރު ފަންގިފިލާ ހިފާފައި ވަނީ ކުއްޔަށް މަހަކު 600،000 ރުފިޔާއަށް ކަމަށްވެ އެވެ.

އެ ޓީވީ ޗެނަލްގެ އިތުރުން ވެބްސައިޓެއް ވެސް ލޯންޗްކޮށްފައިވެ އެވެ.

ސަރުކާރުގެ އިސްވެރިން އެކި އޮންލައިން ނޫސްތަކާއި ޓީވީ ޗެނަލްތައް ހަދާ ސަރުކާރުގެ ކުންފުނިތަކުގެ ބަޖެޓުން ބޮޑެތި އަދަދުތަކުން ދަނީ ހޭދަކުރަމުންނެވެ. މިފަދަ މީޑިއާތަކުގެ މައިގަނޑު މަސައްކަތަކީ ރައީސް މުއިއްޒު ޕްރޮމޯޓް ކުރުމެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު ވަނީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުން އަންނަ ގިނަ މީޑިއާތައް ބާކީކޮށް، ކުންފުނިތަކުން ދޭން އެއްބަސްވެފައިވާ ފައިސާ ނުދީ އެ މީޑިއާތައް ހުއްޓުވާލުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އޭގެ އިތުރުން ބައެއް މީޑިއާތަކުގެ އިސްވެރިންނަށް ސިޔާސީ މަގާމު ދިނުމަށްފަހު މީޑިއާތައް ކޮންޓްރޯލްކޮށް، މިނިވަން ނޫސްވެރިކަމަށް ދަނީ ހުރަސްއަޅަމުންނެވެ.

އޭގެ އިތުރުން ސަރުކާރު ޒިންމާދާރުކުރުމަށް ހަބަރު ގެނެސްދޭ މީޑިއާތައް ހުއްޓުވުމަށް ސަރުކާރު އަޑީގައި އޮވެގެން ހާއްސަ ބިލެއް ފަރުމާކޮށް ދާދިފަހުން މަޖިލީހަށް ވެއްދި އެވެ. ނަމަވެސް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެ، ރައީސް މުއިއްޒު ވަނީ އެ ބިލު އަނބުރާ ގެންދިއުމަށް އަންގަވާފަ އެވެ.