ގަސްދުގައި މީހަކު މަރާލުމުގެ ތުހުމަތުގައި ބޮލީވުޑްގެ ތަރި ނަރްގިސް ފަޚްރީގެ ކޮއްކޮ އާލިއާ ފަޚްރީ އެމެރިކާއިން ހައްޔަރުކޮށްފި އެވެ.
ހަބަރުތައް ބުނާ ގޮތުގައި އާލިއާ ހައްޔަރު ކޮށްފައިވަނީ އޭނާގެ ކުރީގެ ލޯބިވެރިޔާ އެޑްވާޑް ޖޭކޮބްސްއާއި އޭނާގެ ރަހުމަތްތެރިޔާ އެނެސްތޭޝިއާ އެޓިއޭން މަރާލުމުގެ ތުހުމަތުގަ އެވެ.
އެޑްވާޑްއާއި އެނެސްތޭޝިއާ މަރުވެފައިވަނީ ނިޔުޔޯކްގައި ފަޅުކޮށް ހުރި ގަރާޖެއްގައި ރޯވި އަލިފާންގަނޑެއްގެ ސަބަބުންނެވެ. ބުނެވޭ ގޮތުގައި އެ އަލިފާންގަނޑު ރޯކުރީ އާލިއާ އެވެ.
މިދިޔަ ނޮވެމްބަރު މަހުގެ ކުރީކޮޅު އުމުރުން 43 އަހަރުގެ އާލިއާ ވަނީ އެޑްވާޑް ދިރިއުޅެމުން ދިޔަ ގެއަށް ގޮސް އޭނާ ނިދާފައި އޮއްވާ މަރުގެ އިންޒާރު ދިނުމަށްފަހު އެ ގޭގެ ތިރީގައި ހުރި ގަރާޖުގައި ރޯކޮށްލާފަ އެވެ.
މިކަމާ ބެހޭ ގޮތުން ނަރްގިސްގެ ބަހެއް އަދި ލިބިފައި ނުވި ނަމަވެސް އެ ދެމީހުންގެ މަންމަ ވަނީ އާލިއާގެ ދިފާއުގައި ވާހަކަ ދައްކާފަ އެވެ. އޭނާ ބުނީ އާލިއާއަކީ ވަރަށް ހިތްހެޔޮ މީހެއް ކަމަށާއި އޭނާ މީހަކު މަރާލާފާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
މި މައްސަލާގައި އާލިއާގެ މައްޗަށް ގަސްދުގައި މީހަކު މަރާލި ކަމުގެ ދައުވާ އުފުލިފައިވާއިރު އޭނާއަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް ލިބޭނެ ކަމަށް ބެލެވެ އެވެ.