ފިޓްނަސްގެ ދާއިރާގައި ރަންއަކުރުން ފަވާލަން ޖެހޭ ފަދަ ޚިދުމަތަކެއް ކޮށްދީފައިވާ، ހ. ބޮޑުކޮށީގޭ، ނާހިދާ އަލީ (ނާހީ) އަކީ، "ފިޓް ބައި ނާހީ" ގެ ނަމުގައި އަމިއްލަ ޖިމެއް ހުޅުވައިގެން އެ މަސައްކަތުގައި ހީވާގިކަމާއެކު ހަރަކާތްތެރިވަމުން އަންނަ، ކުޅަދާނަ ފިޓްނަސް އިންސްޓްރަކްޓަރެކެވެ. އެތައް ބަޔަކު ތަމްރީނުކޮށް، މި ދާއިރާއަށް ނެރެދީފައިވާ ހުނަރުވެރި ޓްރޭނާއެކެވެ. ފޫހިކަމެއް ވަރުބަލިކަމެއް ނެތި، މިއަދު ވެސް މި ދާއިރާގައި މަސައްކަތްކުރަމުން އަންނަ ޤާބިލް ފަންނާނެކެވެ.
އީޕީއެސްއެސް އިން ތައުލީމް ހާޞިލުކުރި ނާހީއަކީ، ސްކޫލު ދުވަސްވަރު، ނެށުމުގެ ދާއިރާއިން ވަރަށް ބޮޑަށް މަޝްހޫރުކަން ހޯދި ދަރިވަރެކެވެ. ސްކޫލުން ބާއްވާ ކޮންސެޓް ފަދަ ފަންކްޝަންތަކުގައި އޭނާގެ ހުނަރު އޭރު ވަނީ ފެނިގެން ގޮސްފައެވެ. އެހެންނަމަވެސް ފިޓްނަސްގެ ދާއިރާއިން ކުރިއަށް ދިޔުމުގެ މާ ބޮޑު ޝައުޤުވެރިކަމެއް އޭރު ނާހީގެ ކިބަޔަކު ނެތެވެ. އެހެންކަމުން ސްކޫލް ނިންމާފައި 1995 ވަނަ އަހަރު، ނާހީ އެއަރޕޯޓުގައި ވަޒީފާއަދާކުރަން ފެށިއެވެ.
ހަމަ އެ އަހަރު ބަނޑޮހުގައި ބޭއްވި ފިޓްނަސް ޓްރެއިނިން ޕްރޮގްރާމެއްގައި ނާހީ ބައިވެރިވީ، އެ މަސައްކަތް ދަސްކުރުމުގެ ނިޔަތުގައެވެ. އޭރު ނާހީގެ އުމުރަކީ އެންމެ 22 އަހަރެވެ.
"މި ކަން ދަސްކުރަން ބޭނުންވީ، ވަޒީފާ ދޫކޮށްލަން ޖެހޭ ދުވަހަކަށް މަސައްކަތެއް ދަސްކޮށްފައި ބާއްވަން ބޭނުންވާތީ. ހެއަރ އެންޑު ބިއުޓީގެ މަސައްކަތް ވެސް ދަސްކުރިން. އެހެންނަމަވެސް ބޮޑަށް އިންޓްރެސްޓް ހުރީ، އަދި ގިނަ ޓްރޭނިން ހެދުނީ ވެސް ފިޓްނަސްގެ ދާއިރާއިން." ފިޓްނަސްގެ ދާއިރާއިން ވިއްސަކަށް ޓްރޭނިން މިހާރު ހަދާފައިވާ ނާހީ، މި ދާއިރާއަށް ވަން ސަބަބު ކުރުގޮތަކަށް ބުނެދިނެވެ.
ބަނޑޮހުގައި އޮތް ފިޓްނަސް ޕްރޮގުރާމްގެ ތެރެއިން ނާހީއާ ބައްދަލުވި އެންމެ ޚާއްޞަ ފަރާތަކަށްވީ، ޖަނަވަރީމާގޭ ޝިފާއެވެ. ޝިފާއަށް ނާހީގެ ޕަރފޯމަނސް ވަރަށް ކަމުދިޔައެވެ. އެހެންކަމުން ޝިފާއާއެކު މަސައްކަތް ކުރުމަށް ނާހީއަށް އޭނާ އޮފަރކުރިއެވެ. އެހައިތަނުން ނާހީއަށް ފިޓްނަސްގެ ދާއިރާއިން ކުރިއަށް ދިޔުމުގެ ތަނަވަސް މަގެއް ހުޅުވިއްޖެއެވެ. ޝިފާގެ ފަރާތުން ނާހީއަށް ވަރަށް ގިނަ ފިލާވަޅުތައް ދަސްވިއެވެ.
"މި ކަމުގައި ޖަނަވަރީމާގޭ ޝިފާގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު. އޭގެ އިތުރުން ފާތުންނާއި ނަޝީއާއި ޒަމްއާއި ޒިނާންގެ އެހީތެރިކަން ވެސް ފާހަގަކޮށްލަން." 14 ވަރަކަށް އަހަރު އެއާޕޯޓު ވަޒީފާ އަދާކުރިއިރު، ލިބޭ ހުސްވަގުތުގައި ޖިމަށް ގޮސް ކުލާސް ނަގަމުން ގެންދިޔަ ނާހީ ޝުކުރުވެރިކަމާއެކު ފާހަގަކުރިއެވެ.
ނާހީ އެއަރޕޯޓު ވަޒީފާ ދޫކޮށްލީ، ކައިވެންޏެއްކޮށް ދަރިއަކު ލިބުމާގުޅިގެން، އެހައި ބުރަ ވަޒީފާއެއްގައި އުޅެވެން ނެތީމައެވެ. ވަޒީފާ ދޫކޮށްލުން ވީ، މި ދާއިރާއިން ކުރިއަށް ދިޔުމަށް ނާހީއަށް ހުޅުވުނު ފަހި ދޮރަކަށެވެ. އެހެންކަމުން ދަރިފުޅަށް 6 މަސް ފުރުމާއެކު ނާހީ ފިޓްނަސް ކުލާސްތައް ނަގަންފެށިއެވެ. ފުލްޓައިމް މަސައްކަތެއްގެ ގޮތުގައެވެ. އެހައިތަނުން ފެށިގެން، 2013 ވަނަ އަހަރާ ހަމައަށް އެކި ޖިމްތަކުގައި އޭނާ ވަނީ މަސައްކަތްކޮށްފައެވެ. އެތައް ބަޔަކަށް ޚިދުމަތް ފޯރުކޮށްދީފައެވެ. އެންމެ ފަހުން އޭނާ މަސައްކަތްކުރީ ޓީއެފްޖީގައެވެ.
2013 ވަނަ އަހަރަކީ، ފިޓްނަސްގެ ހަޔާތުގައި ނާހީއަށް ވަރަށް ޚާއްޞަ އަހަރެކެވެ. މި ދާއިރާއިން ވަރަށް މަތީ ހަރުފަތަކަށް އެރުމުގެ ނަސީބު އޭނާއަށް ލިބުނު އަހަރެކެވެ. "ފިޓް ބައި ނާހީ" ގެ ނަމުގައި އަމިއްލަ ޖިމެއް އޭނާ ވުޖޫދުކުރީ އެ އަހަރުއެވެ.
"އަމިއްލަ ޖިމްއެއް ހުޅުވަން ގަސްދުކުރީ، ނާހީމެންނާއެކު ޒުމްބާ ޓްރޭނިންގ ހެދި އެތައް ކުދިންނެއް، މަސައްކަތްކުރާނެ ތަނެއް ނުލިބިގެން އުޅޭތީ. ނާހީ ބޭނުންވީ އެ ކުދިން ގެނެސްގެން، އެ ކުދިންނަށް ފުރުސަތު ދީގެން ޖިމެއް ހުޅުވަން. ރަނގަޅު ފެންވަރުގެ އިންސްޓްރަކްޓަރުން ގިނަ ކުރަން ވެސް ބޭނުންވީ. އަނެއް ބޭނުމަކީ، އަގުހެޔޮކޮށް ޚިދުމަތް ދޭނެ ރަނގަޅު ފެންވަރުގެ ޖިމެއް މާލޭގައި އުފެއްދުން. އޭރު އެންމެ އަގުހެޔޮކޮށް ހުންނާނީ ނާހީގެ ޖިމް." އިންޓަނޭޝަނަލް 2 ޕްރޮގްރާމާއެކު ޖިމްގެ މަސައްކަތް ފެށި ނާހީ ކިޔައިދިނެވެ.
މިއަދު ނާހީ މަސައްކަތްކުރަނީ އޭނާގެ އަމިއްލަ ޖިމްގައެވެ. ޖިމްގެ އެންމެހައި ކަންކަން ބަލަހައްޓައި މެނޭޖުކުރަމުން، ކުލާސް ވެސް ބަރާބަރަށް ނަގައެވެ. މި ދެ ކަން އެކުގައި ކުރުމަކީ، ކިތަންމެ އުނދަގޫ ކަމެއް ކަމަށް ވިޔަސް، ނާހީގެ ހިތްވަރަކަށް ބަދަލެއް ނާދެއެވެ. ގޭގެ ކަންކަމާއި ދަރިފުޅުގެ ކަންކަން ވެސް ބަލަހައްޓަމުން، ޖިމްއެއް ހިންގައި ކުލާސްތައް ނެގުމަކީ، ކޮންމެކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އެހެންނަމަވެސް އެ ކަމުގައި ނާހީ ފަހަތަކަށް ނުޖެހެއެވެ. ޒުމްބާ، ބޮޑީ ޕަމްޕް، ސްޓްރޯންގް ބައި ޒުމްބާ، ހީޓް އިންޑޯ ބޫޓް ކޭމްޕް ފަދަ ތަފާތު ކަސްރަތުތައް އޭނާ ޖިމްގައި ކުރިއަށް ގެންދެއެވެ.
ނާހީ ނަގާ ކަސްރަތު ކުލާސްތަކަށް، އާންމުންގެ ތަރުހީބު ވަރަށް ބޮޑެވެ. ބައެއް ކުލާސްތަކުގައި ތިރީހަކަށް މީހުން އުޅެއެވެ. މިހެން ވަނީ ސަބަބެއް ނެތިއެއް ނޫނެވެ. ނާހީގެ ކްލައިންޓުންނަށް އޭނާ ކުލާސް ގެންދާގޮތް ކަމުދަނީއެވެ. ކުލާސް މަޖާވެފައި، ބޭނުން ކޮންމެ ވާހަކައެއް ޖެހިލުމެއް ނެތި ހިއްސާކުރެވޭތީއެވެ. ވަރުގަދަ ވޯކްއައުޓް ހައްދާތީއެވެ. ކުރެވޭ މަސައްކަތުގެ ނަތީޖާ ރަނގަޅުގޮތުގައި ފެންނާތީ ވެސް މެއެވެ.
ނާހީގެ މަސައްކަތަކީ ހަމައެކަނި ކުލާސް ނެގުމެއް ނޫނެވެ. މި ކަމުގެ ތެރެއަށް އާ މީހުން ނެރުމަކީ ނާހީގެ ވަރަށް ބޮޑު މަޤުޞަދެކެވެ. އެ ކަމަށް ޓަކައި ކެނޑިނޭޅި އޭނާ މަސައްކަތް ކުރެއެވެ. ރަނގަޅު ފެންވަރުގެ އިންސްޓްރަކްޓަރުން އުފެއްދުމަކީ، އޭނާގެ ވަރަށް ޚާއްޞަ އަމާޒެކެވެ. އެ ކަމަށް ޓަކައި މަސައްކަތްތަކެއް އޭނާ ވަނީ ކޮށްފައެވެ. މިހާރު ވެސް އަންނަނީ ކުރަމުންނެވެ.
"ނާހީ ބިންގާ އަޅައިދިން ޒުމްބާ އިންސްޓްރަކްޓަރުން މާލޭގެ އެކި ޖިމްތަކުގައި ވަރަށް ގިނަވާނެ. އަދި ނާހީގެ ޖިމް ހުޅުވި ފަހުން ހުޅުވި ވަރަށް ގިނަ ޖިމްތަކުގައި މިހާރު ވެސް ނާހި ޓްރޭންކޮށްފައި ތިބި އިންސްޓްރަކްޓާސް އުޅޭނެ. ނާހީ ބޭނުން ވަނީ މި ކަމަށް ގިނަ ކުދިން ވައްދައި، މޮޅެތި އިންސްޓްރަކްޓާރސް އުފައްދަން." ކަސްރަތުކުރާ މީހުންގެ އެދުމުގެމަތިން، އެންމެ ފުރަތަމަ އިންޑޯ ބޫޓް ކޭމްޕެއް ހުޅުވި ނާހީ ފަޚުރުވެރިކަމާއެކު ބުންޏެވެ.
ނާހީގެ އުމުރު މިހާރު އުޅެނީ ސާޅީހުން މަތީގައެވެ. އެހެންނަމަވެސް އޭނާގެ ފަންވަރާއި ބުންވަރު ހުރީ ވިހި އަހަރުގައެވެ. އޭގައި ފޮރުވިފައިވާ ސިއްރެއް ވާނެއެވެ. ސިއްރަކީ ނާހީގެ ހިތްވަރެވެ. އެ ކަމަށް ޓަކައި އޭނާ ކުރާ ބުރަ މަސައްކަތެވެ. ޖިމްގައި މަސައްކަތް ކުރިޔަސް އޭނާ ރާއްޖޭން ބޭރުން ތަފާތު ޓްރޭނިންގތައް ހަދައެވެ. ބުންވަރު ހިފެހެއްޓުމަށް ޓަކައި އެކި ކަހަލަ ކަސްރަތުތައް ކުރެއެވެ.
"ބައެއް މީހުން ބުނޭ، ތި ވަރަށް ކަސްރަތުކުރާއިރު ވެސް ނުއެއް ހިކެއޭ. ފަލަކޮށޭ ހުންނަނީ. ގަބޫލުކުރަން ޖެހޭނެ، 40 އަހަރުން މައްޗަށް ދާއިރު، 20 އަހަރު ކުރީގައި ހުރި ހަށިގަނޑެއް ނުހުންނާނެކަން. އެހެންނޫނަސް ނާހީ ކަސްރަތުކުރަނީ، ހިކުމަށްވުރެ ބޮޑަށް ދުޅަހެޔޮ ސިއްހަތެއްގައި ހުންނަން ބޭނުންވާތީ. ބަލިތަކުން ސަލާމަތްވާން." ޢާންމުންނަށް ކަމެއްކޮށްދިނުމުގެ މަޤުޞަދުގައި ޖިމް ހިންގަމުން އަންނަ ނާހީ ފާހަގަކުރިއެވެ.
މިހާރު ނާހީގެ އެންމެ ބޮޑު އަމާޒަކީ، ނާހީގެ ދެ ވަނަ ޖިމްއެއް ހުޅުމާލޭގައި ހުޅުވުމެވެ. އެ ކަމަށް ޓަކައި ވަރަށް ބޮޑަށް އޭނާ އަންނަނީ މަސައްކަތް ކުރަމުންނެވެ. ނާހީގެ އުއްމީދަކީ އަންނަ އަހަރު ޖަނަވަރީ މަހު އެ ޖިމް ހުޅުވުމެވެ.
"އެންމެ ދެކެން ބޭނުންވާ އެއް ދުވަސް އެއީ. އޭގެ އިތުރުން މި ކަމުގައި ދަރިފުޅު ހަރަކާތްތެރި ވާނެ ދުވަހެއް ވެސް ދެކެން ބޭނުން. އަދި މޮޅެތި އިންސްޓްރަކްޓަރުން އުފެދި، ނާހީ ރިޓެއަރކުރާ ދުވަހު އެ މީހުންގެ މަސައްކަތް ފެނުމަކީ ވެސް ވަރަށް ދެކޭ ހިތްވާ ދުވަހެއް." ޓީވީއެމްގެ އިތުރުން ވީޓީވީ އާއި ދި ޓީވީގައި ވެސް ކަސްރަތު ޕްރޮގްރާމް ގެނެސްދީފައިވާ ނާހީ އުއްމީދާއެކު ހާމަކުރިއެވެ.
ނާހީއަށް މި ދާއިރައިން ލިބުނު އެންމެ ބޮޑު ކާމިޔާބަކީ، 2014 ވަނަ އަހަރު ހިތްވަރު ދިނުމުގެ ޤައުމީ އިނާމް ސަރުކާރުން ދެއްވުމެވެ. އެ އިނާމް ލިބުން ވެގެން ދިޔައީ ނާހީއަށް ލިބުނު ވަރަށް ބޮޑު ހިތްވަރަކަށެވެ. މަސައްކަތުގައި އިތުރު ބާރެއްލައި، ކުރިއަށްވުރެ ބާރަށް ހިނގައިގަތުމަށް ލިބުނު ޖޯޝަކަށެވެ. އެހެންނަމަވެސް އެ އިނާމް ލިބުނުއިރު ބައްޕަ ދުނިޔޭގައި ނެތުން ވީ، ނާހީއަށް ލިބުނު ވަރަށް ބޮޑު ފަޅުކަމަކަށެވެ. ސަބަބަކީ، އެ ހިސާބަށް އޭނާއަށް ދަތުރުކުރެވުނީ، ބައްޕަ ދެއްކި މަގުން، ބައްޕަގެ ދެއްވި ނަސޭހަތުގައި ހިފައިގެން ކަމަށް ވާތީއެވެ. އެހެންކަމުން ނާހީ އެ އިނާމާ ހަވާލުވާން ދިޔައީ، ބައްޕައަށް ޓަކައި، ބައްޕައަށް ހޯދައިދިން އިނާމެއްގެ ގޮތުގައެވެ.
ނާހީއަކީ މިއަދު ރާއްޖޭގައި ތިބި އެންމެ ފުންނާބު އުސް ޓްރޭނާއިންގެ ތެރެއިން ޓްރޭނާއެކެވެ. އެންމެ ޤާބިލް އިންސްޓްރަކްޓަރުންގެ ތެރެއިން އިންސްޓްރަކްޓަރެކެވެ. އެހެންކަމުން އަލަށް މި ދާއިރާއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ނާހީގެ ނަސޭހަތެއް އެބަ އޮތެވެ.
"ބުނެލަން ބޭނުންވަނީ، މިއީ އެތައް ބަޔެއްގެ ސިއްހަތާ ގުޅިފައި އޮތް ކަމެކޭ. އެހެންވީމާ ކޮންމެ މީހަކު ވެސް ޓްރޭނާއެއްގެ ގޮތުގައި ނިކުންނާން ވާނީ، ރަނގަޅު ޓްރޭނާއަކަށް ވެގެންނޭ. އެކްސްޕީރިއަންސާއެކުގަ ނިކުންނާށޭ. އެހެންނޫނީ ހެދޭ ގޯހަކުން، މުޅި އުމުރު އެ މީހަކު އިންޖަރީގަ އުޅޭން ޖެހިދާނޭ." ތަފާތު އެކި ކަހަލަ ގޮންޖެހުންތަކާ ކުރިމަތިވަމުން އައި ނަމަވެސް، ފަސްޖެހުމެއް ނެތި މަސައްކަތުގައި ހަރަކާތްތެރިވަމުން އަންނަ ނާހީ ބުންޏެވެ.
މި ކަމުގައި ޝުކުރުއަދާކުރަން ނާހީ އެންމެ ފުރަތަމަ ބޭނުންވަނީ ހެއްދެވިފަރާތަށެވެ. އެއަށްފަހު މަންމައާއި ބައްޕައަށެވެ. ހަމައެއާއެކު ވަހިއްދީނަށް ވަރަށް ޚާއްޞަ ޝުކުރެއް އަދާކުރަން އޭނާ ބޭނުންވެއެވެ. މި މަސައްކަތުގައި ވަހިއްދީނުގެ ފަރާތުން ލިބުނު އެހީތެރިކަމުގެ ބޮޑުކަމުންނެވެ. މީގެ އިތުރުން ލީތު ސްޓީޑިއޯ ޝިފާއާއި ޓޯން އަޕް ފާތުންނާއި ޝޭޕް ޒަމްއާއި ބޮޑީ ފިއުޝަން ނަޝީއާއި ޓީއެފްޖީ ޒިނާން ވެސް ނާހީގެ ޝުކުރުގެ ލިސްޓުން ވަނީ ޖާގަ ހޯދާފައެވެ.