މިދިޔަ ޑިސެމްބަރު މަހު ޓެކްސީ ޑްރައިވަރުން ހުޅުމާލެ ރުއްގަނޑު ޕާކު 1 ގައި ކުރިއަށް ގެންދިޔަ މި މުޒާހަރާގެ ތެރެއިން ފުލުހުންގެ ދައުރަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ތިން މީހަކަށް ދައުވާކުރުމަށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް މިއަދު ފޮނުވައިފި އެވެ.
ގިނަ އަދަދެއްގެ ޓެކްސީ ޑްރައިވަރުން ބައިވެރިވެގެން އެ މުޒާހަރާ ކުރިޔަށް ގެންދިޔައީ ''ބޯކަނޑާލެވިދާނެ ކަމަށާއި، ބޯގުދު ނުކުރާނެ'' ކަމަށް ބުނެ އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުންގެ ދައުރަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ޕީޖީ އޮފީހަށް ދައުވާކުރަން ފޮނުވާފައި ވަނީ މއ. ވިރާޙު، މުހައްމަދު ޝާމިން 39، އާއި، މއ. ނަހީދީ މަންޒިލް، މިސްބާހު ޝަރީފް 31، ގެ އިތުރުން ހދ، ކުމުންދޫ ހޮލިޑޭވިލެޖް، ނުއުމާން އަހުމަދު 36، ގެ މައްޗަށެވެ. މި ތިން މީހުންގެ މައްޗަށް ވެސް ކުރަނީ އެއް ދައުވާއެކެވެ.
މި ތިން މީހުންގެ މައްޗަށް ވެސް އުފުލާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނު އުގޫބާތުގެ 533 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަމްބަރާއި 2 ވަނަ ނަމްބަރުގެ (11) އާއި ހަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ދައުވާ އެވެ.
ޓެކްސީ ޑްރައިވަރުންގެ މުޒާހަރާއާއި ގުޅިގެން ތިން މީހެއްގެ މައްޗަށް ދައުވާކުރުމަށް ފޮނުވިއިރު، ޑްރައިވާސް އެސޯސިއޭޝަނުގެ ރައީސް އިބްރާހީމް ނިޔާޒް ވިދާޅުވީ އެ ދައުވާ އަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނޭ ދައުވާއެއް ނޫން ކަމަށެވެ. އަދި އެއީ މި ސަރުކާރުން ޓެކްސީ ޑްރައިވަރުންނަށާ އެ ފަރާތްތަކުގެ އާއިލާއަށް ދޭ ބޮޑު އަނިޔާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ނިޔާޒް ވިދާޅުވީ ޓެކްސީ ޑްރައިވަރުންގެ އިހުތިޖާޖު ކުރިވަގުތު އެއްވެސް މިންވަރަކަށް ފުލުހުންގެ ދައުރަށް ހުރަސް އަޅާފައި ނުވާނެ ކަމަށެވެ. އަދި އެރޭގެ މުޒަހަރާ ނިންމާލުމަށް ފަހު ހިނގައިދިޔަ އެއްވެސް ކަމެއްގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރި ކަމެއް ނުދައްކާ ކަމުގެ އެންމެ އަލިގަދަ ހެއްކަކީ ފުލުހުންނާއި ޑްރައިވަރުންނާއި ދެމެދު އެއްވެސް ކުރިމަތިލުމެއް ހިނގާފައި ނުވުން ކަމުގައި އޭނާ ވިދާޅުވިއެވެ.
ނިޔާޒް ވިދާޅުވީ ޓޯކުރި ކާރުތައް ވެސް ޓޯކޮށްފައި ވަނީ ފުލުހުންގެ އަމުރަށް ދުއްވާފައި ގޮސް ފުލުހުން ބުނި ތަނަކަށް ދިޔުމަށް ފަހު ކަމަށެވެ.