އޭނާއަކީ ވަރަށް މަސައްކަތްތެރި ހީވާގި މީހެއް. އެއްވެސް ތަމްރީނެއް ނުލިބި ކެއްކުމަށް ހުރި ޝައުގުވެރިކަމެއްގެ ސަބަބުން އަބަދުވެސް އެކިއެއްޗެހި ކައްކާ ހަދާ. ބޭކަރީގެ މަސައްކަތް ފެށީވެސް މީހަކު ދިން ރެސިޕީއަށް ބަލައިގެން ކަސްޓަމަރުން ބޭނުންވާ ގޮތަށް ކުދި ބަދަލުތައް ގެނެސްގެން. މިހާރު އޭނާ އަމިއްލަ ބޭކަރީއެއް ހިންގާ. އޭގެ އިތުރުން އޭނާއަކީ ރަށުން ލިބެންހުންނަ މޭވާ ބޭނުންކޮށްގެން ޖޭމް އުފެއްދި މީހެއް. އޭނާ ތަފާތު މޭވާތަކުގެ ޖޭމް ހަދާ. އަދި ދެ ބާވަތުގެ މޭވާ އެއްކޮށްގެން ވެސް ޖޭމް ހަދާ. އޭނާގެ މަސައްކަތުގައި ގިނަބައެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭ.

ދުނިޔޭގެ ތާރީޚަށް ބަލައިލުމުން އެނގެނީ ޖޭމާއި އަސާރަ ވުޖޫދުވީ މޭވާ އާއި ތަރުކާރީ ނުބައިވިޔަނުދީ ގިނަ ދުވަހަށް ބަހައްޓަން ކުރި މަސައްކަތުން ކަމެވެ. ރާއްޖޭގައި ޒަމާނުއްސުރެ އަނބު، ކެރެޓް، ކަދުރު، އަދި ލުނބޯ ބޭނުންކޮށްގެން އަސާރަ ހަދައި އުޅުނު ކަމަށްވި ނަމަވެސް، ޖޭމް އުފެއްދުމުގެ ތާރީޚެއް ފެންނާކަށް ނެތެވެ.

އއ. ތޮއްޑޫއަށް އުފަން، އެރަށު ހަނދުވަރީވިލާ، ފާތުމަތު އިބްރާހީމް (ތިއްތަ) އަކީ މޭވާ ބޭނުންކޮށްގެން ދިވެހި މީރު ޖޭމް އުފައްދާ ހީވާގި އަންހެނެކެވެ. އަބަދުވެސް މަސައްކަތްތެރިކޮށް އުޅުމަށް ލޯބިކުރާ ތިއްތައަކީ ކެއްކުމުގެ މަސައްކަތަށް ވަރަށް ޝައުގުވެރިވާ ކެއްކުމުގައި ތަފާތު އީޖާދީ ބަދަލުތައް ގެނެސް އާ ކެއުންތައް ވުޖޫދު ކުރަން ބޭނުންވާ މީހެކެވެ.

އޭނާއަކީ ތޮއްޑޫގައި ވަރަށް ފުޅާ ދާއިރާއެއްގައި ބޭކަރީއެއް ހުޅުވައިގެން ގިނަބަޔަކަށް ވަރަށް ފުރިހަމަ ޚިދްމަތެއް ވެސް ދެމުން އަންނަ މީހެކެވެ. ބޭކަރީގެ މަސައްކަތް ފެށީ، ބޭކަރީ ކޯހެއް ނުވަތަ ތަމްރީނެއް ވެސް ނެތި އަމިއްލަ ތަޖުރިބާގެ އަލީގައި ގާތް މީހަކު ދިން ރެސިޕީއަކަށް ކަމުގައި އޭނާ ބުންޏެވެ.

އެ ރެސިޕީ މިހާރު ވަނީ ރަށުގެ މީހުން ބޭނުންވާ ގޮތަށް ބަދަލުގެނެސްފަ އެވެ. އަދި 2018 ވަނަ އަހަރު ހުޅުވި އޭނާގެ "ފައިންބޭކަރީ"ގައި މިހާރު ހަތަރު ވައްތަރެއްގެ ޕާން ތައްޔާރުކުރެ އެވެ.

"އަޅުގަނޑު ތެދަށް ދަންނަވަންޏާ ބުނެވޭނީ މިކަމަށް އެއްވެސް ތަމްރިނެއް ނުހޯދަމޭ. އަޅުގަނޑު އަމިއްލައަށް މަސައްކަތްކޮށް ތަޖުރިބާކުރީ. އެއީ އަޅުގަނޑަކީ ކާއެއްޗެހި ހަދަން ވަރަށް ޝައުގުވެރިވާ މީހެއްވީމަ. ވީމާ އެކިކަހަލަ އެއްޗެތި ހަދައި މީހުންނަށް ކާންދީ އުޅުމުގެ ތެރެއިން ފެށުނު މަސައްކަތެއް މިއީ. ފުރަތަމަ ޕެޝަންފުރުޓްގައި ޖޭމް ހެދީ ވެސް. ބޭކަރީ މަސައްކަތުގައި ވެސް އެއްވެސް ތަނަކުން ތަމްރީނެއް ނުހޯދަން،" އޭނާ ބުންޏެވެ.

ރަށުގައި މޭވާ ތިޔާގިވުމާއެކު ޖޭމް ތައްޔާރުކުރުމުގެ ވިސްނުން އުފެދުން

ބޭކަރީގެ ޚިދުމަތް ދެމުންދިޔަ ދުވަސްވަރު، ތޮއްޑޫގައި ވަރަށް މޭވާ ތިޔާގި ދުވަސްވަރެއް އަ އެވެ.

"އޭރު މިރަށުގައި އޮންނާނެ ފަޅޮލާއި. ޕެޝަންފުރުޓާއި، ކަރާ. އެ ހޯދަން އަނެއްހެން މަސައްކަތެއް ކުރާކަން ނުޖެހޭނެ. ބިންމައްޗަށް ވެޓިފައި ވެސް ހުރޭ. އެހާ ގިނަ، އެ ވަރަށް މޭވާ އޮވޭ. އެ މޭވާތައް އުކާނުލައި ގިނަ ދުވަހަށް ރައްކާކުރުމަށް ވިސްނައި ޖޭމް ތައްޔާރު ކުރަންފެށީ،" ތިއްތަ ކިޔައިދިނެވެ.

ތިއްތަ ތައްޔާރުކޮށްފައިވާ ޖޭމް ފުޅިތަކެއް: ފުރަތަމަ ޖޭމް ހެދީ ޕެޝަންފްރުޓް ބޭނުންކޮށްގެން

އޭނާ ފުރަތަމަ ޖޭމް ތައްޔާރުކުރީ ހޮބީއެއްގެ ގޮތުގަ އެވެ. ފުރަތަމަ ބޭނުންކުރީ ޕެޝަން ފުރުޓެވެ. ތައްޔާރުކުރުމަށްފަހު އާއިލާއަށާއި ރައްޓެހިންނަށް ރަހަ ދައްކަން ފޮނުވި އެވެ. އެ މީހުންނަށް ޖޭމް މީރުވުމުން ޖޭމް ހެދުމަށް ލިބުނު ހިތްވަރަކާއެކު އެ މަސައްކަތް ކުރިއަށް ގެންދިޔަ އެވެ. ވިޔަފާރިއެއް ފެށުމުގެ ވިސްނުމެއް އޭރު ނެތްކަމަށް އޭނާ ބުންޏެވެ. ނަމަވެސް ހަމަ އެދުވަސް ވަރު އެނާގެ ކޮއްކޮ ތޮއްޑޫގެ މަޝްހޫރު ދަނޑުވެރިޔާ ގަމީރާ އާދަމް، އޭނާ ކައިރީގައި ވިޔަފާރިއަށް ޖޭމް ތައްޔާރުކޮށް ވިއްކުމަށް ވިސްނައިދިނެވެ.

"ޖޭމްގެ ވިޔަފާރި ފެށުނީ ކޮއްކޮގެ އެއްބާރުލުމާއެކު. އޭގެ ފަހުން ގައިވައިދުން ވިޔަފާރިއަށް ޖޭމް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން މިދަނީ،" ތިއްތަ ބުންޏެވެ.

ދިވެހި ރަހައިގެ ދިވެހި ޖޭމެއް

އޭނަ ތައްޔާރު ކުރާ ޖޭމަކީ 100 ޕަސެންޓް ދިވެހި އުފެއްދުމެކެވެ. ޖޭމް ތައްޔާރު ކުރަނީ ތޮއްޑޫގައި އާއްމުކޮށް ހައްދާ ކަރާ، ޕެޝަންފުރުޓް، ފަޅޯ، އަނބު ފަދަ މޭވާ ބޭނުންކޮށްގެނެވެ. މޭވާތައް ކެއްކުމަށް ފަހު ހަކުރު އެއްކޮށް ރަހަ ހެޔޮވަރުވުމުން ޚައްސަ ފުޅިތަކަކަށް އަޅަ އެވެ. އެ ފުޅިތައް ހުންނަނީ ކުރިން ވަކިގޮތަކަށް ސާފުކޮށް ތައްޔާރުކޮށްފަ އެވެ. ޖޭމުގެ ފޮނިރަހަ އޭނާ ބަހައްޓަނީ ރާއްޖޭން ބޭރުން ގެންނަ ޖޭމްއާ އެއްވަރަށެވެ. ޓެސްޓަށް ޖޭމްފުޅި ބަހައްޓާކަން ވެސް އޭނާ ފާހަގަ ކުރުމުން ކާތަކެތީގެ ރައްކާތެރިކަމަށް ދޭ ހަމިއްޔަތު އެނގިގެން ދިޔަ އެވެ.

ތިއްތަ ތައްޔާރުކޮށްފައިވާ ޖޭމްފުޅިތަކެއް: ޖޭމް ގިނައިން ގަންނަނީ ފަތުރުވެރިން

"ޖޭމް ތައްޔާރު ކުރާއިރު ވަރަށް ބޮޑަށް ޔަގީންކުރަންޖެހޭނެ ސާފުތާހިރުކަމަށް. ގިނަދުވަހު ބެހެއްޓޭނެ ގޮތަކާމެދު. މިހާރު ވެސް ހުންނާނެ ޓެސްޓަށް ބަހައްޓާފައި ހުރި ފުޅިއެއް. ދިހަ މަސްވެއްޖެ އެއްވެސް ބަދަލެއް ނައިސް ރީތިކޮށް ހުންނަތާ،" އޭނާ ކިޔައިދިނެވެ.

"ފައިން"ގެ ނަމުން ނަންދެވިފައިވާ މިޖޭމް ތައްޔާރު ކުރަން ފެށި ފަހުން މިހާރު ހަ އަހަރު ވެފައިވާއިރު، ގިނައިން ޖޭމް ގަންނަނީ އެރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނެވެ. ހަދާ ކޮންމެ ފަހަރަކު 100 ނުވަތަ 150 ފުޅީގެ ޖޭމް ތައްޔާރު ކުރި ނަމަވެސް ބައެއް ފަހަރު ޑިމާންޑާ އެވަރަށް ތައްޔާރު ނުކުރެވޭކަން އޭނާ ފާހަގަ ކުރި އެވެ.

"ފެކްޓަރީއެއްގައެއް ނޫން ތައްޔާރު ކުރަނީ. ހަމަ ގޭގައި. ރަށުގެ އިތުރުން ހުޅުމާލޭގެ ފޭސް 2 ގައި ވެސް އަޅުގަނޑު ތައްޔާރު ކުރާ ޖޭމް ލިބެން ހުންނާނެ،" ތިއްތަ ބުންޏެވެ.

ވަކިވަކި މޭވާގެނަން ދެވިފައިވާ ޖޭމްގެ އިތުރުން އެކި މޭވާ މިކްސް ކޮށްގެން ވެސް އޭނާ ޖޭމް ތައްޔާރުކުރެ އެވެ. ފުޅީގެ ބޭރުގައި ތައްކުރާ ލޭބަލް (މައުލޫމާތުދޭ ލިޔުން) ހެދުމާއި އެކްސްޕަޔަރީ ޑޭޓް (ކާތަކެތި ނުބައިވާނެ ތާރީޚް) ވެސް ތިއްތަގެ ޖޭމްފުޅީގެ ބޭރުގައި ހުރެ އެވެ. ތިއްތަ ތައްޔާރުކުރާ ޖޭމްގެ ރަހަމީރުވެފައި، އެއްވެސް ކެމިކަލެއް އެއްކުރެވިފައިއެއް ނުވެ އެވެ. މުޅިން ވެސް ގުދުރަތީ ރަހަތައް ހިމަނައިގެން އެޖޭމް ތައްޔާރުކުރާތީ ގިނަބަޔަކު އެމަސައްކަތް ބަލައިގެން ފައިވާކަމަށް ތިއްތަ ވަރަށް ފަޚުރުވެރިކަމާއެކު ބުނެލި އެވެ.

މަޝާފައިވާ އަނބުތަކެއް: ޖޭމްހަދަނީ 100ޕަސެންޓް ދިވެހި މޭވާ ބޭނުންކޮށްގެން

ބޭކަރީއެއް ހިންގަމުން ޖޭމް ތައްޔާރު ކުރުމަކީ ވަރަށް ބުރަ މަސައްކަތެކެވެ. ތަކެއްޗާއި، ވަގުތާއި، މަސައްކަތުގެ ގޮތުން ވެސް މެ އެވެ. ނަމަވެސް މި މަސައްކަތުގައި އިތުރު މީހުންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭކަން އޭނަ ފާހަގަކުރި އެވެ. ގާތް ރައްޓެހިންނާއި އާއިލާ އަދި ވަރަށް ޚާއްސަކޮށް ދަރިންގެ އެހީތެރިކަން ލިބޭކަން ވަރަށް އުފަލާއެކު އޭނާ ފާހަގަކުރި އެވެ.

މުސްތަގުބަލުގައި މި މަސައްކަތް އިތުރު ހަރުފަތަކަށް ގެންދިއުމަކީ އޭނާ ދެކޭ ވަރަށް ބޮޑު ހުވަފެނެކެވެ.