ގަލޮޅުގައި ހުންނަ ގެއެއްގެ ވެރިފަރާތަށް ބިރުދައްކައި، އެ ގެއަށް ގެއްލުންދިން މައްސަލައިގައި 4 މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އެ މީހުން ހައްޔަރުކުރީ ގަލޮޅުގައި ހުންނަ ގެއެއްގެ ވެރިފަރާތަށް ބިރުދައްކައި އިންޒާރުދީފައިވާ ކަމަށް ބުނެ އެ އިދާރާއަށް ރޭގެ ވަގުތެއްގައި ލިބުނު ރިޕޯޓަކާއި ގުޅިގެން ކަމަށެވެ.

އެގެއަށް ރޭ 12:45 އެހާކަންހާއިރު 4 މީހަކު ވަދެ، ގެއަށް ގެއްލުންދިން ދީފައިވާ މައްސަލަ އާ ގުޅިގެން އެ 4 މީހުން ކުށުގެ ވެށިން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މައްސަލަ އާ ގުޅިގެން ހައްޔަރުކުރީ އއ. މާޅޮސް، ރީތިހިޔާ، މުހައްމަދު އަފްލާހް (23އ)، ނ. ވެލިދޫ، އެލަސް، އިބްރާހީމް އަހްނަފް (21އ)، ނ. މަނަދޫ، ހަވޭލި، މުހައްމަދު އަޒާން (23އ)، ތ. ގުރައިދޫ، ފަޒާ، އަލީ ނަވާފު (21އ) އެވެ.

ހަތަރު މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތަށް އެ މީހުން ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.