މިދިޔަ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ޒުވާން އަންހެނަކު މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓުނު މައްސަލައާ ގުޅިގެން އޭނާއާ އެކު އުޅުނު ރައުދު އަހްމަދު ޒިލާލް ހައްޔަރުކޮށްފި އެވެ.

ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ އޭނާ ހައްޔަރުކުރަން ނިންމީ ތަހުގީގަށް އެއްބާރުލުން ނުދޭތީ ކަމަށެވެ.

"އަޅުގަނޑުމެން ރެއާ ހަމައަށް އަޅުގަނޑުމެން މިކުރި މަސައްކަތުން ފާހަގަކުރެވެނީ ރިވިއު ޓީމުން ކުރި މަސައްކަތުން ފާހަގަކުރެވެނީ ކޮރޮބޮރޭޝަންގެ މައްސަލަ އެބައުޅޭ ރައުދުގެ ފަރާތުން ވެސް. އެހެންވީމަ ރައުދު އަލުން ހައްޔަރު ކުރުމަށްޓަކައި ކޯޓު އަމަރަކަށް އަޅުގަނޑުމެން ވާނީ އެދިފައި،" އޭނާ ވިދާޅުވި އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ މިއަދު އިރުއޮއްސި 6:20 ހާއިރު ކަމަށެވެ.

މިއީ ރައުދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ދެވަނަ ފަހަރެވެ. މީގެކުރިން ވެސް އޭނާ ހައްޔަރުކުރި އެވެ. ނަމަވެސް ފުލުހުން އޭނާ ދޫކޮށްލީ އެވެ. މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްއަށް ރައުދު ވަނީ ޕޮޒިޓިވްވެފަ އެވެ.

މި މައްސަލާގައި އެއްވެސް މީހަކު ހައްޔަރުނުކޮށް މައުލޫމާތު ސިއްރުކުރުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް ފުލުހުންނަށް އަމާޒުވި އެވެ.