މި މަހުގެ 18 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި މާލޭގެ ގެއެއްގެ ނުވަ ވަނަ ފްލޯއިން ހައްވާ ޔުމްނު ރަޝީދު ވެއްޓުމުގެ ކުރިން އޭނައާ އެކު އުޅުނު އެންމެ ހައްޔަރުކުރުމަށް ގޮވާލައި މިރޭ ވެސް މާލޭގައި ގިނަ ބަޔަކު އެއްވެ އަޑުއުފުލަމުންދެ އެވެ.
އުމުރުން 21 އަހަރުގެ ޔުމްނު ވެއްޓުނު މައްސަލައާ ގުޅިގެން އޭނައާއެކު އުޅެނިކޮށް ސީސީޓީވީ ފްޓޭޖުން ފެންނަ ރައުދު އަހްމަދު ޒިލާލް އިއްޔެ ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް އެ މައްސަލާގައި ހިމެނޭ އެހެން މީހުން ހައްޔަރެއް ނުކުރެ އެވެ.
އެ ހާދިސާ ހިނގުމުގެ ކުރިން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ ގެކޮޅު ކަމަށްވާ މއ. މާންދޫގޭދެކުނުގޭގެ ޓެރަހުގައި ވަނީ މަސްތުވާތަކެއްޗާއެކު ޕާޓީކޮށްފައެވެ. ނަމަވެސް 18 ވަނަ ދުވަހު އެ ގެ ފާސްކޮށްފައެއްނުވެ އެވެ. އެގެ ފާސްކުރީ ޒުވާނުން ނުކުމެ މުޒާހަރާކޮށް ސަރުކާރަށް ޑިމާންޑްތަކެއް ކުރަން ފެށުމުންނެވެ.
ޕާޓީކުރި މީހުންގެ ތެރޭގައި މިނިސްޓަރު އަމީނަށް ބޮޑުބޭބެ ކިޔާ ދެ މީހަކު ވެސް ހިމެނެ އެވެ.
މުޒާހަރާގެ ބައިވެރިން މިރޭ ވަނީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި ހޯމް މިނިސްޓަރު އަލީ އިހްސާންގެ އިތުރުން ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އިސްތިއުފާދެއްވުމަށް ގޮވާލާފަ އެވެ.
މުޒާހަރާގެ ބައިވެރިން ވަނީ ޔުމްނު ވެއްޓުނު މައްސަލާގައި އިންސާފުވެރި ތަހުގީގެއް ހިންގުމަށް ގޮވާލާފަ އެވެ. އަދި ފުލުހުން އަމަލުކުރަމުންދާގޮތުގެ އިންކުއަރީއެއް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ހެދުމަށް ވެސް ގޮވާލި އެވެ.
އެ ހާދިސާ ހިނގިތާ ހަފްތާއެއްވާން ކައިރިވެފައި ވަނިކޮށް ޔުމްނުއާއެކު އެރޭ އުޅުނު ރައުދު އަހްމަދު ޒިލާލް ވަނީ އިއްޔެ ހައްޔަރުކޮށްފަ އެވެ. އޭނާގެ ބަންދަށް ފަސް ދުވަސް ކްރިމިނަލް ކޯޓުން ވަނީ ޖަހާފަ އެވެ. އަދި ވެއްޓުނު ޔުމްނު އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިޔުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.