ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވާނެ ކަމަށް ބެލެވޭތީ، ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަން ފަށަނީ އާންމުގޮތެއްގައި ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ ތެރޭގަ އެވެ.

އެ އިދާރާއިން ބުނީ މި ވިއްސާރައިގައި ހާއްސަކޮށް މެދުރާއްޖެ ތެރެއާއި އުތުރުގެ އަތޮޅުތަކަށް ވައިގަދަވެ ކަނޑުގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ކުރިއަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު މެންދުރު ފަހުން ފެށިގެން ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރުން އެކަށީގެންވެ އެވެ. އަދި ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާ ގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެ އެވެ.

ހުޅަނގު މޫސުމުގައި ވިއްސާރަވެ، ވައި ގަދަވެ، އަދި ކަނޑު ގަދަވުމަކީ އާންމު ކަމެކެވެ. އެހެންކަމުން މި ދުވަސްވަރު ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް ކަމާއި ބެހޭ ފަރާތްތަކުން އިލްތިމާސްކުރެ އެވެ. އެގޮތުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ މައުލޫމާތު ހޯދައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ އިތުރުން ކުދި އުޅަނދުފަހަރުގައި ދަތުރުކުރާ ފަރާތްތަކުން އިތުރު ސަމާލުކަމެއް ދޭންޖެހޭ ކަމަށް ވެސް ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ.