މާތްﷲ ކަމަކަށް އިރާދަ ކުރައްވައިފި ނަމަ އެކަމެއް ވާނެކަން ކަށަވަރެވެ. އެއީ ކިތަންމެ ގޮންޖެހުމަކާއި އުނދަގޫތަކެއް ކުރިމަތިވި ކަމުގައި ވިޔަސްމެ އެވެ.

ލީބިޔާއަށް ނިސްބަތްވާ ޒުވާނެއް ކަމަށްވާ އަމީރު މަހްދީ އަލް ޣައްޒާފީއަށް މިވަނީ އެފަދަ ތަޖުރިބާއެއް ކުރެވިފަ އެވެ. އޭނާއަށް މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބުނީ އަޖާއިބު ކުރުވަނިވި ގޮތަކަށެވެ.

ލީބިޔާއިން މިއަހަރު ހައްޖަށް ދިޔަ އެތައް ހާސް މުސްލިމުންނެކޭ އެއްފަދައިން އަމީރު ވެސް ހިތާއި ދުލުން ހައްޖުގެ އަޅުކަމަށް ނިޔަތް ގަނެ އެ ނިޔަތުގައި ފުރަން އެއާޕޯޓަށް ދިޔަ އެވެ.

އެހެން ނަމަވެސް ކަންދިމާކުރި ގޮތުން އިމިގްރޭޝަން ކްލިއަރެންސްގައި ލަސްތަކެއް ކުރިމަތިވެ އަމީރުއަށް އޭނާ ފުރަން އޮތް ފްލައިޓަށް އެރޭ ގޮތެއް ނުވި އެވެ. އެ ފްލައިޓް ފުރީ އަމީރުއާ ނުލަ އެވެ.

މާޔޫސްވެ ގޮތް ހުސްވެފައި ވަނިކޮށް މިފަހަރުގެ އޭނާގެ ނަސީބުގައި ހައްޖުގެ އަޅުކަން ނެތީކަމަށް އެއާޕޯޓުގައި ތިބި އޮފިޝަލުން އަމީރުގެ ގާތުގައި ބުންޏެވެ.

އޭގެ ޖަވާބުގަައި ސާބިތުކަމާއެކު އަމީރު ބުނީ އޭނާ އެތަނަށް އައީ ހައްޖުގެ އަޅުކަމަށް ނިޔަތް ގަނެގެން ކަމަށާއި މާތް ﷲ އިރާދަ ކުރައްވައިފި ނަމަ އޭނާއަށް ހައްޖަށް ދެވޭނެ ކަމަށެވެ.

މާތް ﷲގެ ކުޅަދުންވަންތަކަން ނިކަން ދެކިބަލާށެވެ. އަމީރުއާ ނުލާ ފުރި އެ ފްލައިޓަށް ޓެކްނިކަލް މައްސަލަތަކެއް ކުރިމަތިވެ އަނބުރާ އެ އެއާޕޯޓަށް ޖައްސަން ޖެހުނެވެ.

މައްސަލަ ހައްލުކޮށް އަލުން ފުރަން ތައްޔާރުވި ނަމަވެސް އަމީރު އެ ފްލައިޓަށް އަރުވަން ފްލައިޓްގެ ޕައިލެޓް ދެކޮޅު ހެދި އެވެ. ދެވަނަ ފަހަރަށް ފުރައިގެން ވެސް ވީ ހަމަ އެގޮތެވެ. އިތުރު މައްސަލަތަކެއް ކުރިމަތިވެ އަލުން ޖައްސަން ޖެހުނީ އެވެ.

ތިންވަނަ ފަހަރަށް ފުރުމުގެ ކުރިން ފްލައިޓްގެ ޕައިލެޓް ބުނީ އަމީރުއާ ނުލާ އެ ފްލައިޓް ދެން ނުފުރާނެ ކަމަށެވެ. އެއާއެކު އޭނާ އެ ފްލައިޓަށް އަރަން ހުއްދަ ލިިބި ރައްކާތެރިކަމާއެކު ފްލައިޓް ވަނީ ސައޫދީ އަރަބިއާއަށް ގޮސްފަ އެވެ.

މި ހާދިސާގެ ވާހަކަ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު ގިނަ ބަޔަކު އަންނަނީ މިންވަރަށް އީމާންވުމާއި ﷲގެ އިރާދަފުޅަށް އީމާންވުމުގެ މުހިއްމުކަން ފާހަގަކުރަމުންނެވެ.