ނ. ފޮއްދޫގައި ސަރުކާރުން ހިންގަން ރާވާފައިވާ ކަންކަން ނުކުރެވި ލަސްވަނީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސްގެ އެއްބާރުލުން ނުލިބޭތީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތުހުމަތުކުރައްވައިފި އެވެ.

ނ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ފޮއްދުއަށް ވަޑައިގެން ރައީސް ވިދާޅުވީ އެ ދާއިރާގެ މެންބަރު އައްބާސްގެ އެއްބާރުލުމެއް ނުލިބޭ ތަނުގައި، ކަންކަން ކުރުމަށް ހުރަސް އަޅަމުންދާ ކަމަށެވެ.

ރައީސް ވިދާޅުވީ ދާއިރާއަށް އިންތިހާބުކޮށްފައި ހުންނަ މެންބަރު ސިޔާސީ ހިޔާލު ތަފާތުވި ނަމަވެސް، ވާން ޖެހޭނީ ޒިންމާދާރުކަމާއެކީ ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރަން ޖެހޭ ބޭފުޅަކަށް ކަމަށެވެ.

"ހަގީގަތް ހާމަކުރުމުގެ ގޮތުން އަޅުގަނޑު ދަންނަވާލަން ބޭނުން ދާއިރާގެ އިއްޒަތްތެރި މަޖިލިސް މެންބަރުގެ އެހީތެރިކަމެއް ނުލިބޭކަން. ނުލިބޭތަނުގައި ކަންކަމަށް ހުރަސް އެޅުމަށް މަސައްކަަތް ކުރަމުންދާކަން އަޅުގަނޑު ހިތާމައާއެކީގައި ފާހަގަކުރަން،"
ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމްނިކުފާނު ގަބޫލުކުރައްވާ ގޮތުގައި ރައްޔިތުން އިންތިހާބުކޮށްފައި ހުންނަ މަންދޫބެއް ކަމަށްވާ ނަމަ ސިޔާސީ ހިޔާލުތަފާތުވުން އެއްވެސް ވަރަކަށް ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ކުރިމައްޗަށް ގެނެސްގެން ނުވާނެ ކަމަށާއި މެމްބަރު އެއަށް ވުރެ ޒިންމާދާރުކޮށް އަދި ޕްރޮފެޝަނަލްކަމާއެކީ މަސައްކަތް ކުރަން ޖެހޭނެކަމުގަ އެވެ.

ރައީސް ވިދާޅުވީ މެމްބަރު އައްބާސްއަށް ވުރެ އެމްޑީޕީގެ މަޖިލިސް މެންބަރުން ވެސް މާ ރަނގަޅު ކަމަށެވެ. އެއީ އެމްޑީޕީގެ މެންބަރުން ސަރުކާރު ކުރާ ކަންކަމާ ނުބެހޭތީ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދާއިރާގެ ކަމެއްގައި މިހާތަނަށް އެމްޑީޕީގެ މެންބަރުން އެމަނިކުފާނުގެ އަރިހަށް ނާންނަ ކަމަށާއި އެގޮތަށް އަމަލުކުރުމުން މަސައްކަތް ކުރަން މާ ފަސޭހަވާ ކަމަށެވެ. ނަމަވެސް މެމްބަރު އައްބާސްގެ ކިބައިން ކަންކަމުގައި އެހީތެރިކަން ނުދޭ ތަނުގައި ހުރަސްތައް ވެސް ކުރިމަތިކުރާ ކަމީ އެއީ ހަމަ ދެރަކަމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ސަރުކާރުގެ ސިޔާސަތުތަކާއި ސަރުކާރުގެ އަމަލުތައް ހުރި ގޮތަށް އައްބާސް ފަހަކަށް އައިސް އަންނަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެގޮތުން ރައީސް މުއިއްޒު ނ. އަތޮޅަށް ކުރައްވާ ދަތުރުގެ ބޭނުމަކީ ވެސް އިތުރު ދޮގުތައް ހަދައިގެން ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިހާބު ވެރިކަން ކުރާ ޕާޓީ ޕީއެންސީއަށް ހޯދުން ކަމަށް ވެސް އައްބާސް ވަނީ ވިދާޅުވެ އެވެ.