ތައިލެންޑާއި ކެމްބޯޑިއާ ގުޅޭ ސަރަހައްދުގެ މައްސަލަ ބޮޑުވެ، ދެ ގައުމު ވަކިކުރާ ބޯޑަރު ކައިރީގައި ދެގައުމުގެ އަސްކަރިއްޔާއިން ހަމަލާ ބަދަލުކޮށްފި އެވެ.

ފުރަތަމަ ހަމަލާ ބަދަލުކުރި ގައުމާ މެދު ދެގައުމުގެ ދެމެދުގައި ކޯޅުންތައް އުފެދިފައިވާއިރު، މި ހަމަލާތަކުގައި މިހާތަނަށް ތައިލެންޑުގެ އާއްމުންގެ 2 މީހަކު މަރުވެ، އެގައުމުގެ 2 ސިފައިން ވަނީ ޒަހަމްވެފަ އެވެ.

ތައިލެންޑުން ބުނީ އެ ސަރަހައްދަށް ކެމްބޯޑިއާގެ އަސްކަރިއްޔާ ފޮނުވުމުގެ ކުރިން އެސަރަހައްދަށް ޑްރޯންތަކެއް ފޮނުވި ކަމަށާއި، އެއަށްފަހު ބީއެމް21 ރޮކެޓު ފަދަ ހަތިޔާރު ބޭނުންކޮށްގެން ހަމަލާދިން ކަމަށެވެ.

މި ހަމަލާތަކާ ގުޅިގެން އެ ސަރައްދާ ކައިރީގައި ހުރި 86 ސަހަރެއްގައި އުޅޭ 40،000 ތައިލެންޑުގެ ރައްޔިތުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފަ އެވެ.

މިކަމާ ގުޅިގެން ކެމްބޯޑިއާގެ ޑިފެންސް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެންމެ ފުރަތަމަ ހަމަލާ ދިނީ ތައިލެންޑު އަސްކަރިއްޔާއިން ކަމަށާއި، ކެމްބޯޑިއާ އިން ދިން ހަމަލާތަކަކީ ދިފާއު ކުރުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށެވެ.

މި ހާލަތު އިތުރަށް ގޯސްވެ، ހަމަލާތައް ބަދަލުކުރުން ފުޅާވެދާނެ ކަމުގެ އިންޒާރު ތައިލެންޑްގެ ކަމާ ބެހޭ ފަރާތްތަކުން ދިން އިރު، ތައިލެންޑްގެ މިލިޓަރީން މިހާރު ވަނީ އެފް16 އަސްކަރީ ޖެޓުވެސް އެ ސަރަހައްދަށް ފޮނުވާލާފަ އެވެ.