ދިވެހިރާއްޖެ އާއި އިންޑިއާ އާ ދެމެދު ފަސޭހަ އަދި ރައްކާތެރި ކަމާއެކު ފައިސާގެ މުއާމަލާތްތައް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަދި އިންޑިއާގެ އެންޕީސީއައި އިންޓަނޭޝަނަލް ޕޭމަންޓްސް ލިމިޓެޑް (އެންއައިޕީއެލް) އާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި ސޮއި ކުރެވުނު އެއްބަސްވުމާ އެކު، ދިވެހިރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗާ ތަރައްގީކޮށް ދިވެހިރާއްޖޭގެ މާލީ ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށް މަގުފަހުވެގެންދާނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް – ފަވަރަ އާއި ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) ގުޅުވާލެވޭނެ އެވެ. މިއާއެކު ދެ ގައުމުގެ ދޭދޭ ފަރުދުންގެ މެދުގައި ފަސޭހަކާމާއެކު ފައިސާ ފޮނުވާ ލިބިގަތުމުގެ ޚިދުމަތް ގާއިމުވެ، ރައްކާތެރިކަމާއެކު ހެޔޮ އަގުގައި ޕޭމަންޓް މުއާމަލާތްތައް ވަގުތުން ކުރެވޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

މި މަސައްކަތަކީ އެމްއެމްއޭ އިން ކުރިއަށް އޮތް ތިން އަހަރަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް ޕްލޭނާ އެއްގޮތަށް ދިވެހިރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗާ ތަރައްގީކޮށް، ބައިނަލްއަގުވާމީ ނެޓްވޯކްތަކާ ގުޅާލާ ރާއްޖެއިން ބޭރަށް ފައިސާގެ މުއާމަލާތް ކުރެވޭނެ ވަސީލަތްތައް ގާއިމުކުރުމަށް ރާވާފައިވާ ކަންތައްތަކުގެ ތެރެއިން ކުރެވިގެންދާ މަސައްކަތްތަކެކެވެ.

މީގެ މަގްސަދަކީ ފަސޭހަކަމާ ރައްކާތެރިކަމާއެކު ބައިނަލްއަގުވާމީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިކޮށް، މާލީ ބައިވެރިވުން އިތުރު ކުރުމަށާއި، ހަމަހަމަ ގޮތެއްގައި މާލީ ހިދުމަތްތައް ރައްޔިތުންނަށް ލިބޭކަން ކަށަވަރުކުރުމެވެ. މިކަމުގެ ސަބަބުން އިޤްތިސާދީ ބައިވެރިވުން އިތުރުވެ ކުރިއަރައިގެންދާނެ ކަމަށް ވެސް އެމްއެންއޭ އިން ބުންޏެވެ.

މި ޚިދުމަތްތައް ތައަރަފް ކުރުމަށް ރޭވިފައިވަނީ ދެމަރުހަލާއަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާގައި ދިވެހިރާއްޖެ އާއި އިންޑިއާގެ ދޭދޭ ފަރުދުންގެ މެދުގައި ވަގުތުން ވަގުތަށް ފައިސާގެ މުޢާމަލާތްތަށް ކުރެވޭނެ އިންތިޒާމް، 2026 ވަނަ އަހަރުގެ ކުރީކޮޅުހަމަޖެހޭނެ އެވެ. އަދި ދެވަނަ މަރުހަލާގައި، ފަރުދުން ކުރާ ވިޔަފާރި މުއާމަލާތްތަކުގައި (މާޗަންޓް ޕޭމަންޓްސް) ފަސޭހަކަމާއެކު ކިއުއާރު ކޯޑް މެދުވެރިކޮށް ޕޭމަންޓްސް ހެދޭނެ މަގު ފަހިވާނެ އެވެ. މި ޚިދުމަތްތައް ތައާރަފް ކުރުމަށް ރޭވިފައިވަނީ ދެގައުމުގެ ދޭތެރޭ ކުރެވޭ ފައިސާގެ މުއާމަލާތްތަކުގައި އެ ގައުމެއްގެ އަމިއްލަ ފައިސާ ބޭނުންކުރުމަށް މަގުފަހިވެގެންދާނެގޮތަށެވެ.

އެންއައިޕީއެލް އިން ވަނީ ސިންގަޕޫރު، ސްރީ ލަންކާ، އަދި ނޭޕާލް ފަދަ ގައުމުތަކުގައި ވެސް ޔޫޕީއައި މެދުވެރިކޮށް މިފަދަ ޕޭމަންޓް ޚިދުމަތްތައް ތަޢާރަފްކޮށްފައެވެ. ދިވެހިރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރުމަށް ކުރާ މަސައްކަތްތަކުގެ ދުވެލި އިތުރަށް ހަލުވިކޮށް ކުރިޔަށްގެންދިޔުމުގެ މަގުސަދުގައި "ޕޭމަންޓް މޯލްޑިވްސް" ގެ ނަމުގައި ވަކި ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް ފަށައި، މިކަން ތަންފީޒުކުރުމަށް ޤާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް އެމްއެމްއޭ އިން ދަނީ ކުރަމުންނެވެ.

މި ކުންފުނި ވެގެންދާނީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އިޖާދީ ޕޭމަންޓް ހިދުމަތްތައް ތައާރަފުކޮށް، މި މަސައްކަތް ވިލަރެސްކުރާ ފަރާތަށެވެ. ޤައުމީ ޕޭމަންޓް ސިސްޓަމް ވަކި ކުންފުންޏެއްގެ ދަށުން ޒަމާނާއި އެއްގޮތަށް ތަރައްޤީކުރުމުގެ މި މޮޑެލްއަކީ ދުނިޔޭގެ ގިނަ ޤައުމުތަކުގައި (ކެނެޑާ، ޖޯޑަން، އިންޑިއާ، ތައިލޭންޑް އަދި ސައުދީ އަރަބިޔާ) ކާމިޔާބުކަމާއެކު ތަންފީޒުކޮށްފައިވާ މޮޑެލްއެކެވެ.

ދިވެހިރާއްޖޭގެ ޕޭމަންޓް ސިނާއަތް ކުރިއެރުވުމަށް އެމްއެމްއޭ އިން އިތުރަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ނެޝަނަލް ކިއުއާރު ކޯޑް ސްޓޭންޑަޑެއް އެކުލަވާލުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރެވެމުންނެވެ. މި ސްޓޭންޑަޑް އެކުލަވާލުމުގެ މަޤްސަދަކީ ބޭންކްތަކާއި ޕޭމަންޓް ޚިދުމަތްދޭ ހުރިހާ ފަރާތްތަކުން ބޭނުންކުރާ ކިއުއާރު ކޯޑުތަކަކީ އެއް ހަމައެއްގެ މައްޗަށް ހެދިފައިވާ އިންޓައޮޕަރަބަލް ކިއުއާރު ކޯޑު ތަކަކަކަށް ހެދުމެވެ. މީގެ ސަބަބުން ބޭނުންކުރަން ފަސޭހަ އީޖާދީ ހިދުމަތްތައް ތައާރަފް ކުރުމަށް މަގު ފަހިވެގެންދާނެ އެވެ.

އަދި ހަމަ އެޔާއިއެކު ފަވަރަ މެދުވެރިކޮށް ހަދާ ޕޭމަންޓްތައް އިތުރުކުރުމަށް މަގުފަހިވެ، ދެޤައުމުގެ ދެމެދުގައި ކުރާ ބައިނަލްއަޤްވާމީ މުއަމަލާތްތަށްވެސް ފަސޭހައިން ކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދާނެ އެވެ. މީގެ ސަބަބުން ފަރުދުންނާއި ވިޔަފާރިތަކުގެ މެދުގައި ކުރެވޭ މުއާމަލާތްތަށް ފަސޭހަވެ، އެމްއެމްއޭ އިން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ މާލީ ބައިވެރިވުން އިތުރު ކުރެވި، ނަގުދު ފައިސާއަށް ބަރޯސާވާ މިންވަރު ދަށްކުރުމަށް ލިބޭ ބާރަކަށް ވާނެ އެވެ.