ޒަމާނީ ސިއްހީ ފަރުވާ ލިބެނިކޮށް އެ މީހެއްގެ އަނބިމީހާ ނުވަތަ އަންހެން ދަރިފުޅު ވިއްސަން ވަކި ޚާއްސަ ފޫޅުމަޔަކު ހޯދާނަމަ އެއިން އަންގައިދެނީ އެ ފޫޅުމައިގެ ގާބިލްކަމެވެ. ކުޅަދާނެކަމެވެ. މިއީ އެފަދަ ތަޖުރިބާކާރު އަދި ހުށިޔާރު ފޫޅުމައެކެވެ.
އެންމެ 600 މީހުންގެ އާބާދީއެއް އޮންނަ ށ. ނަރުދޫއަށް އުފަން އެރަށު މަނާޒް، އައިޝަތު މަޖީދާ (މަޖީދާ) އަކީ މީހުން ވިއްސުމުގެ ޚިދުމަތް ދިނުމުގައި 37 އަހަރުވެފައިވާ ގާބިލް ފޫޅުމައެކެވެ. އަދިވެސް އިޚްލާސްތެރިކަމާއެކު އެ މާތް ޚިދުމަތުގައި ދެމިހުރި ހީވާގި އެތައް ބައެއްގެ ލޯބި ލިބިފައިވާ ނަމޫނާ މީހެކެވެ.
"މިރަށުގައި ނުހުންނާނެ އެވަރުގެ މީހަކު. ހުރިހާ ގޮތަކުން ބެލިއަސް. މިރަށުގައި އުފެދުނު އެންމެ ވަރުގަދަ އަންހެން ޝަޚުސިއްޔަތު އެއީ. ފޫޅުމައިކަމުގެ ކޯސްހެދިއިރު މުސާރައެއް ވެސް ނުލިބޭ. އެހެން ނަމަވެސް ހިލޭސާބަހަށް މީހުން ވިއްސުމުގެ ޚިދުމަތްދިން. ރޭގަނޑު ދަންވަރު ވިއްސަން ގޮވާލިއަސް އޭނަހުންނާނީ ހަމަ ތައްޔާރަށް. މިހާރު ވެސް އަންހެނުންގެ ތަރައްގީއަށް ކުރާ ކޮންމެ ކަމެއްގައި އޭނަ ހުންނާނެ އެންމެ ކުރީސަފުގައި،" ނަރުދޫގެ ރައްޔިތެއް ކަމަށްވާ ސިލީމާ މުހައްމަދު (އަސްލުނަމެއް ނޫން) މަޖީދާ ސިފަކޮށްދިނީ މިހެންނެވެ.
މަޖީދާ ފޫޅުމާކަމުގެ މަސައްކަތަށް ނުކުތީ 1988 ގައި އުމުރުން އެންމެ 19 އަހަރުގަ އެވެ. އޭރު އާމްދަނީއެއް ހޯދުމުގެ ވިސްނުމެއް ނެތެވެ. އެހެން ނަމަވެސް ރަށުގައި ހުރެ މީހުންނަށް ޚިދުމަތެއް ދިނުމަކީ އޭނާގެ ވިސްނުމެކެވެ. އޭނާއަށް ފޫޅުމާ ކޯހުގެ ތަމްރީން ލިބުނީ އެދުވަސްވަރު އިނގިރޭސިވިލާތުގެ ހިލޭސާބަހަށް މަސައްކަތްކުރާ ވީއެސްއޯ (ވޮލަންޓަރީ ސާވިސް އޯވަސީސް)ގެ ބަޔަކު ރާއްޖޭގެ އެކި ކަންކޮޅުގައި މީހުން ބިނާކުރުމަށް ތަމްރީނުތަކެއް ހިންގާކަން އެނގި އެކަމަށް ކުރިމަތިލުމުންނެވެ.
ވީއެސްއޯއަކީ 1958ގައި އިނގިރޭސިވިލާތުގެ ދެމަފިރިން ކަމަށްވާ އެލެކް އަދި މޯރީ ޑިކްސަން އުފެއްދި ޖަމިއްޔާއެކެވެ. މިހާރު ވެސް ދުނިޔޭގެ 90 ގައުމެއްގައި ހިލޭސާބަހަށް މަސައްކަތްކުރާ ހުނަރުވެރި ގާބިލް މީހުން ހިމެނޭ މި ޖަމިއްޔާގެ ބޭނުމަކީ ދުނިޔޭގެ ގައުމުތަކުގައި ފަގީރުކަން ނައްތާލައި މީހުންގެ ތެރޭގައި ހަމަހަމަކަން ގާއިމު ކޮށްދިނުމެވެ. ވީއެސްއޯގެ މަސައްކަތް ރާއްޖޭގައި ފެށުނީ 1981ގަ އެވެ. އެ ދުވަސްވަރު ދިވެހިރާއްޖޭގެ އެކި ރަށްރަށުގެ ތަރައްގީއަށް ކޮންމެހެން ބޭނުންވާ އަސާސީ ޚިދުމަތްތަށް ފޯރުކޮށްދިނުމުގަ އާއި މީހުން ބިނާކުރުމަށް ތަފާތު ތަމްރީނުތައް ހިންގުމުގައި އެ ޖަމާއަތް ވަރަށް ބޮޑު އެހީތެރިކަމެއްވެދިނެވެ.
މަޖީދާއަށް ފޫޅުމާކަން ކުރުމަށް ލިބުނު ރަނުގެ ފުރުސަތުގެ ބޭނުންހިފި އެވެ. ތަމްރީނު ދިނުމަށް ހަމަޖެހުނީ ށ. އަތޮޅުގެ ވެރިކަންކުރާ ފުނަދޫގަ އެވެ. އަދި އަމަލީ ތަޖުރިބާ ހޯދުމަށްޓަކައި އެއަތޮޅުގެ ފަސްރަށެއްގައި އެއް ހަފްތާގެ މުއްދަތެއްގައި މާބަނޑު މީހުންނަށް ޚިދުމަތް ދިނެވެ.
"ކޯހުގެ ތެރޭގައި ކިޔެވީ މާބަނޑު މީހުން ބެލެހެއްޓުމާއި، މީހުން ވިއްސުން. ފުރަތަމަ ވިއްސާނެ ގޮތް ދެއްކި. ދެން ޓީޗަރު ހިތްހަމަޖެހޭ މިންގަނޑަށް އަޅުގަނޑުމެންނަށް ވިއްސުނީމަ ފޫޅުމާ ފޮށްޓާއި ސެޓުފިކެޓް ދިނީ،" މަޖީދާ ކިޔައިދިނެވެ.
އޭނާ ފޫޅުމާ ކަންކުރަން ފެށިއިރު ނަރުދޫގައި ހެލްތު ސެންޓަރެއް ނުހުރެ އެވެ. ބަލި މީހުންނަށް ފަރުވާދިނުމަށް ހުންނަނީ ފެމެލީ ހެލްތު ވޯކަރެކެވެ. އޭނާއާއެކު މަޖީދާ ފޫޅުމައެއްގެ ގޮތުގައި މަސައްކަތްކުރަނީ ރަށު އޮފީސްތެރޭގައި އެކަމަށް ޚާއްސަކުރެވިފައި އިންނަ ކުޑަ ޖާގައެއްގަ އެވެ. މީހުން ވިއްސަނީ ގޭގެއަށް ގޮހެވެ. ވިއްސުމަށްފަހު ހަތް ދުވަސްވަން ދެން މައި މީހާއާ ކުޑަދަރިފުޅު ވަރަށް ކައިރިން ބަލަހައްޓަ އެވެ.
ދުވާލަކު ދެއިރު އެގެއަކަށް ގޮސް ފެންވަރުވައިދީ، ގައިގައި ތެޔޮ އުގުޅައި، އަދި ބޮނޑިތާން ކޮށްދީ ހަދަ އެވެ. ގާތުން ކިރުދުމާއި ކެއުންބުއިން ގެންގުޅެންޖެހޭ ގޮތުގެ މައުލޫމާތު ވެސްދީ ހަދަ އެވެ.
ނަރުދޫގައި ހެލްތު ސެންޓަރު ހުޅުވުމަށްފަހު ބަލި މީހުންނަށް ޚިދުމަތް ކުރުމުގައި ލުއިފަސޭހަތަކެއް ލިބިގެން ދިޔަ އެވެ. އެހެން ނަމަވެސް ފޫޅުމައެއްގެ މަސައްކަތަކީ ބުރަކަމެކެވެ. މަސައްކަތް ކުރަން ޖެހޭނެ ވަގުތާއި ހާލަތު އަދި އެކަމުގައި ހޭދަވާނެ ވަގުތު ބުނެދޭން ނޭނގޭ މަސައްކަތެކެވެ.
ހެލްތު ސެންޓަރު ހުރި ނަމަވެސް އިމަޖެންސީ ހާލަތެއް ދިމާވުމުން އެއަތޮޅު ފުނަދޫއިން ބޭނުންވާ ޚިދުމަތް ނުލިބިއްޖެ ނަމަ، އެންމެ ކައިރީގައިވާ އަތޮޅު ހޮސްޕިޓަލަށް ބަލިމީހާ ގޮވައިގެން އޭނާ ވަނީ އަނގަމަތި މަސްދޯނީގައި ގަދަކަނޑުގައި ދަންވަރުގެ ވަގުތުގައި ވެސް ދަތުރުކޮށްފަ އެވެ. އެ ދަރުތަކުގައި ބައެއް މީހުން ދޯނި ނުވަތަ ލޯންޗު ފަހަރުގައި ވިއްސައި ވެސް ހެދި އެވެ.
"އިމަޖެންސީއަކަށް އަބަދުވެސް ހުންނަނީ ތައްޔާރުވެ. ފޫޅުމާ ފޮށިގައިވާ އެއްޗެހި އަބަދުވެސް ކައްކާ ބޭނުންކުރެވޭ ގޮތަށް ހުންނާނީ، އަޅުގަނޑު މިހާތަނަށް 150އަށް ވުރެ ގިނަ ކުދިން ވިއްސާފައިވާނެ. އެކަމަކު އިރާދަކުރެއްވީތީ އަޅުގަނޑުގެ ފަރާތުން އެއްވެސް މާބަނޑު މީހަކަށް އަދި ވިހޭ ދަރިއަކަށް ވެސް މިހާތަނަކަށް ގެއްލުމެއް ލިބިފައިއެއް ނުވޭ،" މަޖީދާ ވަރަށް އުފަލާއެކު ކިޔައިދިނެވެ.
އޭނާގެ ފޫޅުމާކަމުގެ ދިގުމާޒީގައި އަތޮޅުގެ ނަން މަޝްހޫރު ފޫޅުމަޔަކަށް ނުވިއްސުނު މާބަނޑު އަންހެނަކު ވިއްސުމުގެ ސަބަބުން މީހުން އޭނާއަށް ކުރާ އިތުބާރު ބޮޑުވި އެވެ. އޭގެފަހުން އެކި ރަށްރަށުން އޭނާގެ ޚިދުމަތަށް ގިނަ ބަޔަކު އެދެން ފެށި އެވެ. ނަމަވެސް އޭނާއަކީ ނަރުދޫގައި ހުރި ހަމައެކަނި ފޫޅުމައިމީހާ ކަމުގައި ވުމުން ވިހަން ތިބި މީހުން ދޫކޮށްލާފައި އެހެން ރަށްރަށަށް ދިއުންދަތި ކަމަށް އޭނާ އެމީހުން ކައިރީ ބުނެ އެވެ. ނަމަވެސް ނަރުދޫއަށް، އޭނާގެ ކައިރިއަށް ޚިދުމަތް ހޯދުމަށް އަންނަ މީހުނަށް އޭނާއަށް ވީއެންމެ ރަނގަޅަކަށް ޚިދުމަތް ދެ އެވެ.
މަޖީދާގެ ހިތްވަރުގަދަކަމަކީ ވެސް ނަރުދޫ މީހުން ހައިރާންކޮށްލި ކަމެކެވެ. ހެލްތު ސެންޓަރުގައި މަސައްކަތް ކުރި ދުވަސްވަރު ޒަވާޖީ ހަޔާތެއް ފަށައި، އޭނާ ބަލިވެ އިނެވެ. އެހެން ނަމަވެސް އޭނާގެ މަސައްކަތަށް އެއްވެސް ވަރަކަށް އެކަމުގެ ހިޔަނި އެޅުނަ ނުދެ އެވެ. އޭނާ ވިހަން ތަންމައްޗަށް އަރަންދެން ވެސް އެހެން މީހުންގެ ޚިދުމަތުގައި ދެމިހުއްޓެވެ.
"އޭރު ވިހެއުމުގެ ސަބަބުން ނެގެނީ 60 ދުވަހުގެ ޗުއްޓީއެއް. އެކަމަކު އަޅުގަނޑު ވިހެއުމަށްފަހު ހަތްވަނަ ދުވަހު އެހެން މީހުން ވިއްސުމުގެ މަސައްކަތުގައި އުޅެން، ރޭގަނޑު ދަންވަރު މީހަކު ވިއްސަން ދާން ޖެހިއްޖިއްޔާ ދަނީ އަޅުގަނޑުގެ އެންމެ ހަގަށް އޮންނަ ދަރިފުޅު ގޮވައިގެން. އެހެން ކުދިން ވެސް ކުޑަވާނެ. އެ ކުދިން ބަލައިދޭ އަޅުގަނޑު މަންމަ،" ހަ ކުދިންގެ މަންމަ މަޖީދާ ބުންޏެވެ.
ހަނދާނުން ފިލައިގެން ނުދާނެ ހާދިސާއެއް ވެސް އޭނާ ހިއްސާކޮށްލި އެވެ. އެއީ މާބަނޑު އަންހެނެއް ނުވިހައިގެން އިމެޖެންސީގައި ހދ. ކުޅުދުފުއްޓަށް ދޯންޏެއްގައި ގެންދިޔަ ރެއެކެވެ. ގަދަ ކަނޑުގައި ކަނުއަނދިރީގައި އެ ދަތުރުކުރީ މަޖީދާގެ އެންމެ ކުޑަ ތިން ދަރިން ވެސް ގޮވައިގެންނެވެ.
މަންޒިލާ ހަމަނުދެވެނީސް ހދ. ކުމުންދޫ ކައިރިއަށް ދޯނި އަރާހަމަވުމާއެކު މާބަނޑު އަންހެން މީހާ ދޯންޏަށް ވިހެއި އެވެ. މަޖީދާ ހުރީ އިމެޖެންސީކޮށް ވިއްސަން ވެސް ތައްޔާރަށް ކަމަށް ވުމުން މައިމީހާ އާއި އަދި ވިހޭ ދަރިފުޅަށް އެއްވެސް ގެއްލުމެއް ނުލިބެ އެވެ.
"މައި މީހާއާއި ދަރިފުޅު ކުޅުދުއްފުށީ ހޮސްޕިޓަލާއި ހަވާލުކުރުމަށްފަހު އަޅުގަނޑުމެން އަނބުރާ ރަށަށް ދިޔައީ ކުޅުދުފުށީ ބަނދަރުގައި ހުރި ހޮޅުއައްޓެއްގައި އިރުއަރަން ދެން މަޑުކޮށްގެން ތިބުމަށް ފަހު. އޭރު ބަނދަރު އޮންނަނީ މިހާރު އޮންނަ ގޮތަކަށް ނޫން. ވަރަށް ބޮޑަށް މަދިރި ވެސް ހެފި. އެއިން ސަލާމަތްވާން އަޅުގަނޑުމެން ގައިގައި ދޯނީގެ ރިޔަލެއް އަޅައިގެން ތިބީ،" މަޖީދާ ކިޔައިދިނެވެ.
މަޖީދާއަކީ ފޫޅުމައެއްގެ އިތުރުން ރަށުގެ ތަރައްގީއަށް ވެސް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދޭ މީހެކެވެ. އޭނާ އަކީ ޖަމާއަތްތެރިއެކެވެ. ދަނޑުވެރިއެކެވެ. އަދި އަންހެނުންގެ ކޮމިޓީގެ ރައީސާކަން ވެސް ކޮށްފައިވެ އެވެ. އެ މަގާމުގައި ހުރިއިރު ޒުވާނުން ހިންގާއެކީ ހަރަކާތްތަކުގައި ބައިވެރިވެ ހަދަ އެވެ.
ވިއްސާ ވަގުތަކީ މައިމީހާއާއި ކުޑަދަރިފުޅަށް ވަރަށް މުހިންމު ވަގުތެކެވެ. އެ މުހިންމު ވަގުތުގައި އާއި ވިއްސުމަށްފަހު 7 ދުވަސްވަންދެން ފޫޅުމައިން އަދާކުރާ ދައުރަކީ ވަރަށް ބޭނުންތެރި އަގުނުކުރެވޭފަދަ ދައުރެކެވެ.
މާޖިދާ ދެކޭގޮތުގައި އެމަސައްކަތަކީ ވަރަށް މާތް އިންސާނީ ޚިދުމަތެކެވެ.