ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުގެ ހިއްސާ އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް މިދިޔަ ދެ އަހަރުގެ ތެރޭގައި ހިންގާފައިވާ ބައެއް މުއާމަލާތްތަކާ ގުޅޭ ގޮތުން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)އިން ތައްޔާރުކުރި ރިޕޯޓާ ގުޅިގެން ފުލުހުންގެ ތަހުގީގެއް ފަށައިފި އެވެ.
ޝުޖާއުގެ ހިއްސާ އޮންނަ އޮފިޝަލް އިވެންޓްސް އާއި އިތުރު ކުންފުނިތަކަކުން ހިންގި މުއާމަލާތްތަކާ ގުޅޭ ގޮތުން އެފްއައިޔޫއިން ތައްޔާރުކުރި ކަމަށް ބުނާ ރިޕޯޓެއް ސޯޝަލް މީޑިއާގައި ލީކު ވީ އިއްޔެ އެވެ. އެހެން ނަމަވެސް އެ ރިޕޯޓުގެ ސައްހަކަމާ މެދު ޝުޖާއު ވަނީ ސުވާލު އުފައްދަވައިފަ އެވެ.
ސޯޝަލް މީޑިއާގައި ރިޕޯޓު އާންމުވެފައިވަނީ، އެކަން ތަހުގީގުކުރަން އެފްއައިޔޫއިން ފުލުހުންނަށް ރިޕޯޓު ފޮނުވާފައި އޮއްވަ އެވެ.
ޝުޖާއު އެ ރިޕޯޓު ދޮގުކުރައްވާފައިވަނިކޮށް އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރިޕޯޓުގެ މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.
ލީކު ވި އެ ރިޕޯޓު ތައްޔާރުކޮށްފައިވަނީ ޝުޖާއުގެ އިތުރުން އޭނާއާ އާއިލީ ގުޅުން އޮންނަ، ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ނާފިޒްގެ އިތުރުން އޮފިޝަލް އިވެންޓްގެ އެއް ހިއްސާދާރު އަދި ޕީއެސްއެމްގެ ބޯޑު މެމްބަރު، އަހްމަދު އަދުހަމްއާ ބެހޭ ގޮތުންނެވެ.
އެ ތަހުގީގު ކުރިއަށްގެންގޮސްފައިވަނީ އެ ތިން މީހުންނާއި އިތުރު މީހުންގެ ހިއްސާ އޮންނަ ކުންފުނިތަކަކުން ކޮށްފައިވާ މުއާމަލާތްތަކަކާ ގުޅިގެންނެވެ.