ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފް މަޖިލީހުގެ މައިކެއް ހަލާކުކޮށްލައިފި އެވެ.

ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރާ ބިލް މިނިވަންމުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކުރަން އުޅުމުން ނޫސްވެރިން ވަނީ ކޮމިޓީ ރޫމްގެ ތެރޭގައި އެކަން ނުކުރުމަށް ގޮވާލައި އިހްތިޖާޖުކޮށްފަ އެވެ.

އެވަގުތު އެތަނުގައި ހުންނެވި މެންބަރު އިމްރާން ވަނީ އެކަމާ ރުޅިއިސްކޮށް އަޑުއުފުލަން ފަށާފަ އެވެ. އެތަނުގައި ހުރެ އިމްރާން މައިކް ހަލާކުކޮށްލި މަންޒަރު އެވަގުތު އެތަނުގައި ތިބި ނޫސްވެރިންނަށް ވަނީ ފެނިފަ އެވެ.

މައިކް ހަލާކުކޮށްލަނިކޮށް ނަގާފައިވާ ވީޑިއޯއެއް ބައެއް ނޫސްވެރިން ވަނީ އެކްސްގައި ޕޯސްޓްކޮށްފަ އެވެ.

މިކަމާ ގުޅޭގޮތުން މަޖިލީހުގެ އިދާރާ އިން ވަކިއެއްޗެއް ނުބުނެ އެވެ. އަދި ވެރިކަންކުރާ ޕީއެންސީން ވެސް މިކަމާ ގުޅޭގޮތުން ވަކިއެއްޗެއް ބުނެފައެއްނުވެ އެވެ.

އެ ބިލާ ގުޅޭގޮތުން ކަންބޮޑުވުންފާޅުކޮށް ނޫސްވެރިން ހުށަހެޅި ޕެޓިޝަން ވެސް ނުބަލައި މަޖިލިސް މެދުވެރިކޮށް ރައީސް މުހައްމަދު މުއިއްޒަށް މީޑިއާ ކޮންޓްރޯލް ކުރެވޭގޮތަށް އެ ބިލް މިއަދު ވަނީ ފާސްކޮށްފަ އެވެ.

އެ ބިލް ފާސްކުރުމަށް މާދަމާ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ވަނީ ނިންމާފަ އެވެ.