އޭޕްރިލް 17 ވީ ހޮނިހިރު ދުވަހަކީ އިނގިގޭސިވިލާތަށް އައި މޮޅިވެރި ދުވަހެކެވެ. އެ ގައުމުގެ ޝާހީ އާއިލާއަށް އައި ކަޅު ދުވަހެކެވެ.
އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު 2 ގެ ފިރިކަލުން ޑޫކް އޮފް އެޑިންބާގް ޕްރިންސް ފިލިޕްގެ ޖަނާޒާ ޓީވީން ދުރަށް ދައްކަމުން ދިޔައިރު މުޅި ގައުމު ދިޔައީ ރޮމުންނެވެ. ޝާހީ އާއިލާގެ މި ހިތާމައިގައި ބައިވެރިވަމުންނެވެ.
ކޮވިޑް-19 ޕެންޑަމިކްގެ ސަބަބުން ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތަކަކާއެކު ކުރިއަށް ދިޔަ އެ ޖަނާޒާއިން ފެނިގެން ދިޔައީ ބައިބައި ވެފައިވާ ޝާހީ އާއިލާ ކުޑަނަމަވެސް ހިނދުކޮޅަކަށް އެކުވެ، އެއް އެކަކު އަނެނަކުގެ ހިތާމައިގައި ބައިވެރިވި ތަނެވެ. ޒާތީ ދެބަސްވުންތައް އެއްފަރާތް ކުރުމަށް ފަހު ޕްރިންސް ފިލިޕަށް އިއްޒަތާއެކު އެންމެ ފަހުގެ އިހުތިރާމް އަދާކުރި ތަނެވެ.
ޝާހީ އާއިލާ އާ ދުރަށް ގޮސްފައިވާ ޕްރިންސް ހެރީ އެނބުރި ގައުމަށް އައީ މި ދަނޑިވަޅުގައި ޝާހީ އާއިލާއާ އެކުގައިވާށެވެ. އަނބިކަނބަލުން މޭގަން މާކަލް އާއި ދަރިކަލުން އާޗީއަށް ބައިވެރިވެވޭ ގޮތް ނުވެވުނަސް އެ ހިތާމައިގައި ރާނީގެ އަރިހުގައި ހުންނާށެވެ.
ދެން އޮތީ ރާނީގެ ވާހަކަ އެވެ. ކަޅު ހެދުމުގައި އެކަނި އިންނެވިއިރު އެކަމަނާގެ މޫނުމަތިން ފެންނަމުން ދިޔައީ މަޑުމޮޅި ކަމެވެ. 73 އަހަރުގެ ބައިވެރިޔާ އަށް އެންމެ ފަހުގެ އަލްވަދާއު ކިޔުއްވީ ދުރުގައި އިންނަވައިގެން ގިނި ކަންޏާ އެވެ.
ކޮންމެއަކަސް ޝާހީ ޖަނާޒާގެ ތެރެއިން މިވަނީ އުއްމީދުގެ އާ ހުޅުކޮޅެއް ފެނިފަ އެވެ.
ރޫޅިފައިވާ ޝާހީ އާއިލާ އަލުން އެކުވެދާނެ ކަމުގެ ކުޑަ ނަމަވެސް ހިތްހަމަ ޖެހުމެއް ވަނީ ލިބިފަ އެވެ. ޕްރިންސް ފިލިޕް ވަކިވެ ދިއުން ފޫ ނުބެއްދުނަސް އާއިލާ އެކުގައި ފެނިލުން ވީ އެފަދަ ހިނދުކޮޅަކަށް އިންތިޒާރު ކޮށްގެން ތިބި ގިނަ ބައަކަށް ލިބުނު ތަސައްލީއަކަށެވެ.
އެކި ސަބަބުތަކަށް ޓަކައި އާއިލާ އާ ދުރުވި ޕްރިންސް ހެރީގެ ދެކަނބަލުން ވަނީ ނަމޫނާ ދައްކަވާފަ އެވެ. ސިއްހީ ސަބަބުތަކަށްޓަކައި މޭގަންއަށް ޖަނާޒާގެ ރަސްމިއްޔާތުގައި ބައިވެރި ނުވެވުނު ކަމުގައި ވިޔަސް ޓީވީ މެދުވެރިކޮށް އެ ހިތާމައިގައި ބައިވެރިވި އެވެ. އެކަމުން ވެސް ދައްކައިދިނީ ބޭނުން ޖެހޭ ވަގުތު އާއިލާއަށް އެހީވުމަށް ޕްރިންސް ހެރީ ފަހަތަށް ނުޖެހޭނެ ކަމެވެ. ޝާހީ ޒިންމާ ތަކުން އެއްފަރާތްވި ކަމުގައި ވިޔަސް އާއިލީ ޒިންމާ ތަކުން އެއްފަރާތް ނުވާ ކަމެވެ.
ކުރިއަށް އޮތް ތަނުގައި ވެސް ޕްރިންސް ހެރީ ހުންނަވާނީ އެގޮތުގަ އެވެ. އާއިލީގެ ޒިންމާދާރު ދަރިއެއްގެ ގޮތުގަ އެވެ.