އައްޑޫ ސިޓީން ހުޅުދު އާއި މީދޫ ވަކިކޮށް، އެ ދެ ރަށަށް ވެސް ވަކި ދެ ކައުންސިލެއް ރައީސް މުހައްމަދު މުއިއްޒު އުފައްދަވައިފި އެވެ.

ރައީސް އެ ނިންމުން ނިންމެވީ އައްޑޫ ސިޓީ ކައުންސިލްގެ ދަށުން އިދާރީ ގޮތުން ވަކިވާން އައްޑޫގައި އެއްފަސްކޮށް އުފެދިފައިވާ ރަށްތަކާ މުޅިން ވަކިން އޮންނަ މީދު އާއި ހުޅުދޫގެ އިތުރުން ފޭދޫގެ ރައްޔިތުންނަށް ފެނޭތޯ ބެލުމަށް މިދިޔަ މަހުގެ 25 ގައި ނެގި ހިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާ އަށް ރިއާޔަތް ކުރައްވައި ނެރުއްވި ގަރާރެއްގަ އެވެ.

ހިޔާލު ހޯދުމުގެ ވޯޓުން ދެއްކި ގޮތުން، ހުޅުދޫން ވޯޓުލީ މީހުންގެ 1،069 މީހުންގެ ތެރެއިން 723 މީހުން ވޯޓު ދިނީ އެ ރަށުގައި ވަކި ކައުންސިލެއް އުފައްދަން ފެންނަ ކަމަށެވެ. ނުފެންނަ ކަމަށް ހުޅުދޫން ވޯޓު ދިނީ 329 މީހުންނެވެ.

މީދޫން ވޯޓުލީ މީހުންގެ 1،008 މީހުންގެ ތެރެއިން 847 މީހުންނަށް ފެނުނީ އެ ރަށުގައި ވަކި ކައުންސިލެއް ހަދާށެވެ. މީދޫގައި ވަކި ކައުންސިލެއް އުފައްދަން ނުފެނުނީ ވޯޓުލީ މީހުންގެ ތެރެއިން އެންމެ 144 މީހަކަށެވެ.

ރައީސްގެ ގަރާރުގައިވާގޮތުން އެ ދެ ކައުންސިލް އުފެދޭނީ އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އެ ދެ ރަށުގެ ކައުންސިލަށް އިންތިހާބުކުރާ ކައުންސިލަރުން މަގާމުގެ ހުވާކުރާ ވަގުތުން ފެށިގެން ކަމަށެވެ.

އެ ނިންމެވުމާ އެކު، ރާއްޖޭގައި ވަކިން މީހުން ދިރިއުޅޭ ރަށުގެ ލިސްޓަށް ހުޅުދު އާއި މީދޫގެ ނަން ވަނީ އިތުރު ކޮށްފައެވެ.