އާދަޔާ ޚިލާފު ޕޯސްޓުތަކަކަށްފަހު މަޝްހޫރު ޕޮޕް އައިކަން ބްރިޓްނީ ސްޕިއާސް އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތައް ޑީއެކްޓިވޭޓް ކޮށްލައިފި އެވެ.

ހަބަރުތައް ބުނާ ގޮތުގައި މިދިޔަ އާދީއްތަ ދުވަހު ބްރިޓްނީ އޭނާގެ އިންސްޓަގްރާމް އެކައުންޓް ޑީއެކްޓިވޭޓް ކުރުމުގެ ކުރިން ޖަޒުބާތީ ޕޯސްޓުތަކެއް އޭނާ ކުރި އެވެ.

އެގޮތުން ބްރިޓްނީގެ ދަރިންނާ ބެހޭގޮތުންނާއި އަމިއްލަ ދިރިއުޅުމާ ބެހޭގޮތުން އަދި ހަށިގަނޑުގައި ނޫފައިގަނެފައި ހުރި ތަންތަން ފެންނަ ފޮޓޯތަކެއް ހިމެނޭ ޕޯސްޓެއް ވެސް އޭނާ ކޮށްފައިވެ އެވެ.

އޮކްޓޯބަރު މަހު ކުރީކޮޅު އޭނާ ކުރި ޕޯސްޓެއްގައި އޭނާގެ ދެ ދަރިން އޭނާ ދޫކޮށް ހަވާއީއަށް ދިރިއުޅުން ބަދަލު ކުރި ކަމަށް ބުނެފައިވާއިރު އޭގެ ފަހުން އޭނާ ވަނީ 2018 ވަނަ އަހަރު ރިހެބްގައި އުޅުނު ދުވަސްވަރު ސިކުނޑިއަށް ގެއްލުން ވެފައިވާ ކަމަށް ވެސް ބުނެފަ އެވެ.

އެ ޕޯސްޓުތަކާއެކު އާއްމުންގެ މެދުގައި ކަންބޮޑުވުން އުފެދިފައިވަނިކޮށް ބްރިޓްނީގެ އިންސްޓަގްރާމް އެކައުންޓް ޑީއެކްޓިވޭޓް ކޮށްލުމުން އެ ކަންބޮޑުވުންތައް ވަނީ އިތުރުވެފަ އެވެ.

މީގެ ކުރިން ވެސް ބްރިޓްނީގެ ފަރާތުން އާދަޔާހިލާފު ކަންތައްތަކެއް ފެނިފައިވާއިރު އޭރު ވެސް އޭނާގެ ނަފްސާނީ ސިއްހަތު ރަނގަޅު ނޫން ކަމަށް ގިނަ މީހުން އައީ ބުނަމުންނެވެ.