އިނގިރޭސިވިލާތުގެ މަޝްހޫރު ފުޓްބޯޅަ ލެޖެންޑް، ޑޭވިޑް ބެކަމްއަށް ކިން ޗާލްސްގެ ފަރާތުން ރަސްމީކޮށް ނައިޓްކަމުގެ ލަގަބު ދެއްވައިފި އެވެ. މިއީ އިނގިރޭސިވިލާތުގެ ރައްޔިތަކަށް އެރުވޭ އެންމެ މަތީ ޝަރަފުތަކުގެ ތެރެއިން އެއް ޝަރަފެވެ.
ބެކަމްއަށް މި ލަގަބު ދެއްވީ މިމަހުގެ 4 ވަނަ ދުވަހު ވިންޑްސާ ކާސަލްގައި ބޭއްވި "ދަ ސެރެމޯނިއަލް ޑަބިން އޮފް ދަ ނައިޓް" އޭ ކިޔުނު ހާއްސަ ޝާހީ ރަސްމިއްޔާތެއްގަ އެވެ.
މިހާރު ފުޓުބޯޅަ ކުޅުން ހުއްޓާލާފައިވާ އުމުރުން 50 އަހަރުގެ ބެކަމްއަށް މި ލަގަބު ދެއްވީ ކުޅިވަރާއި، އިންސާނިއްޔަތަށް އޭނާ ކޮށްދީފައިވާ ފާހަކޮށްލެވޭ އަގުހުރި ހިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.
ނައިޓްކަމުގެ ލަގަބަކީ "ބްރިޓިޝް މަލްޓިޓިއުޑް" ނިޒާމުގެ ތެރެއިން ދެވޭ ހާއްސަ ޝަރަފެކެވެ. މި ލަގަބު ލިބޭ ފިރިހެނުންނަށް "ސާ" އަދި އަންހެނުންނަށް "ޑޭމް"ގެ ދެ ލަގަބު ދެވެ އެވެ. އަދި ނައިޓްކަމުގެ ލަގަބު ލިބޭ މީހުންގެ އަނބިންނަށް "ލޭޑީ"ގެ ލަގަބު އެރުވެ އެވެ.
އެހެންކަމުން މި ރަސްމިއްޔާތުގައި ބެކަމްގެ އަނބިކަނބަލުން ވިކްޓޯރިއާ ބެކަމްއަށް ވެސް މި ލަގަބު ދެއްވައިފަ އެވެ. ޕީޕަލް މަޖައްލާގައި ބަޔާންކޮށްފައިވާ ގޮތުން މި ދެމަފިރިންގެ އާ ލަގަބަކީ "ސާ ބެކަމް" އަދި "ލޭޑީ ބެކަމް" އެވެ.
ބެކަމްގެ ކުރިން މި ޝަރަފުވެރި ލަގަބު އިޑްރިސް އެލްބާ (53)، މައިކަލް ކޭން (92)، އަދި އެންތޮނީ ހޮޕްކިންސް (87)، ހެލެން މިރެން (80)، ޖޫލީ އެންޑްރޫސް (90)، އަދި އެމާ ތޮމްޕްސަން (66) އަށް ދީފައިވެ އެވެ.
ބެކަމްއަކީ މެންޗެސްޓާ ޔުނައިޓެޑް، ރިއަލް މެޑްރިޑް، އޭސީ މިލާން، ޕެރިސް ސެއިންޓް-ޖާމޭން އަދި ލޮސް އެންޖެލެސް ގެލެކްސީ ފަދަ ބޮޑެތި ކުލަބުތަކުގައި ކުޅެފައިވާ މޮޅު ކުޅުންތެރިއެކެވެ.
ބެކަމް ވަނީ އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފަ އެވެ. ބެކަމް އަންނަނީ ކިންގްސް ފައުންޑޭޝަންގެ އެމްބެސެޑަރެކެވެ. އަދި ޔުނިސެފްއާއެކު ވެސް ފައިދާހުރި އެތައް މަސައްކަތްތަކެއް ކުރެ އެވެ.
ޖެނިފާ އެންމެ ބިރުގަންނަނީ ކީއްކުރަން ކަން އެނގޭތަ؟
ދިފާއީ ނިޒާމު ވަރުގަދަ ކުރަން ތަފާތު ބުއިމެއް!