ދިވެހިން އުމްރާއަށް ގެންދާ ރާއްޖޭގެ ގުރޫޕަކުން ކްރިސްޓިއާނޯ ރޮނާލްޑޯގެ މެޗު ބަލަން ދިއުމަށް އުމްރާވެރިންނަށް ޓިކެޓް ވިއްކާ މައްސަލައެއް ފެންމަތި ވެއްޖެ އެވެ.

މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ރޮނާލްޑޯ މިހާރު ކުޅޭ ސައުދީގެ އަލްނަސްރުގެ މެޗްތައް ބަލަންދާ ބޭނުންވާ އުމްރާވެރިންނަށް ޓިކެޓް ވިއްކަނީ ދަ ޓްރެވްލާ ހައްޖު އެންޑް އުމްރާ ސާވިސް (ދަތުރުވެރިޔާ) ގްރޫޕުންނެވެ.

މެޗުގެ ޓިކެޓެއް 550 ސައުދީ ރިޔާލަށް ވިއްކަން ޖަހާފައި ވަނީ އެ ގްރޫޕްގެ އުމްރާވެރިންނަށް ހާއްސަ ވައިބާ ގްރޫޕުގަ އެވެ.

ދަތުރުވެރިޔާ އުމުރާ ގުރޫޕުގެ ވައިބާ ގުރޫޕުގައި ޓިކެޓު ވިއްކަން ޖަހާފައި

މިކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ. ހަމައެކަނި އުމުރާއަށް މީހުން ގެންދިއުމުގެ މަސައްކަތަށް ހުއްދަ ދީފައިވާ ބަޔަކު، ކަމާ ނުގުޅޭ ވިޔަފާރިކުރަނީ ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެ އެވެ. ސައުދީގެ އުސޫލްތައް ހަމަޖެހިފައިވާ ގޮތުން އުމްރާ ގްރޫޕްތަކަށް ހުއްދަ ނޯންނަ ކަންތައްތައް ނުކުރެވެ އެވެ.

ސޯޝަލް މީޑިއާގައި މިކަމާއި ގުޅޭ ގޮތުން ދައުރުވަމުންދާ ޕޯސްޓެއްގެ ކޮމެންޓްތަކަށް ބަލާލާއިރު، އެއީ އެ ގްރޫޕުން އަލަށް ކުރާ ކަމެއް ނޫން ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ.

އިސްލާމިކް މިނިސްޓްރީން މިކަމާ ގުޅިގެން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.