ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާންގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގެ ހުކުމް އަންނަ އާދިއްތަ ދުވަހު އިއްވަން ހަމަޖައްސައިފި އެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މެމްބަރު ސިނާންގެ ގޮނޑީގެ މައްސަލާގެ ހުކުމް ނުކޮށް ނުވަ މަސް ވަންދެން ސުޕްރީމް ކޯޓުން ބޭއްވީ ކައުންސިލް އިންތިހާބަށް ހިޔަނި އެޅިދާނެތީ އެވެ. މި ސަރުކާރު އައި ފަހުން އެކުލަވާލި ސުޕްރީމް ކޯޓުގެ ބެންޗުން އަންނަނީ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ މައްސަލަ ވެސް ނުނިންމައި ދިގު ދަންމަމުންނެވެ. އަދި ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި ނެގި ފެންނަ ނުފެންނަ ވޯޓު ނެގުން ހުއްޓުވައި ދިނުމަށް އެދި ހުށަހެޅި މައްސަލަ ވެސް ނިންމައި ދިނީ ސަރުކާރުން އެދުނު ގޮތަށެވެ.

މެމްބަރު ސިނާންގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ސިނާނާއި އިތުރު މީހަކު ބައިވެރިވެގެން މޯލްޑިވްސް އިސްލާމިކް ބޭންކުން އިން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން ކޯޓުން ހުކުމް ކުރުމުން އެ ހުކުމާ އެއްގޮތަށް އޭނާ ފައިސާ ނުދައްކާ ކަމަށް ބުނެ އެވެ. އެ މައްސަލަ ހުށަހެޅީ ޣާލިބް ސަލީމް ކިޔާ އާންމުންގެ މީހެކެވެ.

އެ މައްސަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލީ މިދިޔަ އަހަރު އެވެ.

އޭގެ 9 މަސް ފަހުން އެ މައްސަލާގެ ހުކުމް އިއްވަން ހަމަޖައްސާފައިވަނީ އަންނަ އާދިއްތަ ދުވަހު އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުން ބައްލަވަނީ ފަސް ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު މުހައްމަދު ސަލީމަކީ މި ސަރުކާރުން އައްޔަންކުރި ދެ ފަނޑިޔާރުންނެވެ. އަދި އެ ބެންޗްގައި ދެން ތިއްބަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ.