އުބައްތިއެއް ދިއްލާ ލުމުން މުޅި ތަނަށް ފެތުރިގެން ދަނީ މަޑުމައިތިރި ކަމާއި ހިތްފަސޭހަ ކަމެވެ. ވަޔާއެކު އުއްބައްތީގެ ހުޅުކޮޅު ނަށާ ނަމަ އިތުރު ހިތްހަމަޖެހުން ގެނުވަ އެވެ. ހުޅުކޮޅު އެލައްވާ ބަނޑިތަކުގެ ޖާދޫގައި ގިނަ ބަޔަކު ޖެހި އުއްބައްތިއަށް ލޯބިކުރާ މީހުން ގިނަ އެވެ. މި ޒުވާން ހުނަރުވެރިޔާ ވެސް ވަރަށް ކުޑައިރު އެއަށް ލޯބި ޖެހުނެވެ. އެއާ ދުރު ނުވެވޭ މިންވަރަށެވެ.
ށ. ފުނަދޫއަށް އުފަން އާމިނަތު ނޫރު އިބްރާހިމް (ނޫރު) އަށް އޭނާގެ މަންމަ އުއްބައްތި ގަނެދީ އުޅުނީ އޭނާގެ އެކަނިވެރިކަން ފިލުވާލުމަށެވެ. އުއްބައްތިއަކީ އޭނާގެ ހަޔާތަށް ކިހާ އަލިކަމެއް ފޯރު ކޮށްދޭނެ އެއްޗެއްކަން އޭނާގެ މަންމައަށް ވެސް އަދި ނޫރަށް ވެސް އޭރު ހިޔާލަށް ގެނެވިފައެއް ނުވެ އެވެ.
"އަޅުގަނޑު ކުޑައިރު ކެންޑްލްސް ދެކެ ވަރަށް ލައިކްވޭ. މަންމަ ބޭރަށް ގޮއްސަ އަންނައިރު ގެނެސްދޭނެ ކެންޑްލްސް. ދެން އެ ރޯކޮށްގެން އަލިފާނަށް އަތުން ވިހެ ހެދީމަ، ވަރަށް ހިތްގައިމު ގޮތެއް ވާނެ. އަލިފާން ކޮޅަށް އެ އަންނަ ބަދަލާއި، އެ ވިހުރުވޭއިރު ވެގެންދާ ގޮތް އަޅުގަނޑަށް ވަރަށް ކަމުދޭ އެހެންވެ އެއާ ވަރަށް ގަޔާވެވުނު،" ނޫރު ކިޔައިދިނެވެ.
ފުނަދޫއަށް އުފަންވި ނަމަވެސް ނޫރު އުޅެބޮޑުވީ އަދި ކިޔެވީ ވެސް މާލޭގަ އެވެ. އޯލެވެލް ނިމުމަށްފަހު ވިލާ ކޮލެޖްގައި ބިޒްނަސް އެޑްމިނިސްޓްރޭޝަންއިން ފައުންޑޭޝަން ކޯހެއް ހެދުމަށްފަހު، ބިޒްނަސް މާކެޓިން އެންޑް މެނޭޖްމަންޓްގެ ދާއިރާއިން އޭނާ ޑިޕްލޮމާ ފުރިހަމަ ކުރި އެވެ.
މާގިނަ ދުވަހެއް ނުވެ ކޮވިޑްގެ ހާލަތުގައި ރާއްޖެ ލޮކްޑައުންއަށް ދިޔަ އެވެ. ގޭގައި ބަންދުވެފައި ހުރި ނޫރު ކޮންމެ ވެސް ކަމެއް ކުރަން ވިސްނި އެވެ. އޭނާއަށް ކުރަން އެންމެ ރަނގަޅު ކަމަކަށް ވިސްނުނީ އޮންލައިންކޮށް އުއްބައްތި ހަދާ އެއްޗެހި ގަނެގެން އުއްބައްތި ހަދައިގެން ވިއްކުމަށެވެ. ނޫރު ހަދާ ރީތި ނަލަ އުއްބައްތި ފެމުން ގިނަބަޔަކު އެކަން ބަލައިގަތެވެ. އެމީހުންނަށް ރީތި ވި އެވެ. ގަންނަން ބޭނުންވި އެވެ.
"އަޅުގަނޑު އެންމެ ފުރަތަމަ މި މަސައްކަތް ފެށީ އަމިއްލައަށް ފަރުމާ ކޮށްފައިވާ އުއްބައްތި ވިއްކައިގެން. ދުވަސްތަކަކަށް ފަހު މި ވިޔަފާރި މިވަނީ ތަފާތު ތަޖުރިބާއެއް ލިބިދޭ ކަމަކަށް ބަދަލުވެފައި. 2024 އާ ހަމައަށް ކެންޑްލް ވިއްކަމުން ގޮސް އޭގެ ފަހުން ދެން 'ކްރާފްޓީ ވޯލްޑް' އާ ގުޅިގެން މާލޭގައި އެ މަސައްކަތް ދަސްކޮށްދޭން ފެށީ، މިހާރު ކަސްޓަމަރުންނަށް އަމިއްލައަށް އައިސް، އަމަލީ ގޮތުން ބައިވެރިވެގެން އެ މީހުން އަމިއްލައަށް އުއްބައްތި ތައްޔާރު ކުރުމުގެ ފުރުސަތު ލިބޭނެ،" ނޫރު ބުންޏެވެ.
ނޫރުގެ އުއްބައްތިތައް ފެނި އެ މަސައްކަތަށް ގިނަ ބަޔަކު ޝައުގުވެރިވި އެވެ. އަދި ދަސްކުރަން ބޭނުންވި އެވެ. އޭގެ ސަބަބުން ނޫރު ހީކުރި ވަރަށް ވުރެ ވެސް ބޮޑަށް އޭނާގެ އެ މަސައްކަތް ފުޅާވެގެން ދިޔަ އެވެ. ވަރަށް އާދައިގެ ގޮތަކަށް ފެށި އެ މަސައްކަތް މިއަދު ވަނީ ބުރަ މަސައްކަތާއި ގިނަ ތަޖުރިބާތަކަކަށްފަހު، ވަރަށް ފައިދާ ލިބޭ ބޮޑު ވިޔަފާރިއަކަށް ބަދަލުވެފަ އެވެ. އޭނާގެ މަސައްކަތް "ކޭ ކޮންސެޕްޓް ސްޓޫޑިއޯ" ޕޭޖްގައި އެ ހުރީ އޭނާގެ މަސައްކަތް ފެންނާށެވެ.
ނޫރު ގިނިކަންޏާ ފެށި އުއްބައްތި ހެދުމުގެ މަސައްކަތް ފުޅާވެ، އެ މަސައްކަތަށް އޮތް ޑިމާންޑް ބޮޑުވުމުގެ ސަބަބުން އެންމެ ފަހުން އިތުރު މުއައްޒަފުން ހޯދަން ޖެހުނެވެ. ބޮޑު ޓީމެއް އެކުލަވާލަން ޖެހުނެވެ. ނޫރު ބުނިގޮތުގައި ކްރާފްޓީ ވާލްޑް އާ ގުޅުމުން އޭނާގެ މަސައްކަތް އިތުރަށް ފުޅާވެގެން ކުރިއަރައިގެން ދިޔަ އެވެ.
އޭނާ ނަގައިދޭ ސެޝަންތަކަކީ ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ވަރަށް ރަނގަޅު ތަޖުރިބާތަކެއް ލިބިދޭ ސެޝަން ތަކެކެވެ. ވަރަށް އުފާވެރި މާހައުލެއްގައި ކުރިއަށް ގެންދާ އެ ކުލާސްތަކަށް އައިސް އެ މަސައްކަތް ގިނައިން ދަސްކުރަނީ ކުޑަކުދިންނެވެ. އެ ކުދިންނަށް އަމަލީ ގޮތުން އުބައްތި ހަދަން އެސެޝަންތަކުގައި ބުނެދެވެ އެވެ.
"ކުލާސްތަކުގައި ހުރިހާ އުމުރެއްގެ ކުދިން ވެސް ތިބޭނެ. ދަސްކުރުމަށް ބޭނުންކުރާ ހުރިހާ އެއްޗެއް އަޅުގަނޑުމެން ފޯރު ކޮށްދެން. އަޅުގަނޑުގެ ގައިޑަންސްގެ ދަށުން އެކަމަކު އެކުދިން އަމިއްލައަށް ކެންޑްލްސް ހަދާނީ. ސީ ކެންޑްލް އަދި ޑެކޮރޭޓިވް ކެންޑްލްސް ހެދުމަށް އެ ކުދިން ބޭނުން ކުރާނެ ކުލަ އަދި ޑިޒައިން އެ ކުދިން އަމިއްލައަށް ނިންމާނެ،" ނޫރް ބުންޏެވެ.
އުއްބައްތި ހަދާއިރު އޭގައި ބޭނުން ކުރެވޭ ވެކްސް އާއި އަދި މީރު ވަސް ދުއްވަން ބޭނުން ކުރެވޭނެ ގޮތްގޮތުގެ މައުލޫމާތު ވެސް ދެވެ އެވެ. އުއްބައްތި ހަދަމުން ގެންދާނީ މަޖާ އަދި ކުދިން ވަރަށް ގަޔާވާ މާހައުލެއްގައި ކަމަށް އޭނާ ބުންނެވެ.
މާލޭގައި ހިންގާ ކްލާސްތަކުގެ އިތުރުން މިހާރު ރިސޯޓްތަކުގެ ޓޫރިސްޓުންނަށް އެ މަސައްކަތް ދަސްކޮށްދިނުމަށް ދައުވަތު ލިބެމުންދާކަން ނޫރު އުފަލާއު އެކު ފާހަގަ ކުރި އެވެ. މިއީ އޭނާގެ މަސައްކަތް ބަލައިގެންފި ކަމުގެ އަލިގަދަ ހެއްކެ ކެވެ. އަދި އޭނާގެ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
ނޫރު ބުނިގޮތުގައި މި މަސައްކަތުން އޭނާއަށް ރަނގަޅު އާމްދަނީއެއް ލިބެ އެވެ. ވީމާ މި މަސައްކަތަކީ ޝައުގުވެރިކަން ހުރި ކޮންމެ ކުއްޖަކު ވެސް ކުރަން ހަމަ ވަރަށް ރަނގަޅު މަސައްކަތެކެވެ. ބޭނުންވަނީ ހިތްވަރެވެ. ކެތްތެރި ކަމެވެ.
"އަޅުގަނޑު ބުނާނީ 'ވިލިންގްނަސް' ހުރިއްޔާ ކުރެވޭނެޔޭ. އަޅުގަނޑުވެސް ކުރިން ބިރުން ބައެއް ކަންކަން ކުރުމަށް ޖެހިލުންވޭ. އޭގެ ސަބަބުން ވަރަށް ގިނަ ފުރުސަތުތައް ވަނީ ގެއްލިފަ. ވިމާ މިމަސައްކަތަށް އަލަށް ނުކުންނަން ބޭނުންވާ ކުދިންނަށް ބުނެލާނީ ކެރިގެން ކުރިމަތިލާށޭ. އަދި އަމިއްލަ ނަފްސަށް އިތުބާރު ކުރާށޭ،" މިމަސައްކަތް ކުރަން ބޭނުންވެފައި ތިބޭ ކުދިންނަށް ހިތްވަރު ދެމުން ނޫރު ބުނެލި އެވެ.
އޭނާ އެންމެ ދެކެން ބޭނުންވާ ދުވަހަކީ އޭނާގެ އަމިއްލަ ސްޓޫޑިއޯއެއް ހުޅުވޭނެ ދުވަހެކެވެ. އަދި އޭނާއަށް ހުރިހާ ކަމެއްގައި ވެސް އެހީތެރިވާ މަންމަ، ބޮޑުދައިތަ އަދި ބޮޑުބޭބެ އަށް ކޮންމެ ވެސް ގޮތަކުން އެހީތެރި ވެދެވޭނެ ދުވަހެކެވެ. ނޫރުގެ މަސައްކަތުގައި އާއިލާ މީހުންގެ އިތުރުން ދެން އެންމެ ބޮޑަށް އެހީތެރި ވެދެނީ އޭނާގެ ފިރިމީހާ ކަން ފާހަގަކޮށް އޭނާއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރެ އެވެ.
ނޫރުގެ އުއްބަތި ހެދުމުގެ މިތަފާތު މަސައްކަތަކީ ވަރަށް ނަލަ އަދި ހުނަރުވެރި މަސައްކަތެކެވެ. ތިމާވެއްޓާ ވެސް ރައްޓެހި ފައިދާހުރި މަސައްކަތެ ކެވެ.