އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެފައި ވާތީ، ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ޓޫރިސްޓުންނަށް ޓިކެޓް ވިއްކާ އަގު ބޮޑުކޮށްފި އެވެ.

މޯލްޑިވިއަނުން ވަނީ މާލެ-އައްޑޫ އަދި މާލެ-ފުވައްމުލައް ދަތުރުތަކަށް ޓޫރިސްޓުންނަށް ޓިކެޓް ވިއްކާ އަގަށް 33 ޑޮލަރު (510.18 ރުފިޔާ) އިތުރުކޮށްފަ އެވެ.

އައިލެންޑްއޭވިއޭޝަންގެ އޮފިޝަލަކު ވިދާޅުވީ ޓޫރިސްޓުންނަށް ވިއްކާ ޓިކެޓްގެ އަގުބޮޑުކުރީ އެމްއޭސީއެލް އިން ޖެޓްފިއުލް ވިއްކާ އަގު ބޮޑުކުރާތީ ކަމަށެވެ.

ރާއްޖޭގައި ޖެޓްފިއުލްގެ އަގު 1.19 ޑޮލަރުން 1.99 ޑޮލަރަށް މިހާރު ވަނީ ބޮޑުކޮށްފަ އެވެ.

ބައިނަލްއަގުވާމީ އެއާލައިންތަކުން ވެސް އަންނަނީ ޓިކެޓު އަގުތައް ބޮޑުކުރަމުންނެވެ. މާލެ އާއި ލަންޑަނާ ދެމެދު ދަތުރުކުރަން 600-800 ޑޮލަރާއި ދެމެދުގެ އަގަކަށް ވިއްކި ޓިކެޓު އަގު މިހާރު ވަނީ 1،200 ޑޮލަރާއި 1،500 ޑޮލަރާ ދެމެދުގެ މިންވަރަކަށް ބޮޑުކޮށްފަ އެވެ.

މެލޭޝިޔާ، އިންޑިއާ އަދި ތައިލެންޑުގެ ޓިކެޓުގެ އަގުތައް ވެސް ވަނީ 100 ޑޮލަރާއި 150 ޑޮލަރާ ދެމެދުގެ އަގަކަށް ބޮޑުކޮށްފަ އެވެ.