މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރް، އޭނާގެ ގާތް ރައްޓެހިންނާއި ބޮލީވުޑްގެ އެތައް ތަރިންނެއް އިންސްޓަގްރާމުން އަންފޮލޯ ކުރުމާ ގުޅިގެން އުފެދުނު ސުވާލުތަކަށް ރައްދުދީފި އެވެ.
މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ބޮޑު ބަހުސެއް އުފެދުނީ ކަރަންގެ ގާތް އެކުވެރިން ކަމަށްވާ ޝާހްރުކް ޚާން، އާލިއާ ބަޓް، ކަރީނާ ކަޕޫރު، އަނަންޔާ ޕާންޑޭ އަދި މަޝްހޫރު ފެޝަން ޑިޒައިނަރު މަނީޝް މަލްހޯތުރާ ފަދަ ފަރާތްތައް އޭނާ އަންފޮލޯ ކޮށްފައިވާކަން ފޭނުންނަށް ފާހަގަ ކުރެވުމުންނެވެ.
މި ބަދަލާއެކު މިހާރު ކަރަން އިންސްޓަގްރާމްގައި ފޮލޯ ކުރަނީ އެންމެ 78 މީހުންނަށެވެ. ނަމަވެސް، ޕްރިޔަންކާ ޗޯޕްރާ އަދިވެސް އޭނާގެ ފޮލޯ ކުރާ ލިސްޓުގައި ހިމެނެ އެވެ.
މިކަމާ ގުޅިގެން މީޑިއާތަކާއި ފޭނުންގެ މެދުގައި ތަފާތު ވާހަކަތަކެއް ދެކެވެން ފެށުމުން، ކަރަން ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި އެކަމުގެ ހަގީގަތް ހާމަކޮށްފަ އެވެ.
"މިއީ ޑިޖިޓަލް ޑިޓޮކްސްއެއް! އިންސްޓަގްރާމްގައި ހޭދަކުރާ ވަގުތާއި ހަކަތަ މަދުކުރުމުގެ ގޮތުން އަހަރެން މިވަނީ އެންމެން އަންފޮލޯ ކޮށްފައި!" ކަރަން ލިޔެފައިވެ އެވެ.
މީގެ އިތުރުން ސޯޝަލް މީޑިއާގައި ކުރާ މިފަދަ ކަންކަން ބޮޑު ހަބަރަކަށް ނުހެދުމަށް ވެސް ކަރަން ވަނީ އެދިފަ އެވެ. "މިއީ ގައުމީ ފެންވަރުގެ ބޮޑު ހަބަރަކަށް ހަދައިގެން ނޫޅޭ! މިއީ އެއްވެސް މުހިންމުކަމެއް ހުރި ކަމެއް ނޫން،" އޭނާ ބުނެފައިވެ އެވެ.
މި ދުވަސްވަރަކީ ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަނުން ދާ ދިފަހުން ރިލީޒްކުރި ފިލްމު "ޗާންދް މޭރާ ދިލް" އަށް ބޮކްސް އޮފީހުގައި އެދެވޭ ތަރުހީބެއް ނުލިބިގެން އުޅޭ ދުވަސްވަރެކެވެ.
މެއި 22 ގައި ރިލީޒްކުރި މި ފިލްމަށް ފުރަތަމަ ދުވަހު އިންޑިއާއިން ލިބިފައިވަނީ އެންމެ 2.90 ކްރޯޑް ރުޕީސް އެވެ. އެހެން ކަމުން ބައެއް މީހުން ވަނީ ކަރަންގެ މި ފިޔަވަޅު އެކަމާ ވެސް ގުޅުވާފަ އެވެ.
ފުވައްމުލަކުގައި ހިންގި "ޑްރަގް ކެފޭ"އެއް ބަންދުކޮށްފި
މާ އަވަހަށް ބަރުދަން ލުއިވުމުގެ ނުރައްކާ ވަރަށް ބޮޑު!
އީރާނާއި އެމެރިކާގެ އެއްބަސްވުން ޓްރަމްޕްގެ ހުއްދައަށް ފޮނުވައިފި