މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ފަސް ޕަސެންޓް ދަށް ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން މި އަހަރުގެ މާޗް މަހުން ފެށިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދުވެލި ވަނީ ދަށަށް ދާން ފަށާފަ އެވެ. މި ބަދަލާއެކު މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައީ 970,000 ޓޫރިސްޓުންނެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއިން ވަނީ އެއް މިލިއަން ޓޫރިސްޓުންގެ މައިލްސްޓޯން ހާސިލުކޮށްފަ އެވެ.
ވަކިން ހާއްސަކޮށް ވިއްސާރަ ދުވަސްވަރާ ދިމާވާ "އޮފް-ސީޒަން" މަސްތަކުގައި ފަތުރުވެރިން އައި މިންވަރު ވަނީ އާދަޔާހިލާފަށް ދަށްވެފައެވެ.
އޭޕްރީލް މަހު ޓޫރިސްޓުންގެ އަދަދު 24 ޕަސެންޓް ދަށްވިއިރު މެއި މަހު އެ އަދަދުތައް ކޮންމެސް ވަރަކަށް ހިފެހެއްޓި، ދަށްވީ އެންމެ ދެ ޕަސެންޓެވެ. ނަމަވެސް މިއީ އެންމެ ބޮޑު ވެއްޓުމެއް އައި މަހެވެ. މި މަހު ފަތުރުވެރިން އައި މިންވަރު ވަނީ 26 ޕަސެންޓް ދަށްވެފަ އެވެ. މިދިޔަ އަހަރުގެ ޖޫން މަހު 40,000 ޓޫރިސްޓުން އައިއިރު، މި އަހަރުގެ މިހާތަނަށް އައީ އެންމެ 30,000 ޓޫރިސްޓުންނެވެ.
ގްލޯބަލް މާކެޓަށް އައި ބަދަލުތަކާއެކު ވެސް ރާއްޖޭގެ ލިސްޓުގެ ކުރީގައި އޮތް ދެ ގައުމުން ދަނީ ރާއްޖޭގެ ފަތުރުވެރިކަން ކޮޅަށް ޖެހުމުގައި ބޮޑު ހިއްސާއެއް ވަމުންނެވެ. މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް އެންމެ ގިނަ ޓޫރިސްޓުން އައީ ޗައިނާއިންނެވެ.
މިދިޔަ އަހަރު ރާއްޖެއިން ވަނީ ދެ މިލިއަން ޓޫރިސްޓުން ގެނެސްގެން ތާރީޚީ ރެކޯޑެއް ހަދާފަ އެވެ. ސަރުކާރުގެ މި އަހަރުގެ ބޮޑު އަމާޒަކީ 2.2 މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމެވެ. ނަމަވެސް އަހަރުގެ މެދުތެރެއަށް އައިއިރު މިހާރު ފެންނަމުންދާ ފަސް ޕަސެންޓުގެ ދަށްވުމާއެކު، ކުރިއަށް އޮތް "ޕީކް-ސީޒަން" ނުވަތަ އަހަރުގެ ފަހު ކުއާޓަރުގައި މާކެޓު ވަރަށް ބޮޑަށް ކުރިއެރުވިގެން މެނުވީ މި އަމާޒަށް ވާސިލުވުމަކީ ބޮޑު ގޮންޖެހުމަކަށް ވާނެ އެވެ.
ޓްރަމްޕް އަނެއްކާވެސް ނަތަންޔާހޫއަށް އިންޒާރުދެއްވައިފި
ދިވެހި ޓީޗަރުން ނުލިބޭ މާއްދާތަކަށް ބިދޭސީން ގެންނާނެ އުސޫލެއް
މިފްކޯއަށް މަސް ގަންނަ އަގު 20 ރުފިޔާއަށް ބޮޑުވެއްޖެ