އަމިއްލަ ހަށިގަނޑަށް ބޭނުންވާ އަޅާލުންދީ، ރީތިކަން ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީ ދުޅަހެޔޮކޮށް ހުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ. ގިނަ ފަހަރަށް އެހީ ހޯދަން ދާނެ ދިމާލެއް ނޭނގުމަކީ ގިނަ މީހުން މާޔޫސް ކަންމަތީ ހަށިގަނޑު ނިކަމެތިވަމުން ދާތަން ބަލަން ހުންނަން މަޖުބޫރު ކުރާ ހާލަތެކެވެ. މި ހުނަރުވެރިޔާ އެފަދަ ފަރާތްތަކަށް މިދެނީ އާ އުންމީދެކެވެ.
މީހުން ރީތިކޮށް ބެހެއްޓުމަކީ ޒީނިޔާ ޒާހިރު (ޒިކޫ) އަށް ވަރަށް މުހިންމު ކަމެކެވެ. އެކަމަށްޓަކައި އޭނާ އެ ގެނެސް ދިނީ ގިނަ ދުވަހަށް ދެމިގެންދާ ފަދަ ހައްލެކެވެ. އެއީ ނިއޯލިފްޓިން މަސާޖެވެ.
ނިއޯލިފްޓިން މަސާޖަކީ ސާޖަރީ ނުވަތަ އެއްވެސް ކަހަލަ ޕްރޮސީޖާއެއް ނުހަދާ މޫނަށް ޖެހިފައި ހުންނަ ރޫތައް ފިލުވާލާ މޫނުގެ ބައްޓަން ރީތި ކުރުމަށް ކުރެވޭ "ނޮން އިންވޭސިވް ހޯލިސްޓިކް ބިއުޓީ" މަސާޖެކެވެ. މި މަސާޖުގައި ހިމެނޭ ބައިތަކުގެ ތެރޭގައި، މޫނުގެ އަދި ކަރުންމަތީގެ "ލިމްފަޓިކް ޑްރެއިނިން"، "ބަކަލް މަސާޖް" އަދި "ނިއޯލިފްޓިން" ހިމެނެ އެވެ.
ލިމްފެޓިކް ޑްރެއިނޭޖްއަކީ މޫނުމަތި ދުޅަވެފައި ހުންނަ ގޮތަށް ނުވަތަ މޫނު ފޮއްސިވެފައި ހުންނަ ހުރުން ރަގަޅުކޮށްދޭ ކަމަކެވެ. މިއީ މޫނުގެ ހަންގަނޑާއި އަދި މަސްގަނޑާއި ދެމެދުގައި ހެދިފައި ހުންނަ ލިމްފެޓިކް ފްލުއިޑް (ފެން) ހަށިގަޑުން ބޭރުކުރުމަށްޓަކައި ކުރެވޭ މަސާޖެކެވެ.
ބަކަލް މަސާޖް އަކީ އަނގަޔަށް އަތްލައިގެން، ކޮލުގެ މަސްތައް މަސާޖްކޮށް، ދަތްދޮޅީގެ ޑަބަލްޗިން ދުއްވާލަން އެހީވެދޭ އަދި ޓީއެމްޖޭ "ޓެމްޕޮރޯ މެންޑެބިއުލާ ޑިސްއޯޑާ" ނުވަތަ ކޮލުކަށިގަނޑުގެ މައްސަލަތަކު ތެރޭގައި ހިމެނޭ ދަތް ކޭރުވުން ޖޯޓެންޝަންއަށް އެހީވެދޭ މަސާޖެކެވެ. މި މަސާޖުގެ ސަބަބުން ސައިނަސް އަދި މައިގްރެއިނަށް ވެސް ލުއިކަން ގެނެސްދެ އެވެ.
ނިއޯލިފްޓިންއަކީ ހަމައެކަނި ބިއުޓީ ކަންކަމަށް ކުރެވޭ މަސާޖެއް ނޫނެވެ. އެއީ ގިނަ ދުވަހު ޒުވާންކަންމަތީ ހުރުމަށް ކުރެވޭ މަސާޖެކެވެ. މީގެ އެއްވެސް ސައިޑް އިފެކްޓެއް ނުވަތަ ލިބޭނެ ގެއްލުމެއް ނޯވެ އެވެ.
"އަޅުގަނޑު ބިއުޓީ ކަންތަކަށް އަބަދުވެސް ވަރަށް ޝައުގުވެރިވޭ. އެއީ ވަރަށް ކުރާހިތްވާ މަސައްކަތެއް. މިއީ އަޅުގަނޑުގެ ރަސްމީ މަސައްކަތެއް ނޫން. އެހެން ނަމަވެސް ވީވަރަކުން ބިއުޓީ ކޯސްތަކުގައި ބައިވެރިވެ އެ ރޮނގުން ކުރިއަށް ދިއުމަށް ގިނަ މަސައްކަތްތަކެއް ކުރަން،" އެވިޑް ކޮލެޖްގެ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ފޮރިން ރިލޭޝަންސް ޑައިރެކްޓަރުގެ މަގާމު އަދާ ކުރަމުންދާ ޒިކޫ ކިޔައިދިނެވެ.
ޒިކޫއަކީ ރާއްޖޭގައި ހުރި ހަމައެކަނި "ނިއޯލިފްޓިން" ތެރަޕިސްޓެވެ. އޭނާ މަސާޖު ކޮށްގެން ރަނގަޅުކޮށްދޭ މައްސަލަތަކުގެ ތެރޭގައި މޫނަށް ޖެހިފައި ހުންނަ ރޫފިލުވުން "ޑަބަލްޗިން" (ދެ ދަތްދޮޅި ނުވަތަ ދަތްދޮޅީގައި ޖަހާފައި ހުންނަ މަސްގަޑު ދުއްވާލުން)، މޫނުގެ ޝޭޕްގެ އޮރިއެންޓޭޝަން ރަނގަޅު ކުރުން، ފޭސް ޕެރަލިސިސްގެ ކަންކަމަށް ލުއި ގެނެސްދިނުން، ލޯކައިރި (އައިބޭގް ފިލުވުން)، ޓީއެމްޖޭ މައްސަލަތައް ހައްލުކުރުން ފަދަ މިކަހަލަ ގިނަ މައްސަލަތައް އެންމެ މަސާޖެއްކޮށްގެން ހައްލު ކޮށްދެ އެވެ.
އޭނާއަށް ނިއޯލިފްޓިން ތައާރަފްވީ ރީތީގެ އެކި ކޯސްތައް ފުރިހަމަ ކުރަމުން ދަނިކޮށް، ދުނިޔެއަށް ނަން މަޝްހޫރު "ޕްރޯއެސްތެޓިކް" ކިޔުނު މޫނުގެ އެކި ފަރުވާތަކަށް ހާއްސަ ގްރޫޕަކުން "ނިއޯލިފްޓިން" އާ ބެހޭ ސެލްފްކެއާ ކޯހެއް ހިންގާކަން އެނގުނު ހިސާބުންނެވެ. ލިބުނު ރަނުގެ ފުރުސަތު ނަގާ ނުލައި އޭނާ އަވަސްވެގަތީ އެ ކޯހުގައި ބައިވެރިވެލުމަށެވެ.
ނިއޯލިފްޓިންއަކީ މޫނުމަތީގެ މަސްތައް ޓޯންކޮށް ރީތިކުރުމަށްޓަކައި، ކުރާ ހާއްސަ މަސާޖެކެވެ. އެ ކޯސް ފުރިހަމަ ކުރުމަށް ފަހު، ހަމަ ޕްރޯއެސްތެޓިކް ގްރޫޕުން ހިންގި ނިއޯލިފްޓިން ބިއުޓީ ތެރަޕިސްޓް ކޯހުގައި ބައިވެރިވެ ސެޓްފިކެޓް ހާސިލް ކުރި އެވެ. އަދި "އައި ރިވައިވަލް" އޭ ކިއުނު ލޮލުގެ ކައިރިއަށް ޖެހިފައި ހުންނަ ރޫފިލުވުމަށް އަދި އަންޑަ އައިބޭގް ފިލުވުމަށާއި މީގެ އިތުރުން ލޯ ކައިރީގައި ހުންނަ އެކި މައްސަލަތައް ހައްލުކުރުމަށް އެހީވެދޭ ހާއްސަ ކޯހެއް ވެސް އޭނާ ފުރިހަމަ ކުރި އެވެ.
ނިއޯލިފްޓިން މަސާޖް ކުރަން ފަށައިގަތުމުގެ ކުރިން އޭނާ ކުރާ ވަރަށް ހާއްސަ ކަމެއް ވެސް އޮވެ އެވެ. އެއީ "ލިމްފެޓިކް ޑްރެއިނޭޖް" ހެދުމެވެ. ލިމްފެޓިކް ޑްރެއިނޭޖްގައި ހަށިގަނޑުގެ އެކި ދިމަދިމާލުގައި ހަރުލާފައި ހުންނަ ފެން ހުސްކޮށްލުމަށް ވަރަށް މަޑުމަޑުން އަތުން ކުރާ ހާއްސަ ހަރަކާތްތަކެއް ކުރެ އެވެ. ދިހަ މިނެޓުގެ މި ހަރަކާތްތަކުގެ ސަބަބުން، ފެން ހަރުލާފައި ހުރުމުގެ ސަބަބުން އުފުލިފައި ހުންނަ ތަންތަނަށް ބާރު ކުޑަވެ، އެ ތަންތަނުގައިވާ ދުޅަތައް ފިލުވައިދެ އެވެ.
ޒިކޫ އާންމުކޮށް ނިއޯލިފްޓިން މަސާޖް ފަށަނީ ލިމްފެޓިކް ޑްރެއިނޭޖް ނިމުމުންނެވެ. އޭނާ މަސާޖް ކުރަން ބޭނުން ކުރަނީ ކްލައިންޓުންގެ ހަންގަނޑާ ގުޅޭ ކަހަލަ ތަކެއްޗެވެ. އޭގެ ތެރޭގައި ކާށި ތެޔޮ، ޒައިތޫނި ތެޔޮ، އަދި މަސާޖް ކްރީމްތައް ހިމެނެ އެވެ.
"އެންމެ ފަހަރަކު މަސާޖުކޮށްލީމަ ވެސް މޫނަށް ބަދަލު އަންނާނެ. ދެން އެގޮތަށް ކޮންމެ ދުވަހަކު ވެސް މަސާޖް ކުރުމުގެ މުހިންމުކަން އަޅުގަނޑު ކިޔައިދެން. މަސާޖް ކުރާނެ ގޮތް ވެސް ކިޔައި ދެން. އެއީ އަމިއްލައަށް އެކަން ކުރިއަށް ގެންދިއުމަށް. މަދުވެގެން 5 ފަހަރު ނަމަވެސް މަސާޖް ކޮށްލައިފި ނަމަ އިތުރަށް ގޯސް ނުވެ ހިފަހައްޓާ ލެވޭނެ،" ޒީ ސެލޫންގައި ނިއޯލިފްޓިން ތިރަޕީގެ ހިދުމަތް ދެމުން އަންނަ ނިއޯލިފްޓިން ތެރަޕިސްޓް ޒިކޫ ބުންޏެވެ.
ކޮލު ކަށިގަނޑުގެ ހާއްސަ މަސާޖް
ދަތްދޮޅީގެ އެކި މައްސަލަތަކަށް ހާއްސަ ބަކަލް މަސާޖެއް ވެސް އޭނާ ކޮށްދެ އެވެ. އީއެންޓީ ޕެކޭޖްގެ ދަށުން އިންނަ މި މަސާޖްގައި އަނގަޔަށް އަތްލައިގެން މޫނުގަ ހުންނަ ރޫ ފިލުވުމުގެ އިތުރުން ދަތްދޮޅީގެ ރިހުންތަކަށް ވެސް ހައްލު ލިބިގެންދެ އެވެ.
ޒިކޫ ބުނިގޮތުގައި ގައިގެ މަސްތަކަށް ކަސްރަތު ދޭ ފަދައިން މޫނުގެ މަސްތަކަށް ވެސް ކަސްރަތު ދޭން ޖެހޭނެ އެވެ. ބަކަލް މަސާޖަކީ ހަމައެކަނި ރީތިވުމުގެ ގޮތުން ކުރާ މަސާޖެއް ނޫނެވެ. އެއާ ޚިލާފަށް ބަކަލް މަސާޖްގެ ސަބަބުން ސައިނަސް ފަދަ ކަރުން މަތީގެ ގިނަ މަސައްލްތަކަށް ހައްލު ލިބިގެންދެ އެވެ.
"ޖޯ ޓެންޝަން ނުވަތަ ޓީއެމްޖީ އިޝޫޒް ހުންނަ ކުދިން އަޅުގަނޑު ކައިރިއަށް ކޮންމެ ވެސް ވަރަކަށް އާދޭ. ޓީއެމްޖީ އެއަށް މިކިޔަނީ ދަތް ގޭނުމުގެ މައްސަލަތަކާއި ކޯ ކަށިގަނޑުގެ މައްސަލަތަކައް. އެކަހަލަ މައްސަލަތަކަށް އަޅުގަނޑު ކުރަނީ ބަކަލް މަސާޖް. ބަކަލް މަސާޖް ކޮންމެ މަހަކު އެއްފަހަރު ކުރުމުން ދަތްދޮޅީގެ ރިހުންތައް މުޅިން ރަނގަޅުވާނެ،" މުސްތަގުބަލުގައި އަމިއްލަ ސްޓޫޑިއޯއެއް ހުޅުވުމަށް ވިސްނަމުން ގެންދާ ޒިކޫ ބުންޏެވެ.
ކައިވެނި ކުރާ ކުދިންނަށް ހާއްސަކޮށްގެން "ބްރައިޑަލް ޕެކޭޖެއް" ވެސް އޭނާ ވަނީ ދާދި ފަހުން ތައާރަފް ކޮށްފަ އެވެ. އެ ޕެކޭޖްގެ ދަށުން އެ ކުއްޖަކަށް ފަސޭހަ ގޮތަކަށް މަސާޖު ސެޝަންތައް ރޭވިފައިވެ އެވެ. ޒިކޫ ބުނިގޮތުގައި ބްރައިޑަލް ސެޝަންތަކަށް ވެސް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.
ޒިކޫގެ މަސާޖުތައް އެހާ މަގުބޫލުވާ ސަބަބަކީ ތަފާތު ދައްކައި ދޭތީ އެވެ. މޫނުމަތީގައި ހުންނަރޫ ފިލުވައިދީ މޫނުގެ މަސްތައް ޓޯން ކޮށްދޭތީ އެވެ. ރަސްމީ މަސައްކަތަށް ފަހު ޕާޓްޓައިމް މަސައްކަތެއްގައި އެހާ ގިނަ ވަގުތު ހޭދަ ކުރެވެނީ ގިނަ ބައެއްގެ އެހީތެރިކަން ލިބޭތީ ކަން ޒިކޫ ވަރަށް އުފަލާއެކު ފާހަގަ ކުރި އެވެ. އޭގެ ތެރޭގައި އޭނާގެ ފިރިމީހާ، މަންމަ އަދި އޭނާގެ އާއިލާ ހިމެނެ އެވެ.