އޭނާ ބޮޑުވި މާހައުލަކީ ވަރަށް ހިތްވަރުދޭ މާހައުލެއް. މަސައްކަތްތެރި މަންމައެއްގެ ފަރާތުން ގިނަ ކަންކަން އޭނާ ދަސްކުރި. އޭގެ ތެރޭގައި ކެއްކުމާއި މެހުމާންދާރީ އަދާކުރުން ހިމެނޭ. އެ ދެކަންތަކުގެ އިތުރުން ބައްޕަ ދީފައިވާ ނަސޭހަތުގެ މައްޗަށް ބިނާކޮށް ދިރިއުޅުމަކަށް ފަށައިގަތް. ނަސީބު ދިމާކުރި ގޮތުން ހަޔާތުގެ ބައިވެރިޔަކީ ވެސް އޭނާ ދާން ބޭނުންވާ މަންޒިލާ ހަމައަށް ގެންގޮސްދިނުމުގައި ލިބުނު އިތުރު ހިތްވަރެއް. މިއަދު އޭނާއަކީ މައިންބަފައިން ފަޚުރުވެރިވާ ފަދަ، މަސަައްކަތްތެރި ދަރިއެއް، ހެޔޮލަފާ އަންބެއް، ލޯބިވާ މަންމައެއް، މުނިފޫހި ފިލުވައިދޭ ރައްޓެއްސެއް އަދި އޯގާތެރި ވެރިއެއް.

ދަރިން ވަކި މަސައްކަތެއްގައި ވަކި ދާއިރާއެއްގައި ކުރިއަރާ ދިއުމަށް ކޮންމެ މަންމައަކާއި ބައްޕައެއް ވެސް ފޮނި ހުވަފެންތަކެއް ދެކެ އެވެ. އެ ދަރިން ކުރިއަރާ ދިއުން ބިނާވަނީ ދެވޭ ހިތްވަރަކާއި އަޅާދެވޭ ބިންގަލެއްގެ މައްޗަށެވެ. މި ހުނަރުވެރިޔާގެ އުންމީދަކީ އޭނާގެ މައިންބަފައިންގެ ހުވަފެން ހަގީގަތަކަށް ހެދުމެވެ. އެ ހަލަބޮލި، ގޮތް ނޭނގޭ ދަތުރުގައި އޭނާގެ އަތުގައި ހިފާ ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްދިނީ އޭނާގެ ލޯބިވާ ފިރިމީހާ އެވެ.

މައިންބަފައިން ބޭނުންވާ ފަދަ ވިޔަފާރިވެރިއަކަށް ވުމަކީ ޚުދު ފާތުމަތު ޝަޒިއްޔާ (ޝަޒީ) ވެސް ބޭނުންވާ ގޮތެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެ މަސައްކަތަށް ނުކުތުމަށް މައިން ބަފައިން އަބަދު އެ ދެއްވާ ހިތްވަރުގެ ސަބަބުންނެވެ. އެ ދާއިރާގައި އުޅޭ ފުންނާބު އުސް އަންހެނުން ފަދައިން ޝަޒީވުމަށް އެ ދެމީހުން ފޮނި އުންމީދެއް ކުރާތީ އެވެ.

ޝަޒީ ބައްޕަޔާއެކު ފޮޓޯއަކަށް ހުއްޓިލައިގެން: އޭނާގެ ބައްޕަ އަބަދު ވެސް އޭނާ ވަރުގަދަ ޝަޚުސިއްޔަތަކަށް ވުމަށް ނަސޭހަތް ދެއްވާ

"ބައްޕަ ވެސް މަންމަ ވެސް ވަރަށް ބޭނުން ވާނެ އަޅުގަނޑު ވިޔަފާރީގެ ތެރޭގައި އުޅުމަށް. އަޅުގަނޑަށް އެންމެ ކުރިން ކީނަމަކީ ގުލޭލާ. ފަހުން އަޅުގަނޑު ވަރަށް ބަލިވެގެން އެ ނަން ބަދަލުކުރަން ޖެހުނު ހިނދު، އެޒަމާނުގައި އުޅުނު ވަރަށް ފުންނާބު އުސް ވިޔަފާރިވެރިއެއްގެ ނަން އަޅުގަނޑަށް އެ މީހުން ދިނީ. އަދި ބުނުއްވި އެފަދަ ޝަހުސިއްޔަތަކަށް ވުމަށް ބައްޕަ ވަރަށް އެދޭ ކަން،" ޝަޒީ ކުރީގެ ހަނދާނެއް އާ ކޮއްލަމުން ބުންޏެވެ.

އީޕީއެސްއެސް އަދި އަމީނިއްޔާ ސްކޫލުން ތައުލީމް ހާސިލްކުރި ޝަޒީ، 1984 ގައި ސްރީލަންކާގައި ކިޔެވުމަށް ލިބުނު ސްކޮލާޝިޕެއްގައި ފުރަތަމަ ހެދީ ޕްރީ ސްކޫލް ޓީޗީން އެވެ. އެއަށް ފަހު ޓީޗަރެއްގެ ގޮތުގައި މާފަންނު މަދަރުސާގަ އާއި އާލިޔާ ސްކޫލް އަދި ކަލާފާނު ސްކޫލްގައި ވެސް މަސައްކަތް ކުރި އެވެ.

ކިޔަވައި ދިނުމުގައި 14 އަހަރު ހޭދަކުރުމަށް ފަހު، އެދާއިރާއާއި ވަކިވީ އެ ވަގުތު ސިއްހަތު އެ މަސައްކަތަށް ތަން ނުދޭތީ އެވެ. ނަމަވެސް، ހަޔާތުގައި ކުރިއަށް ހުރި ސަފުހާތަކަކީ ކިހާ ކާމިޔާބު ސަފުހާތަކެއް ކަން އޭރު އޭނާއަށް ކުޑަކޮށް ވެސް އިހްސާސްވެފައެއް ނުވެ އެވެ.

ޓީޗިން ދާއިރާއާ ވަކިވުމަށް ފަހު، 1999 ގައި އޭނާގެ ދިރިއުޅުން ރާއްޖޭން ބޭރަށް ބަދަލު ކުރި އެވެ. ސަބަބަކީ އޭރު އޭނާގެ ފިރިމީހާ އަބްދުލް ބާރީ އަބްދުﷲ (ބާރީ) ވެސް މަތީ ތައުލީމް ހާސިލް ކުރެއްވުމަށް ރާއްޖޭން ބޭރުގައި ހުންނެވުމާއި ބަލި މަންމައަކާއި ތުއްތު ދެ ދަރިން ގޮވައިގެން އަވަސް އަވަހަށް ދަތުރު ކުރުމަކީ ފަސޭހަ ކަމަކަށް ނުވާތީ އެވެ.

އޭނާ ރާއްޖެއިން ބޭރުގައި ދިރިއުޅުނު އިރު، މީހުންނަށް ޑޮކްޓަރަށް ދައްކައިދީ ބޭސްފަރުވާގެ ކަންކަމުގައި ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނެވެ. އެގޮތުން އިންޑިޔާއަށް ޒިޔާރަތް ކުރާ ރައްޓެހިންނަށާއި، ޢާއިލާގެ މީހުން ނަށާއި، އަދި އެކި އެކި ރަށްރަށުން ބޭސްފަރުވާ އަށް އޭނާ ކައިރިއަށް އަންނަ ފަރާތްތައް ހިތްހަމަ ޖެހޭގޮތަށް އެކަންތައް ކޮށްދެވުމަކީ އޭނާއަށް ލިބޭ ވަރަށްބޮޑު އުފަލެކެވެ.

ކެއްކުން: އެންމެ ގަޔާވާ މަސައްކަތް

މަންމަގެ ކެއްކުން ވަރަށް ގާތުން ފެނި ކުޑައިރުއްސުރެ އޭނާ ކެއްކުމަށް ވަރަށް ގަޔާވެވިފައިވެ އެވެ. އޭނާގެ މަންމަ ކައްކާ ކުޅިމަސް، ކުޅި ރިހަ، އަދި ތަފާތު ވައްތަރުގެ މީރު ދިވެހި ކެއުންތަކަކީ އޭނާ ކުޑައިރު، އެ ގެއަށް ފައިބާ ތިބޭ އޭނާގެ ބައްޕަ ގާތް ގުޅުމެއް ބާއްވާ މާފުށީ މީހުންނަށް ވެސް ވަރަށް ކަމުދާ ކެއުންތަކެކެވެ.

"މިއަދު އަޅުގަނޑު މާފުއްޓަށް އަރައިފިއްޔާ އެ ވާހަކަ ދައްކާ މީހުން އުޅޭ،" ހުޅުމާލެ ވަށައިގެން ފްލޯޓިން ރެސްޓޯރެންޓެއްގެ ހިދުމަތް ދޭން ވިސްނާ ޝަޒީ ބުންޏެވެ.

ޝަޒީ މާފުށީގައި ދިރިއުޅޭ އޭނާގެ ރައްޓެހިންތަކަކާ އެކީ ފޮޓޯއަކަށް ހުއްޓިލައިގެން: މާފުށީގެ ބައެއްމީހުން އަދިވެސް ޝަޒީ މަންމަ ތައްޔާރުކުރާ މީރު ކެއުންތަކުގެ ވާހަކަ ދައްކާ

އޭނާ އިރުތަށް ބުނިގޮތުގައި އޭނާ ސްކޫލުން އަންނަންވާ އިރަށް ތައްޔާރުކޮށްދޭ ހާއްސަ ނާސްތާ، ތައްޔާރުކުރި ގޮތް އޭނާގެ މަންމަ ބުނެ ނުދީފި ނަމަ، އޭނާ ނުކައި ހުންނަ ކަމަށެވެ. އެފަދަ ގޮތް ގޮތުން އެނާގެ މަންމަ ކައްކާ ކެއްކުންތައް އޭނާ ދިޔައީ ދަސްކޮށް އެދުރުވަމުންނެވެ.

ޝަޒީ ދެން ފެށީ ވިޔަފާރީގެ ގޮތުގައި ކައްކާށެވެ. ހުޅުމާލެގައި އޭނާ ދިރިއުޅޭ ގޭގެ ތިރި ފިރިމީހާގެ ވަރަށް ބޮޑު އެހީތެރިކަމަކާ އެކީ ކެފޭއަކަށް ބަދަލުކޮށް، މީހުންނަށް ކެއުމުގެ ޚިދުމަތް ދޭން ފެށި އެވެ. ދިވެހި ރަހަތަކާއި ބޭރުގެ ރަހަތަކެވެ. އަދި މުޅިންއާ ވައްތަރުތަކުގެ އަމިއްލަ ޑިޝްތަކެވެ. ފުރަތަމަ އަމިއްލައަށް ކެއްކި ނަމަވެސް ފަހުން މުއައްޒަފުން ގެނެސް އެމީހުންނަށް ކެއްކުމުގެ ޓްރޭނިން ދީ ސީދާ ޝަޒީގެ ރަހަތައް އެތަނުން އަބަދު ވެސް ލިބޭނެ ގޮތް ހެދި އެވެ.

"އެ ތާނގައި އޭރު ލިބެން ހުންނަ ދިވެހި ކެއުންތައް ގެސްޓުންނަށް ވެސް ވަރަށް ކަމުދޭ. ހުޅުލެ އެއާޕޯޓުން ކުދިން އާދޭ ހަމައެކަނި ހަވީރު ސައިބޯންލަން ވެސް،" ރޯދަމަހު ޓީވީ މޯލްޑިވްސް އިން ގެނެސްދޭ ރަހަތަފާތު ޕްރޮގްރާމްގައި ވެސް އޭނާގެ ދެ ކެއްކުމެއް ހުށަހަޅައިދީފައިވާ ޝަޒީ ބުންޏެވެ.

ކެފޭއާ އެކު އެކީ ހުޅުމާލޭ ސެންތްރޯ މޯލްގައި ގާމެންޓް ފިހާރައެއް ވެސް ހަމަ އެ ދުވަސްވަރު އޭނާ ހިންގި އެވެ. އަދި އަމިއްލަ ގޭގައި ގެސްޓަ ހައުސް ވިޔަފާރި ވެސް ފެށި އެވެ. ވަރަށް ހަލުވި ދުވެއްޔެއްގައި އޭނާގެ ވިޔަފާރި ފުޅާވެ، ކުރިއަރަމުން ދަނިކޮށް، ކޮވިޑްގެ ދުވަސްވަރު ސެންތްރޯ މޯލްގައި ހިންގި ފިހާރަ އޭނާ ދިރިއުޅޭ ގޭގެ ގްރައުންޑް ފްލޯއަށް ބަދަލުކުރީ ކެފޭ ހިންގުން ހުއްޓާލާފަ އެވެ. އެ ފިހާރައަށް ކިޔަނީ "ބެރީ ކަލެކްޝަން" އެވެ.

އެ ދުވަސްވަރު ފުރަތަމަ މާމަ ދަރިފުޅު ލިބުމާ ގުޅިގެން، އެ ދަރިފުޅަށް ގެނެސްދޭ ކޮލިޓީ ހެދުމާއި އެހެނިހެން ރީތި އައިޓަމްސް އެހެން ކުދިންނަށް ވެސް ހެޔޮއަގުގައި ލިބެން އޭނާ ބޭނުންވި އެވެ. ވީމާ އެ ގާމެންޓް ވިޔަފާރި ހާއްސަ ކޮށްލީ "ބޭބީ އެންޑް މަމްސް" އައިޓަމްސްއަށް ހާއްސަ ތަނަކަށެވެ.

ޝަޒީ ބެރީސް ކަލެކްޝަން ފިހާރަ ތެރޭގައި ފޮޓޯއަކަށް ހުއްޓިލައިގެން: މާމަދަރިފުޅު ލައްވާ އެއްޗެހި އަތްފޯރާ ފަށުގައި އެފިހާރައިން ލިބޭގޮތް އޭނާ ހަދައިދިން

"މި ވިޔަފާރީގައި އަބަދުވެސް އަޅުގަނޑަށް އެންމެ އެހީތެރިވާ ފަރާތަކީ އަޅުގަނޑުގެ ފިރިމީހާ. ޕާލިމަންޓް މެންބަރުކަން ކުރެއްވިއިރު، ބިޒީކޮށް އުޅުއްވަމުން ވެސް އަޅުގަނޑަށް ހުރިހާ ކަމެއްގައި އޭރު އެހީތެރިވެ އެއްބާރުލުން ދެއްވާ،" ޝަޒީ ބުންޏެވެ.

އައިބެރީ: ދެމަފިރިންގެ ގުޅުން ރަމްޒު ކޮށްދޭ ނަމެއް

ހުޅުމާލޭގައި ޝަޒީ ދިރިއުޅޭ ގެއަށް އޭނާ ދީފައިވާ ނަމަކީ" އައިބެރީ" އެވެ. އޭނާގެ ކެފޭ އަދި ފިހާރަތަކަށް ވެސް ނަށް ދީފައިވަނީ ހުންނަނީ އައިބެރީ ބޭނުންކޮށްގެނެވެ. އައިބެރީގެ ނަމުގެ ފަހަތުގައިވާ ހަގީގަތް ވެސް ޝަޒީ ހިއްސާކޮށްލި އެވެ.

"އަޅުގަނޑުގެ ފިރިމީހާ ބާރީ، ރާއްޖެއިން ބޭރުގައި ތައުލީމް ހާސިލް ކުރައްވަން ހުންނެވި ދުވަސްވަރު ބޭރުގެ އެކުވެރިން ކިޔާ ނަމެއް 'ބެރީ' އަކީ. އަޅުގަނޑާ ބާރީ ވީމަ 'އައި ބެރީ' އޭ ކިޔާނީ ހިތަށް އަރާފަ ކީނަމެއް އެއީ،" ޝަޒީ ބުންޏެވެ.

ޝަޒީ އެނާގެ ފިރިމީހާ އަބްދުލް ބާރީ އަބްދުﷲ އާއެކީ ފޮޓޯއަކަށް ހުއްޓިލައިގެން: ބިޒްނަސްގައި ބެރީ ބޭނުންކުރެވިފައިވަނީ ފިރިކަލުންގެ ނަމާ ގުޅުވާފައި

އޭނާ ހިންގި ކެފޭއަށާއި ހުޅުމާލެ ސެންޓްރޯ މޯލްގަ ހުރި ގާމަންޓް ފިހާރައަށް ވެސް ފުރަތަމަ އައިބެރީ ހިމަނައިގެން ނަން ކިޔުނެވެ. ނަމަވެސް ކޮވިޑަށް ފަހު "އައި" ކަނޑާލާފައި ބެރީ ބައިންދަން ނިންމި އެވެ. މިހާރުގެ ނަންތަކަކީ "ބެރީ ކަލެކްޝަންސް" "ބެރީސް ކިޑްސްވެއާ" އަދި "ބެރީ ބްލޫމްސް" އެވެ. .

ޑިޒައިނަރަކީ އަދި މޮޑެލްއަކީ ޝަޒީ

ޝަޒީ ފާހަގަ ކުރެވެނީ ވަރަށް ފެޝަނަށް ލޯބިކުރާ މީހެއްގެ ގޮތުގަ އެވެ. އޭނާއަށް ރެޑީމޭޑް ހެދުން ކަމުދިޔަ ނަމަވެސް، އަމިއްލަ ހެދުން ފަހަން ދިނުމުގެ ކުރިން އަމިއްލައަށް ޑިޒައިން ކުރެ އެވެ. މޮޑެލް ވެސް ކުރެ އެވެ. އެކަމުގައި އޭނާގެ ކޮއްކޮ އިބޫ އަދި ރަހޫގެ ދެމަފިރިންނާއި ދައްތަ އަޒީޒާގެ މަޝްވަރާ ވެސް ހޯދަ އެވެ.

އޭނާ ކުރާ ބޮޑެތި މަސައްކަތްތަކުގައި އެ އެންމެން އަމިއްލައަށް އައިސް ބައިވެރި ވެދޭތީ، އެއީ އޭނާއަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމުގައި ޝަޒީ ސިފަކުރި އެވެ.

ޝަޒީ މޮޑެލް ކުރަމުން ފޮޓޯއަކަށް ހުއްޓިލައިގެން: އަމިއްލަ ހެދުން ޑިޒައިން ކުރުމުގައި ގާތް މީހުންގެ މަޝަވަރާ އަބަދު ވެސް ހޯދާ

މުނިފޫހިފިލުވުމުގައި ވެސް ޝަޒީވަރެއް ނެތް

މަސައްކަތުގައި ގިނަ ވަގުތު ހޭދަ ކުރި ނަމަވެސް ފެމެލީ އަދި ދުރާއި ގާތުގައި ދިރި އުޅޭ ރައްޓެހިންނަށް ދައުވާތު ދީގެން މުނިފޫހި ފިލުވުމުގެ ކަންކަންރާވާ ހިންގުމަށް އޭނާ ވަރަށް އިސްކަން ދެ އެވެ. މުނިފޫހިފިލުވުމުގެ ދާއިރާ ނުވަތަ ފިލްމީ ދާއިރާއަށް އޭނާއަށް ނުނިކުމެވެނު ނަމަވެސް، އޭނާގެ ކޮއްކޮ މަޝްހޫރު ފިލްމީ ތަރި މުހައްމަދު މަނިކު (މަނިކު) އެ ދާއިރާއަށް ނުކުތުމުން އެކަމާ އުފާ ކުރާ ކަމަށެވެ.

"އަޅުގަނޑު ކުޑައިރު ގާތް މީހުން އެއްކޮށްގެން ޝޯ ކުޅެ އަދި ޝޯ ދޭއިރު އަޅުގަނޑުގެ ކޮއްކޮ "މަނިކު" ބައިންދަނީ ފިލާވަޅު ދަސްކުރުވަން ކޮޓަރިއަށް ލާފައި. އެކަމަކު ކޮއްކޮ ކުޑަދޮރުން ބަލާނެ ދޮންތަމެން ކުޅޭ ޝޯތައް،" ޝަޒީ އަދި ކުޑައިރުގެ ހަނދާނެއް ހިއްސާކޮށްލަމުން ބުންޏެވެ.

އޭނާ އާއި ބާރީ އާއި ދިމާވީ ސްކޫލް ދައުރުގަ އެވެ. ކައިވެންޏަށް ފަހު، ދިރިއުޅުމެއް ބިނާ ކުރަން ފެށި ދަތުރުގައި އެތައް ގޮންޖެހުންތަކަކާއި ކުރިމަތިލި އެވެ. ނަމަވެސް ކެތްތެރިކާމާއި ވިސްނުންތެރިކަން އިސްކޮށް ދިރިއުޅުން އާރާސްތު ކުރަން ކުރި މަސައްކަތުގެ ނަތީޖާ މިއަދު ވަރަށް ފޮންޏެވެ. މިހާރު އެ ކައިވެންޏަށް 39 އަހަރުވެފައި ވާއިރު، އަބަދުވެސް އެންމެ ގާތުން ހިތްވަރުދީ "ފިސާރި ކެރޭ ނަމޫނާއަކަށް ވުމަށް" ބާރީ އަބަދު ވެސް އޭނާއަށް ނަސޭހަތްދެ އެވެ.

"މިދިގު ޖާނީގައި އަޅުގަނޑުމެން ދެމަފިރިންނަށް، ދަރިންގެ ފަރާތުން ލިބޭ ހިތްހަމަ ޖެހުމާއި، ލޯތްބާއި، އެއްބާރުލުމަށް ވެސް ވަރަށް ޝުކުރު ވެރިވަން،" ޝަޒީ އޭނާގެ ލޯބިވާ ދަރިންގެ ފަރާތުން އަބަދުވެސް ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކުރީ މިފަދައިންނެވެ.

ޝަޒީ އެނާއަށް އަބަދު ވެސް އެއްބާރުލުންދޭ ދަރިންނާ އެކު ފޮޓޯއަކަށް ހުއްޓިލައިގެން: ބެރީސް ކަލެކްޝަން ގައި އޭނާގެ މާމަދަރިފުޅަށް ހޯދާ ކޮލިޓީ އެއްޗެހި އަތްފޯރާ ފަށުގައި ލިބޭނެގޮތް ހެދި

"އެންމެންގެ ނަން ވަކި ވަކިން ހާމަ ނުކުރެވުނަސް އާއިލާ އާއި ގާތް އެކުވެރިން އަޅުގަނޑާ އަބަދުވެސް ބާއްވާ ގާތްގުޅުން އަދި އެ މީހުން ދޭ ހިތްވަރު އެއީ އަޅުގަނޑަށް ލިބޭ އިތުރު ހިތްވަރަކާއި ބާރަކަށް ވޭ،" ޝަޒީ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އޭނާގެ ގާތް މީހުންގެ އިތުރުން އޭނާގެ ސްޓާފުންގެ ފަރާތުން ލިބޭ ގާތްކަމާއި އެއްބާރުލުމަކީ ވެސް އޭނާގެ މަސަތްކަތަށް ލިބޭ ވަރަށް ބޮޑު ހިތްވަރެކެވެ.

ކުރިން ފާހަގަކޮށްލި ފަދައިން ޝާޒީ ކުރާ ކޮންމެ ކަމެއް ވެސް ކުރާނީ ވަރަށް ޕެޝަން އާ އެއްކޮށެވެ. އެކަމުގެ ހެއްކަކީ އެ ދެމަފިރިން ކުރާ ދަތުރުތަކާއި އައިލާ އަދި ގާތް ތިމާގެ އެކުވެރިންނާ އެކީ ހޭދަކުރާ މަޖާ ވަގުތުތައް ހަނދާނުގައި ނުގެއްލޭނެ ފަދައިން ރައްކާ ކުރުމަށް ކުރާ މަސައްކަތެވެ.

އެކަން ކުރުމަށްޓަކައި ރިކޯޑްކޮށްފައިވާ ވީޑިއޯތައް ލަވައިގެ ގޮތުގައި ތައްޔާރު ކުރެ އެވެ. އޭގެ އިތުރުން އޭނާގެ ވިޔަފާރި ވީޑިއޯތަކާއި، އިސްތިހާރުތައް ވެސް ހަދާފައި ހުންނަނީ ކަސްޓަމަރުން އެންމެ ޝައުގުވެރިވާ ގޮތަށް ކަމަށް ފާހަގަކޮށްލެވެ އެވެ.