އެމްއެމްޕީއާރުސީ ޚިޔާނާތުގެ ފައިސާއިން މާލީ މަންފާ ލިބިފައިވާ ކަމަށް ތުހުމަތު ކޮށް، ލިސްޓުގައި އޭނާގެ ނަން ހިމަނާފައިވަނީ ހަގީގަތާއި ޚިލާފަށް ކަމަށާއި، މިއީ ސިޔާސީ ގޮތުން އަގު ވައްޓާލުމަށް ބަޔަކު ރާވާއިގެން ކުރި ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު، ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ކާނަލް ނާޒިމް މިކަމާ ގުޅިގެން ނެރުނު ނޫސްބަޔާނުގައި ވިދާޅުވެފައި ވަނީ މަޖިލީހުން އާންމުކުރި ހިޔާނާތުގެ ލިސްޓްގައި ނަން ހިމަނާފައިވަނީ ސިޔާސީ ގޮތުން އަގުވައްޓާލުމުގެ ބޭނުމުގައި ކަމަށާއި އެއީ ހަގީގަތާ ހިލާފު އަމަލެއް ކަމަށެވެ.

އެ މައްސަލައާއި ގުޅިގެން ދައުލަތުގެ އެއްވެސް މުއައްސަސާއަކުން މިހާތަނަށް އޭނާއާއި ސުވާލު ނުކުރައްވާ ކަމަށާއި، ތަހުގީގެއް ހިންގާފައި ނެތުމަކީ ވަކި ބަޔަކު ރާވައިގެން ކުރި ކަމެއްކަން ހާމަވާ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާއި ބެހޭ ގޮތުން ދައުލަތުގެ އިދާރާތަކަށް ޖަވާބުދާރީވާން ޖެހިއްޖެ ނަމަ، އެފަދަ ތަހުގީގަކަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ހައްގުނޫން ގޮތެއްގައި އެއްވެސް ފައިސާ އެއް އެއްވެސް އިރެއްގައި ބޭނުންކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ.

ނާޒިމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި މިހާރު މެމްބަރުކަން ކުރައްވާ 15 މެމްބަރުންގެ ނަން އިއްޔެ ރައްޔިތުންގެ މަޖިލީހުން އާންމުކުރި ލިސްޓުގައިވެ އެވެ. އެއާއެކު އާންމުންގެ ގިނަ ބަޔަކު ވަނީ އެމްއެމްޕީއާރުސީ ޚިޔާނާތުގެ ލިސްޓުގައި ހިމެނޭ ފަރާތްތައް މަގާމުތަކުން އިސްތިއުފާ ދިނުމަށް ގޮވާލައިފަ އެވެ.

މި ލިސްޓްގައި ހިމެނޭތީ އޮޑިޓަރު ޖެނަރަލް ޒިޔަތު ވަނީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފަ އެވެ.