ބެއިޖިންގް (14 ޑިސެމްބަރު) - ދުނިޔޭގެ އެންމެ މަޝްހޫރު ކޮފީ ވިޔަފާރި، އެމެރިކާގެ ސްޓާބަކްސްއިން ޗައިނާގައި އޮޕްރޭޓްކުރާ ބައެއް އައުޓްލެޓްތަކުން ކޮފީ ހެދުމުގައި މުއްދަތު ހަމަވެފައިވާ ތަކެތި ބޭނުންކުރާކަން ފަޅާ އަރައިފި އެވެ.

ސްޓާބަކްސްއިން ވަނީ ޗައިނާގައި ހިންގަމުން އަންނަ އެކުންފުނީގެ ދެ އައުޓްލެޓެއްގައި މުއްދަތު ހަމަވެފައިވާ ކާބޯތަކެތި ބޭނުންކުރާކަން އެނގުމާއެކު އެ ގައުމުގައި ހިންގާ އެ ކުންފުނީގެ ހުރިހާ އައުޓްލެޓެއްގެ އޮޑިޓެއް ހަދައި ފުރިހަމަ ތަހުގީގެއް ކުރުމަށް ކުންފުނީގެ މެނޭޖްމަންޓުން ވަނީ ނިންމާފަ އެވެ.

އެކުންފުނިން ވަނީ ކާބޯތަކެތީގެ ރައްކާތެރިކަމަށް ވެވޭ ކޮންމެ އިހުމާލަކީ ސީރިއަސް މައްސަލެއްގެ ގޮތުގައި ނަގައި އެކަމުގައި ޒީރޯ ޓޮލަރެންސް އުސޫލު ގެންގުޅޭނެ ކަމަށް ބުނެފަ އެވެ.

ސޯޝަލް މީޑިއާގައި އިއްޔެ އާއްމުވެފައިވާ ވީޑިއޯއެއްގައި ސްޓާބަކްސްގެ މުވައްޒަފަކު މުއްދަތު ހަމަވެފައިވާ ޗޮކްލެޓް ސޯސްފުޅިއެއްގެ ލޭބަލް ނައްޓާލައި އާ ތާރީޚަކާއެކު ޕްރިންޓް ކޮށްފައިވާ އެހެން ލޭބަލްއެއް އެ ފުޅީގައި ހިއްޕާތަން ފެނެ އެވެ. އޭގެ އިތުރުން ހަމަ އެ ކުންފުނީގެ އެހެން އައުޓްލެޓެއްގައި މުއްދަތު ހަމަވެފައިވާ ޕޭސްޓްރީސް ވިއްކަން ނެރެފައިވާކަން ވަނީ އެނގިފަ އެވެ.

"މިކަމަށް އާއްމުންގެ ފަރާތުން ނިހާޔަތަށް މައާފަށް އެދެން. ކަމާ ބެހޭ ފަރާތްތަކުން ކުރާ ތަހުގީގުތަކުގައި މިކުންފުނީގެ އެއްބާރުލުން ފުރިހަމައަށް ލިބޭނެ. އަދި އެންމެ ފަހުގެ ހަބަރުތައް މީޑިއާ މެދުވެރިކޮށް ހިއްސާ ކުރެވޭނެ،" ސްޓާބަކްސް ޗައިނާގެ ވެއިބޯ އެކައުންޓްގައި ބުނެފައިވެ އެވެ.

އެކުންފުނިން ވަނީ އެކުންފުނީގެ މުވައްޒަފުންތަކެއް ގަވާއިދުތަކާ ހިލާފުވި ކަމަށް އެއްބްސްވެ ޗައިނާގެ އެކި ހިސާބުތަކުގައި ހިންގާ 5،400 އައުޓްލެޓުގެ ފުރިހަމަ ތަހުގީގެއް ކުރާނެ ކަމަށް ބުނެފަ އެވެ.

މި މައްސަލައާ ހެދި ސްޓާބަކްސްއަށް އާއްމުންގެ ރުޅިވެރިކަމާއި ފާޑުކިޔުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ. އެގޮތުން ޚިދުމަތްތަކުގެ އަގާ އެއްވަރުގެ ހިދުމަތެއް އެކުންފުނިން ނުދޭ ކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ.

ޗައިނާއަކީ ބޭރުގެ ބްރޭންޑްތައް ވަރަށް ގިނައިން ބޮއިކޮޓް ކުރެވޭ ގައުމެކެވެ. އެގޮތުން ސްވިޑަންގެ ފެޝަން ބްރޭންޑެއް ކަމަށްވާ އެޗް އެންޑް އެމް ވެސް ވަނީ އެކުންފުނީގެ ހެދުންތަކުގައި ޗައިނާގެ ކޮޓޮން ބޭނުން ނުކުރުމުން ހޫނުފެނަށް ވެއްޓިފަ އެވެ. – ދަ ސްޓްރެއިޓް ޓައިމްސް