ސްކޫލްގައި ފުޓުބޯޅަ ކުޅުނުއިރު މޮޅު ކުޅުންތެރިންގެ ތެރޭގައި އޭނާ ގުނާލެވޭ. ފަހުން އޭނާ ބޭނުންވީ އޭނާއަށް ލިބިފައިވާ ހުނަރު އިތުރު ކުރުމަށް ރާއްޖެއިން ބޭރަށް ދިއުމަށް. ނަމަވެސް ރާއްޖެއިން ބޭރުން އޭނާ ދެކުނު ހުވަފެން ހަގީގަތަކަށް ނުވެ، ފުޓުބޯޅައިގައި ކުރިއަށް ދާން ބޭނުންވާ ދާއިރާ ބަދަލު ކުރަން ޖެހުނު. މިއަދު އޭނާ ވަނީ ފުޓުބޯޅަ ކުޅުންތެރިއަކަށް ނުވެވުނަސް އެ ދާއިރާއިން ޕްރޮފެޝަނަލް ލެވެލްގެ މަގާމެއް ހާސިލްކޮށްފައި. އަދި އޭނާ ގެންދަނީ ހުނަރުވެރި އެތްލީޓުން އުފެއްދުމުގެ މަސައްކަތް ފަށަން ތައްޔާރު ވަމުން.

ދަސްކުރަން އެންމެ ފަސޭހަ ކުޅިވަރަކީ ފުޓުބޯޅަ ކަމަށް އެއްވެސް މީހަކު ދެބަހެއް ނުވާނެ އެވެ. ފުޓުބޯޅައިގެ ސަބަބުން ޓީމެއްގައި، އެއް ލަނޑުދަނޑިއަކަށް، އެއް ރޫހެއްގައި މަސައްކަތް ކުރަން ދަސްވެ އެވެ. ފުޓުބޯޅައަށް ދެވި ހިފުމަކީ ވަރަށް އާންމު އަދި އެކަމުގައި ވަކި އުމުރެއް ޖިންސެއް އިސްތިސްނާއެއް ވާ ކަމެއް ނޫނެވެ. މި ޒުވާނާއަކީ ވަރަށް ޅައިރު ފުޓުބޯޅައިގެ ހުނަރުތައް ދަސްކޮށް، ފަހުން އެ ކުޅިވަރާ ދުރުވާން ޖެހުނު ހިނދު ވެސް ދަނޑުމަތިން ނުފައިބައި ކުރިއަށް ދިޔަ މޮޅު މެޗް އެނަލިސްޓެކެވެ. އަދި ފިޓްނަސް ކޯޗެއް ވެސް މެ އެވެ.

ހ. އަތިރި ވެލި، މުހައްމަދު މަޙުރުސް އަހުމަދު (މައުސް) މީހުންނަށް ފާހަގަ ވާން ފެށީ މިހާރު ކުރިއަށްދާ ވޯލްޑް ކަޕް މުބާރާތުގައި "އައިސް" ޓީވީން ގެނެސްދޭ "އައިސް ނެޓްވާކް ކަވަރޭޖް ފީފާ ވޯލްޑް ކަޕް 2026" ގައި މެޗް އެނަލިސިސް ގެނެސްދިނުމުގެ ތެރެއިންނެވެ.

އޭނާ އަކީ މިވަގުތު ރާއްޖޭގައި ހިމެނޭ މަދު މެޗް އެނަލިސްޓުންގެ ތެރެއިން އެކަކެވެ. އޭނާ ވަނީ އެރޮގުން އިނގިރޭސިވިލާތުގައި މާސްޓާސް ޑިގްރީ ވެސް ފުރިހަމަކޮށްފަ އެވެ. އިޚުތިޔާރުކުރި ދާއިރާއިން މަސައްކަތް ކުރުމަށް ރާއްޖޭގައި މިވަގުތު ފުރުސަތު ނެތް ނަމަވެސް، މިއަދު ވެސް އޭނާގެ މަސައްކަތަކީ ގަވައިދުން މެޗްތައް ބެލުމާއި ޕޮޑްކާސްޓްތަކާއި ޑޭޓާތައް ދަސްކުރުމެވެ.

މައުސް(މެދުގައި)، އައިސްޓީވީގެ ޕްރޮގްރާމްގެ ތެރެއިން މެޗް އެނަލީސިސް ހަދަނީ: މެޗް އެނަލީސްޓުންނަކީ ޕްރޮފެޝަނަލް ފުޓްބޯޅަ ކުލަބުތަކުގައި މުހިންމު ދައުރެއް އަދާކުރާ ބައެއް

މައުސް ފުޓުބޯޅަ ކުޅެން ފެށީ އުމުރުން އެންމެ 8 އަހަރު ގަ އެވެ. ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް 8 އާ ހަމައަށް ކިޔެވިއިރު އޭނާ ވަނީ ސްކޫލް މެދުވެރި ވެގެން އީޓީއެފްއޭ (އާލީ ޓަޗް ފުޓްބޯލް)ގެ ޓްރެއިނިންތަކުގައި ބައިވެރިވެ ސްކޫލުން ހޮވާލެވޭ އެންމެ ފެންވަރު ރަނގަޅު ކުޅުންތެރިންގެ ތެރޭގައި ހިމެނިފަ އެވެ. މޮޅު ކުޅުންތެރިޔަކަށް ވުމުގެ ހުވަފެން ދެކެމުން އައި މަހުރުސް އެ ހިސާބުން، ދެން ބޭނުންވީ ފުޓުބޯޅައިގެ ހުނަރު އިތުރަށް ކުރިއެރުވުމަށްޓަކައި އިނގިރޭސި ވިލާތަށް ދިއުމަށެވެ.

"އެޑިއު ކިކް" އެކެޑެމީއާ ގުޅުމުން ދެވަނަ ވިސްނުމަކަށް

އިނގިރޭސިވިލާތުގެ މެންޗެސްޓާއަށް ގޮސް އޭނާ ގުޅުނީ "އެޑިއު ކިކްސް މެންޗެސްޓާ އެކެޑެމީ"އާ އެވެ. އެ އެކެޑެމީގައި އޭނާ ބައިވެރިވި ޕްރޮގްރާމްގައި ވާގޮތުން، ކޮންމެ ދުވަހަކު ވެސް ސްކޫލްގެ ކިޔެވުން ނިންމާފައި އެޑިއުކިކް ދަނޑަށް ކުޅެން ދާން ޖެހެ އެވެ. ނަސީބު ދިމާކުރީ ވެސް ވަރަށް ރަނގަޅަށެވެ. އެއީ އޭނާ ދިރިއުޅޭ ގެއިން ހިނގާލާފަ އެންމެ 20 މިނިޓުގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑް ދަނޑަށް ދެވޭތީ އެވެ.

މެންޗެސްޓާ އެކެޑެމީގައި ދެ އަހަރު ހޭދަކުރިއިރު ކުޅުމުގެ އިތުރުން އެތަނުގައި ކުޅޭ މެޗުތައް ބަލާލަން އޭނާއަށް ދިއުމުގެ ފުރުސަތު ލިބެ އެވެ. އެދިޔަ ދިއުމުގައި ގިނަ ޕްރޮފެޝަނަލް ކުޅުންތެރިންނާ ވެސް ދިމާވެ އެވެ. އޭގެ ތެރެއިން އެކަކީ އިނގިރޭސިވިލާތުގެ ގައުމީ ޓީމަށާއި އަދި މެންޗެސްޓާ ޔުނައިޓެޑްގެ ޓީމަށް ކުރިން ކުޅެފައިވާ ކުޅުންތެރިޔާ މަޝްހޫރު މައިކަލް ކެރިކް އެވެ. އޭނާ އަކީ މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މެނޭޖަރެވެ.

އިނގިރޭސި މަޝްހޫރު ކުޅުންތެރިޔާ އަދި މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗް މައިކަލް ކެރިކް އާއެކު ޓްރޭނިންގ ޝަނެއްގައި މައުސް ނަގާފައިވާ ފޮޓޯއެއް: މައުސްއަށް ދުނިޔޭގެ ފެންވަރުގެ މަޝްހޫރު އެތަށް ކުޅުންތެރިންނަކާ ބައްދަލު ވެފައިވޭ

އެއެކަޑަމީގައި ދުވަސްތަކެއް ހޭދަ ކުރުމަށް ފަހު އޭނާއަށް ތަފާތު ކަމެއް އިހްސާސް ވާން ފެށި އެވެ. އެއީ މާލޭގައި އެންމެ ރަނގަޅު ފެންވަރަށް ކުޅޭ ކުދިންގެ ތެރޭގައި އޭނާ ހިމެނުނު ކަމަށް ވި ނަމަވެސް، މެންޗެސްޓާގައި ބަލާ ފެންވަރަށް އޭނާއަށް ނުކުޅެވޭ ކަމެވެ. ފުޓުބޯޅައިގެ "ބޭސިކްސް" ވެސް އެނގިފައި ނުވާކަމެވެ.

އާމަގެއް ދައްކައި ދިނުމުގައި ޖޯން މެކެން ގެ ރޯލް

"މެންޗެސްޓާ ޓްރެއިނިން ގްރައުންޑުން އަޅުގަނޑާ ދިމާވި ކޯޗެއް އަޅުގަނޑަށް މިފީލްޑްގައި ކުރިއަށް ދެވިދާނެ އެހެން މަގެއް ދައްކައިދިން. އެއީ ކުރީގެ މެންޗެސްޓާ ސިޓީގެ ކުޅުންތެރިއެއް ކަމަށްވާ ޖޯން މެކެން. ޖޯން މެކެންއަކީ ޕްރީމިއާ ލީގުގައި ވެސް ކުޅުނު ކުޅުންތެރިއެއް. އެކޯޗު އަޅުގަނޑު ކައިރީ އެއް ދުވަހަކު ބުނީ ފުޓުބޯޅަ ނުކުޅެވުނަސް ދަނޑުން ނުފައި ބައްޗޭ. އަޅުގަނޑު ފުޓުބޯޅަ ދެކެ ލޯބިވާކަން އޭނާއަށް އެނގޭ ކަމަށާއި، ޕްލޭޔަރަކަށް ނުވެވުނަސް ކޯޗަކަށް ނުވަތަ އެނަލިސްޓަކަށް ވާންވީ ނޫންހޭ އޭނަ ބުނި،" މައުސް ބުންޏެވެ.

ޖޯން މެކެންގެ އިރުޝާދުގެ ދަށުން އުމުރުން 16 އަހަރުގައި މައުސް ދެން ވިސްނީ އޭނާ އުޅޭ އެކަޑެމީގެ ތެރެއިން "އެލްސްމިއާ ކޮލެޖް" ކިޔާ ކޮލެޖަކަށް ވަނުމަށެވެ. އެ ކޮލެޖަށް ވަނުމުގެ ބޭނުމަކަށްވީ އޭލެވެލް ހެދުމަށާއި ފުޓްބޯލް ކޯޗަކަށް ވުމެވެ. އޭނާ އޭލެވެލް ފުރިހަމަ ކުރީ ސްޕޯޓްސް ސައެންސާއެކު އެކީގަ އެވެ. އެ ކޮލެޖުގައި އުޅުނު ދުވަސްވަރު ފުޓުބޯޅަ ކުޅުމުގެ ގިނަ ފުރުސަތުތަކެއް ވެސް އޭނާއަށް ލިބިފައިވެ އެވެ.

މައުސް ބުނިގޮތުގައި ފުޓުބޯޅަ ނުކުޅެވުނު ނަމަވެސް، އެ ކުޅިވަރަށް ލޯބި ހުރި ނަމަ، ކުރިއަށް ދެވިދާނެ ގިނަ ދާއިރާތައް އެ ކުޅިވަރުގައި ވެ އެވެ. އޭގެ ތެރޭގައި މެޗް އެނަލީސިސް، ސްޕޯޓްސް ސައެންޓިސްޓް، އަދި ފިޓްނަސް ކޯޗްކަން ހިމެނެ އެވެ.

އޭލެވެލްގައި ލިބުނު ރަނގަޅު ނަތީޖާއަށް ފަހު، ދެން އޭނާ ފެށީ ޔުނިވާސިޓީ ތައުލީމެވެ. އެކަމަށްޓަކައި އިނގިރޭސިވިލާތުގެ "ބާތު" ސިޓީގައި ހުންނަ ޔުނިވާސިޓީ އޮފް ބާތްއަށް ބަދަލުވި އެވެ. އެ ޔުނިވާސިޓީގައި އޭނާ ކިޔެވީ ސްޕޯޓްސް ކޯޗިން އެންޑް މެނޭޖްމަންޓްގެ ދާއިރާއިންނެވެ. އެ ޔުނިވާސިޓީގައި 4 އަހަރު ހޭދަކުރި އިރު އޭގެ ތެރެއިން 1 އަހަރުގެ އިންޓާންޝިޕެއް އޭނާ ފުރިހަމަ ކުރަން ޖެހުނެވެ.

ފުޓްބޯލް އެނަލިސްޓަކަށް ވުމަށް ޝައުގުވެރިވުން

ދަނޑުގައި އުޅޭ ހިތްވި ނަމަވެސް، ކޯޗެއް އަޑުގަދަކުރާ ގޮތަށް އަޑުގަދަކޮށް ހެދުމަކީ މިޒާޖުގައި މަޑުމައިތިރި އަދި ބާރަށް ވެސް ވާހަކަ ދައްކަން އުނދަގޫ މައުސްއަށް ފަސޭހަ ކަމަށް ނުވި އެވެ. ވީމާ އިންޓާންޝިޕަށް ދިއުމުގެ ކުރިން ކޯޗަކަށް ވުމަށް ވުރެ މައުސްއަށް ކަމުދަނީ އެނަލިސްޓްކަން ކުރުން ކަމަށް ނިންމައި، ފުޓުބޯލް އެނަލިސްޓެއްގެ ގޮތުގައި މަސައްކަތް ކުރުމަށް އޭނާ ފޯމް ހުށަހެޅި އެވެ.

"އިންޓާންޝިޕް ހަދަން ފުރުސަތު ލިބުނީ ޔޫކޭގެ ހަވަނަ ޑިވިޝަންގެ ޗިޕެންހެމް ޓައުން ފުޓްބޯލް ކުލަބުން. އެތަނުގައި އެއް އަހަރުގެ އިންޓާންޝިޕެއް ފުރިހަމަ ކޮށްފައި ޔުނިވާސިޓީއަށް އަނބުރާ ދިއުމުން އެތަނުން ފުރުސަތު ލިބުނީ ލީޑް އެނަލިސްޓެއްގެ ގޮތުގައި މަސައްކަތް ކުރަން. އެ ފުރުސަތުގެ ބޭނުން ވެސް އަޅުގަނޑު ހިފިން،" މައުސް ބުންޏެވެ.

ފުޓްބޯޅައިގެ މެޗް އެނަލީސްޓެއްގެ ގޮތުގައި ލިބުނު ތަޖުރިބާތަކަށް ފަހު ،އޭނާ ދެން މާސްޓާސް ޑިގްރީ އިން ސްޕޯޓްސް ޕާފޮމަންސް އެނަލިސިސް ހަދަން ބޭނުންވި އެވެ. އެ ޑިގްރީ ފުރިހަމަ ކުރުމަށްޓަކައި ވަޒީފާގައި އުޅުން ޝަރުތަކަށްވި އެވެ. މިފަހަރު ވަޒީފާ ހަމަޖެހުނީ ޔޫކޭގެ ތިންވަނަ ޑިވިޝަން ކުލަބެއް ކަމަށް "ޕޯޓްސްމޮތް" އިންނެވެ.

ދެހާސް ތޭވިސް އަދި ސައުވީސްގެ އީ އެފް އެލް ލީގް ވަންގެ އެއްވަނަ ހޯދުމަށް ފަހު ޕޯޓްސްމޮތް ޓީމާއެކު މައުސް ފޮޓޯއަކަށް ހުއްޓިލައިގެން: ޕޯޓްސްމޮތަށް ލިބުނު ކާމިޔާބީއަކީ އޭނާ ކުރިމަސައްކަތަށް ވެސް ލިބުނު ކާމިޔާބީއެއް

"ޕޯޓްސްމޮތްއަކީ ޕްރީމިއާ ލީގުގައި ވެސް ކުޅުނު ކުލަބެއް. އެ ކުލަބްގައި އަޅުގަނޑު މަސައްކަތް ކުރީ 2023ގައި. އެ ކުލަބްގައި މަސައްކަތް ކުރިއިރު ޔުނިވާސިޓީއަށް ހާޒިރު ވާން ޖެހެނީ ހަފްތާއަކު އެއްދުވަހު. އަނެއް ހަ ދުވަހު އުޅެން ޖެހެނީ ކުލަބާ އެކީ. އެކުލަބުގައި ގިނައީ ވޯލްޑް ކަޕްގައި ވެސް ކުޅެފައިވާ ޕްރޮފެޝަނަލް ކުޅުން ތެރިން،" މައުސް ބުންޏެވެ.

އޭނާ ޕޯޓްސްމޮތްގައި މަސައްކަތްކުރި އަހަރު އެކުލަބަށް ވަރަށް ބޮޑު ކާމިޔާބީއެއް ވެސް ލިބުނެވެ. އެއީ އެފަހަރުގެ ލީގު ކާމިޔާބުކޮށް ދެވަނަ ޑިވިޝަނަށް ޕްރޮމޯޓް ވުމެވެ. މައުސް ބުނި ގޮތުގައި އެއީ އޭނާ ކުރި މަސައްކަތަކަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބެވެ.

އީ އެފް އެލް ލީގުގައި ޕޯޓްސްމޮތް އަށްލިބުނު ޓްރޮފީއާއެކު މައުސް ފޮޓޯއަކަށް ހުއްޓިލައިގެން: 2023ގެ ލީގް ކާމިޔާބުކޮށް އެޓީމް ދެވަނަ ޑިވިޝަނަށް ގެންގޮސް ދިނުމުގައި މައުސްގެ ހިއްސާއެއްވޭ

"މެޗް އެނަލިސްޓުންނަކީ ކޯޗަށް އެހީތެރިވާ ބައެއް. ޕްރޮފެޝަނަލް ޓީމްތަކުގަ މެޗް އެނަލިސްޓުން ތިބޭ. އަޅުގަނޑު ޕޯޓްސް މޮތްގައި މަސައްކަތް ކުރިއިރު އެ ކުލަބްގައި 5 މެޗް އެނަލިސްޓުން ތިބި ކޯޗިން ސްޓާފްގެ ތެރޭގައި. އެއީ ވަރަށް ބޮޑަށް ސޮފްޓްވެއާ ބޭނުންވާ ދާއިރާއެއް. ރާއްޖޭގައި ބައެއް ކޯޗުން ބޭނުންވޭ އެންލިސްޓެއް ބަހައްޓަން. އެހެން ނަމަވެސް ރާއްޖޭގައި ފުލްޓައިމް އެންވަޔަމަންޓެއް ނެތީތީ މިކަން ކުރަން ދަތިވާނެ،" މައުސް ދެކޭގޮތް ހާމަކޮށްލި އެވެ.

އިނގިރޭސިވިލާތުގައި ނުވަ އަހަރު ހޭދަ ކޮށްފައި ރާއްޖެއަށް

މައުސް ބޭނުންވީ އޭނާ ވެސް ހިއްސާވި ޕޯޓްސްމޮތުގެ ބޮޑު ކާމީޔާބީއަށް ފަހު، މެޗް އެނަލިސްޓެއްގެ ގޮތުގައި އިނގިރޭސި ވިލާތުގައި ދާއިމީކޮށް މަސައްކަތް ކުރުމަށެވެ. އެހެން ނަމަވެސް އެ ވަގުތު ކަންތައްތައް ދިމާވި ގޮތުން ރާއްޖެ އައުން ރަނގަޅުވާނެ ކަމަށް ބެލެވި މާލެ އައީ އެވެ.

މި ވަގުތު އޭނާ މަސައްކަތް ކުރަނީ ރާއްޖޭގެ މަޝްހޫރު ވެލްނަސް އަދި ފިޓްނަސް މާހިރެއް ކަމަށްވާ ހުސެން ޒިނާންގެ "ޓެމްޕޯ" ޖިމްގައި ފިޓްނަސް ކޯޗެއްގެ ގޮތުގަ އެވެ. އޭގެ އިތުރުން ގައުމީ ޓީމުގެ ޕްރެކްޓިސްތަކުގައި ވެސް އޭނާ ފިޓްނަސް ކޯޗެއްގެ ގޮތުން އެހީތެރިވެ އެވެ.

މައުސް ރާއްޖޭގެ ނެޝަނަލް ޓީމްއަށް ސްޓްރެޗް ކުރާނެގޮތް ކިޔައިދެނީ: ގައުމީޓީމުގެ ޕްރެކްޓިސްތަކުގައި ފިޓްނަސް ކޯޗެއްގެ ގޮތުން އޭނާ އެހީތެރިވޭ

މައުސް ކުރިއަށް ރާވާފައި ހުރި ކަންތައްތަކުގެ ތެރޭގައި، ހުސެން ޒިނާންއާ ގުޅިގެން ރާއްޖޭގައި ދުނިޔޭގެ ފެންވަރުގެ އެތްލީޓުން އުފެއްދުމުގެ މަގުސަދުގައި މާލޭގައި އެތުލީޓް ސެންޓަރެއް ހުޅުވުން ހިމެނެ އެވެ.

ފުޓުބޯޅަ ކުޅުންތެރިއަކަށް ނުވެވުނަސް މައުސް އެ ވަނީ މެޗް އެނަލިސްޓެއްގެ ގޮތުގައި ޕްރޮފެޝަނަލް ލެވެލްގައި ފައިހަމަ ކޮށްފަ އެވެ. އޭނާގެ އުންމީދަކީ ކޮންމެ ވެސް ދުވަހަކުން ރާއްޖޭގައި މެޗް އެނަލިސްޓެއްގެ ގޮތުގައި މަސައްކަތް ކުރުމެވެ.