ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އިއްޒަތްތެރިޔާ އަދި ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ސަރުކާރުގައި ގިނަ ދުވަސްތަކެއްވަންދެން ކޮންސްޓްރަކްޝަން މިނިސްޓަރުކަން އުމަރު ޒާހިރު ކޮވިޑަށް ޕޮޒިޓިވްވެ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރީގެ މިނިސްޓަރު އުމަރު ޒާހިރު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ މީގެ ހަތަރު ދުވަސް ކުރިންނެވެ. އުމަރު ޒާހިރުގެ ހާލުކޮޅު ސީރިއަސްވެގެން މިވަގުތު ފަރުވާ ދެމުން އަންނަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި އޮކްސިޖަން ގުޅައިގެންނެވެ.

އުމަރު ޒާހިރުގެ އާއިލާއިން ބުނިގޮތުގައި އެމަނިކުފާނުގެ އަމިއްލަފުޅު ހަރަދުގައި ފުވައްމުލަކުގައި ބިނާކުރެއްވި މިސްކިތް ހުޅުވުމަށް މިދިޔަ ހަފުތާގައި އެ ރަށަށް ކުރެއްވި ދަތުރުފުޅަށްފަހު އެނބުރި މާލެވަޑައިގެންވި ފަހުން އުޅުއްވީ އާލާސްކަންފުޅާ އެވެ.

މިހާރު އުމުރުފުޅުން 85 އަހަރުގެ އުމަރު ޒާހިރަކީ ސަރުކާރު މަތީ އެތައް މަގާމެއް ފުރުއްވާފައިވާ ހދުމަތްތެރި ބޭފުޅެކެވެ.

އުމަރު ޒާހިރަށް، ނިޝާން އިއްޒުއްދީންގެ އިއްޒަތްތެރި ވެރިކަމުގެ ލަގަބު ލިބިވަޑައިގެންނެވީ 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ދިހަ ވަނަ ދުވަހު އެވެ.

ރައީސް މައުމޫނުގެ ވެރިކަމުގައި ގިނަ މިނިސްޓްރީތަކެއް ހިންގެވި އުމަރު ޒާހިރު 1983 ވަނަ އަހަރުން ފެށިގެން 1988 ވަނަ އަހަރާ ހަމަޔަށް ވަނީ މިނިސްޓަ އޮފް ހޯމް އެފެއާޒް އެންޑް ސޯޝަލް ސާވިސަސްގެ މަގާމު އަދާކުރައްވާފަ އެވެ. އަދި 1988ން ފެށިގެން 1993ވަނަ އަހަރާއި ހަމަޔަށް އުމަރު ޒާހިރު ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒް އެންޑް ސްޕޯޓްސްގެ މަގާމު އަދާކުރައްވާފަ އެވެ. ރާއްޖޭގެ ކުޅިވަރާއި ބެހޭ ފުރަތަމަ ވަޒީރަކީ ވެސް އެ މަނިކުފާނެވެ.

އުމަރު ޒާހިރު ވަނީ މިނިސްޓަ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާކްސްކަމާއި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ސީނިއާ މިނިސްޓަރުކަން ވެސް ކުރައްވާފަ އެވެ.