ތެލް އަވީވް (29 ޑިސެމްބަރު) - ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އިޒްރޭލަށް ކުރެއްވި ދަތުރުފުޅެއްގައި އެ ގައުމުގެ ޑިފެންސް މިނިސްޓަރު ބެނީ ގެންޓްޒްއާ ބައްދަލު ކުރައްވައިފި އެވެ.

މި ބައްދަލުވުމަކީ އިޒްރޭލުގެ އޮފިޝަލުންނާ ފަލަސްތީނުގެ ސަރުކާރާ ދެމެދު ބާއްވާ ސިލްސިލާ ނުރަސްމީ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެކެވެ.

އިޒްރޭލުގެ އާ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ވަނީ ފަލަސްތީނުގެ ފުރިހަމަ މިނިވަން ކަމަށް ދެކޮޅު ހަދައި ރަސްމީ ސުލްހައިގެ މަޝްވަރާތައް ކުރިއަށް ނުގެންދަން ނިންމަވާފަ އެވެ. އެހެން ނަމަވެސް ފަލަސްތީނާއެކު އޮތް ނުތަނަވަސްކަން ކުޑަކޮށް ހިފާފައިވާ ހުޅަނގު އައްސޭރީގައި ދިރިއުޅޭ އިޒްރޭލުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށްދޭން ބޭނުންވާ ކަމަށް ނަފްތާލީ ވިދާޅުވެފައިވެ އެވެ.

މިއާއެކު ވެސް ހުޅަނގު އައްސޭރީގައި އާބާދުވެފައިވާ މީހުންނާއި ފަލަސްތީނުގެ އާއްމުންނާ ދެމެދު ކުރިމަތިލުންތަކާއި ހަމަނުޖެހުންތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

ފަލަސްތީނުގެ އޮފިޝަލަކު ވިދާޅުވީ ގޮތުގައި އިއްޔެ ރޭގެ ވަގުތެއްގައި ކުރިއަށްދިޔަ މި ބައްދަލުވުން އޮތީ ޑިފެންސް މިނިސްޓަރު ބެންޓްޒްގެ ރަސްމީ ގެކޮޅުގަ އެވެ. މިއީ 2010 ވަނަ އަހަރަށްފަހު ފަލަސްތީނުގެެ ރައީސަކު އިޒްރޭލުގެ އޮފިޝަލަކާ ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ.

މި ބައްދަލުވުމުގައި ދެފަރާތުން ވެސް ހުޅަނގު އައްސޭރިއާއި އެނޫންވެސް ދެގައުމުގެ މަސްލަހަތު އޮތް ސަރަހައްދުތަކުގައި ސަލާމަތީ ކަންކަން އިތުރު ކުރުމާއި ސިޔާސީ އެއްބާރުލުން ދިނުމާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އިޒްރޭލުގެ މައްސަލާގައި އައްބާސްގެ ސަރުކާރާއި ހަމާސް ޖަމާއަތާ ދެމެދު ޚިޔާލު ތަފާތުވުންތައް އުފެދި ފަލަސްތީނުގެ ރައްޔިތުން ވެސް ވަނީ މި ދެ ފިކުރުގެ މެދުގައި ބައިބައިވެފަ އެވެ. -- އަލް އަރަބިއްޔާ