އިސްރާއީލާއެކު ރާއްޖެއިން ސިޔާސީ ގުޅުން ގާއިމްކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ދިވެހި ސަރުކާރުން ދޮގުކޮށްފި އެވެ. ފޮރިން މިނިސްޓްރީން މިރޭ ބުނީ އިސްރާއީލާ ހާރިޖީ ގުޅުން ގާއިމުކުރުމުގެ މަޝްވަރާއެއްވެސް އަދި މަސައްކަތެއްވެސް ދިވެހި ސަރުކާރުން ނުކުރާ ކަމަށެވެ.

ރާއްޖެއިން އިސްރާއީލާ ގުޅުން ގާއިމްކުރަން އުޅޭ ކަމަށް އެ ގައުމުގެ ނޫހެއް ކަމަށްވާ ޓައިމް އޮފް އިސްރާއީލްގައި ވަނީ ރިޕޯޓްކޮށްފަ އެވެ. އެ ނޫހާ ހަވާލާދީ އެ ޚަބަރު ދިވެހި ބައެއް މީޑިއާތަކުގައި ވެސް ރިޕޯޓް ކުރި އެވެ.

އިސްރާއީލުގެ ޑިޕްލޮމެޓިކް ފަރާތްތަކާ ހަވާލާދީ އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެގައުމުން ދެން އެންމެ އަވަހަށް ގުޅުން ގާއިމް ކުރާނީ ކޮމޯރޯސް އަދި ރާއްޖެއިންނެވެ. އަދި އެކަމަށްޓަކާއި އެ ދެ ގައުމުގެ ދެމެދު މަޝްވަރާތަކެއް ކުރިއަށްދާ ކަމަށްވެސް އެ ނޫހުން ރިޕޯޓުކޮށްފައިވެ އެވެ. އެހެން ނަމަވެސް ގުޅުން ގާއިމްކުރަން ނިންމައި އެކަން އަވަސް މުސްތަގްބަލެއްގައި އިއުލާން ކުރާނެ ކަމަށް ނުބެލެވޭ ކަމަށްވެސް ބުނެފައިވެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައިވެސް އިސްރާއީލާ ދިވެހި ރާއްޖެއާއެކު ގުޅުން ގާއިމްކުރަން މަސައްކަތްކޮށްފައިވެ އެވެ. ނަމަވެސް އޭރުގެ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅަށް އަޑުއުފުލަން ފެށުމުން ސަރުކާރުން ވަނީ އެކަން ހުއްޓާލާފަ އެވެ.