މިއަހަރުގެ އެންމެ ރީތި ތާރީހުގެ ތެރޭގައި ހިމެނޭ 02.02.2022 ގައި 39 ކައިވެނި ކުރުމަށް ހަމަޖެހިފައިވާ ކަމަށް ފެމެލީ ކޯޓުން ބުނެފި އެވެ.

ދިވެހިން ތެރޭގައި ވެސް ރީތި ތާރީހުގައި ކައިވެނި ކުރުމަކީ ގިނަ ބަޔަކު ކުރާ ކަމެކެވެ. އެގޮތުން ކޮންމެ އަހަރަކު ވެސް އެންމެ ގިނަ ކައިވެނި ކުރަނީ އެ އަހަރެއްގައި އަންނަ އެންމެ ރީތި ތާރީހުތަކުގަ އެވެ.

އެގޮތުން ފެމެލީ ކޯޓުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ މިއަހަރުގެ ރީތި ތާރީހުތަކުގެ ތެރެއިން މާދަމާ 02.02.2022 ގައި މާލެ ސަރަހައްދުގައި 39 ކައިވެނި ކުރާގޮތަށް ވަނީ ހަމަޖެހިފައިވާ ކަމަށެވެ. އަދި އަތޮޅު ތެރޭގައި ވެސް މިދުވަހު ގިނަ ކައިވެނިތަކެއް ކުރާނެ ކަމަށް ބެލެވެ އެވެ.

ފެމިލީ ކޯޓުން ބުނީ މާލޭގައި މާދަމާ 39 މީހަކު ކައިވެނިކުރަން ނިންމާފައިވާއިރު މީގެ ތެރެއިން 28 ކައިވެންޏެއް ކުރަން ނިންމާފައި ވަނީ ކޯޓުގައި ކަމަށާއި ކޯޓުން ބޭރުގައި 11 ކައިވެންޏެއް ހަމަޖައްސާފައިވާ ކަމަށެވެ.

މިއަހަރު ދެން އެންމެ އަވަހަށް އަންނާނެ ރީތި ތާރީހަކީ މިމަހުގެ 22 އެވެ. އެއީ 22-02-22 އެވެ. މިއީ މި އަހަރު އެންމެ ގިނަ ބަޔަކު ކައިވެނިކުރާ ދުވަހަށް ވުން ވެސް އެކަށީގެންވެ އެވެ.

މިދިޔަ އަހަރު ފެމިލީ ކޯޓުން 2399 ކައިވެނި ކޮށްދިންއިރު 1192 ވަރި އެ ކޯޓުން ރަޖިސްޓްރީ ކޮށްފައިވެ އެވެ.