އިންޑިއާގައި ބާއްވާ އެކި ރިއަލިޓީ ޝޯތަކުގައި ބައިވެރިނުވަނީ، ޝޯގެ ބައިވެރިންނަށް ހައްގު ނުވާ ތައުރީފު ކުރަން އަންގާތީ ކަމަށް ސޯނު ނިގަމް ބުނެފި އެވެ.

އިންޑިއާގެ ނޫސްތަކާ ވާހަކަދައްކަމުން ސޯނޫ ބުނީ، އޭނާ ވޭތުވެ ދިޔަ އަހަރުތަކުގައި ޝޯތަކުގެ ފަނޑިޔާރުކަން ކުރުމަށް އިންކާރުކުރީ، ގިނަ އަހަރުތަކެއް ވަންދެން އެކި ރިއަލިޓީ ޝޯތަކުގައި، ފަނޑިޔާރުކަން ކޮށް، އެކަމުގެ ތަޖުރިބާކުރުމަށް ފަހު ކަމަށެވެ.

އެހެންނަމަވެސް ފަހަކަށް އައިސް ރިއާލިޓީ ޝޯތަކުގައި ފަނޑިޔާރުންނަށް އަމަލުކުރަންޖެހޭ ގަވާއިދުތަކާއި އުސޫލުތަކާ މެދުގައި އޭނާ ހިތްހަމަ ނުޖެހޭކަން ފާހަގަކޮށް ސޯނޫ ބުނީ، އެއްވެސް އަސާސެއް ނެތް ކަންކަން ކުރަން ބުނާތީ އޭނާ ޝޯތަކުގައި ފަނޑިޔާރުކަންކުރުން މިހާރު ހުއްޓާލައިފި ކަމަށެވެ.

ސޯނޫއަކީ އިންޑިއާގައި ފާހަގަކޮށްލެވޭ ލަވަކިޔުންތެރިއެކެވެ. އެގޮތުން އޭނާ ވަނީ ބޮލީވުޑްގައި ގިނަ އަދަދެއްގެ ރީތި ލަވަތަކެއް ކިޔައިދީފަ އެވެ.

އޭނާގެ ލަވަކިޔުމުގެ ކެރިއަރު އެންމެ ފުރަތަމަ ފަށާފައިވަނީ އުމުރުން އެންމެ ތިން އަހަރުގަ އެވެ. އަދި އުމުރުން 18 އަހަރުގައި ސޯނޫ ވަނީ އޭނާގެ ބައްޕައާ އެކު، ބޮލީވުޑަށް އައުމަށްޓަކައި މުމްބައީއަށް ބަދަލުވެފަ އެވެ.